ނިމިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް ފާހަގަކުރެވޭ މިންވަރަކަށް ދަށްކުރެވިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ބޭނުންކޮށްފައިވަނީ 37.42 ބިލިއަން ރުފިޔާކަމަށެވެ. އެހެންކުން އެ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ ކަނޑައެޅިފައިވާ އަދަދުގެ 76 އިންސައްތަކަން ފެނިގެންދެއެވެ. މި އަހަރުގެ ތެރޭގައި ހިލޭ އެހީ އަދި އާމްދަނީގެ ގޮތުގައި 39.79 ބިލިއަން ރުފިުޔާ ލިބިގެންދާނެކަމަށް ލަފާކޮށްފައިވާއިރު މީގެ ތެރެއިން 90 އިންސައްތައާއި ގާތްކުރާ އަދަދެއް ލިބިފައިވެއެވެ.
ޖުމުލަ އާމްދަނީގެ ތެެރެއިން 26.76 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް ނޫން އެހެނިހެން އާމްދަނީ 8.7 ބިލިއަން ރުފިޔާއަށްވުރެ އިތުރެވެ. ޖުމުލަ ހަރަދުވެސް ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަ؛ލާއިރު ފާހަގަކުރެވޭ މިންވަރަކަށް ދަށްކުރެވިފައިވާކަން ފެނިގެންދެއެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި ހޭދަކޮށްފައިވަނީ 42.75 ބިލިއަން ރުފިޔާކަމަށްވާއިރު މި އަހަރު ހަރަދުކޮށްފައިވަނީ 37.42 ބިލިއަން ރުފިޔާކަން ފެނިގެންދެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށްޓަކައި ހޭދަކޮށްފައިވަނީ 7.24 ބިލިއަން ރިފިޔާއެވެ. އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ބުރިޖުގެ މަޝްރޫޢުތައް ހިމެނޭ ދާއިރާކަމަށްވާކަށްވާ ޓްރާންސްޕޯޓު ދާއިރާއަށެވެ. ޕީއެސްއައިޕީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ދާއިރާތަކުގެ ތެރޭގައި ބިން ހިއްކުމާއި ވެށި ރައްކައުތެރިކުރުމުގެ ދާއިރާ ހިމެނެއެވެ. ސިއްހީ ދާއިރާ ތަރައްގީކުރުމުގެ މަސައްކަތްތަކަށް ޕީއެސްއައިޕީގެ ގޮތުގައި 432.3 މިލިއަން ރުފިިޔާ ހަރަދުކޮށްފައިވެއެވެ.

