ރާއްޖޭގައި ފުރަތަމަފަހަރަށް، ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގެ ޤާނޫނުގެދަށުން، ސަސްޓެއިނަބަލް ޓައުންޝިޕެއް ޤާއިމް ކުރުމުގެ ހުއްދަ ދީފިއެވެ.
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ސޯޝަލްމީޑިއާގައި އާންމުކުރެއްވިގޮތުން ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބިނާކުރުމަށް ހުއްދަ ދީފައިވާ ސަސްޓެއިނަބަލް ޓައުންޝިޕު މަޝްރޫޢު 12 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކުން އަގުކުރެވޭކަމަށެވެ.
ނ އަތޮޅުގައި ތަރައްގީކުރާ މި ޓައުންޝިޕް ވެގެންދާނީ މިޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާއެކު މި ސަރަހައްދުގެ ކަނޑާއި ގުދުރަތީ ރީތިކަން އިތުރަށް ފާހަގަކުރެވިގެންދާނެ ތަނަކަށްކަން ހިއްސާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެތަނަކީ ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްޙީ އަދި ދުޅަހެޔޮ ކަމުގެ ފަރުވާލިބޭ ވަސީލަތް ޤާއިމް ކުރުމުގެ އިތުރަށް، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލަކާއި، %60 އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ގާބިލްކަން ހުރުން ލާޒިމުކޮށްފައިވާ ތަނެއްކަމަސެވެ.
މީގެ އިތުރުން ދަނޑުވެރިކަމުގެ ވަސީލަތާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަރކަލްޗަރ، މެރިކަލްޗަރގެ ޒޯނެއް ހިމެނޭނެއިރު ފަތުރުވެރިކަމުގެ ކޮމްޕޯނަންޓްތަކުގެ އިތުރުން އިޖްތިމާއީ މުހިންމު އެސެޓުތަކެއް ތަރައްޤީ ކުރެވިގެންދާ މި މަޝްރޫޢަކީ، ސަރުކާރަށް އާމުދަނީ ވަންނާނެ މުހިންމު ޓެކްސްތައް ކަމުގައިވާ ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލީސްރެންޓް އަދި ގްރީން ޓެކްސް ވެސް ސަރުކާރަށް ލިބޭގޮތަށް ޤާނޫނަށް ބަދަލުގެނެވި އެސް.އީޒެޑަށް ހުއްދަ ދީފައިވާ މަޝްރޫޢުއެއްކަމަށް އަލިއެޅުއްވިއެވެ.
ސައީދު ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ ޓެކްސް ބޭސް ފުޅާވެ ސަރުކާރަށް އާމްދަނީ ވަންނަ މިންވަރު އިތުރުވާނެކަމަސެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ތިބެގެން، ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ސްކޫލެއްގައި ތަމްރީނުވެ، ޒުވާނުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެކަމަށެވެ.
މިނިސްޓަރވަނީ މި މަޝްރޫޢު 2028 ވަނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އިންވެސްޓުކުރާ ފަރާތްތަކުން މައުލޫމާތުދޭކަންވެސް ހާމަކުރައްވާފައެވެ. އަދި އެސްއީޒެޑްގެ ގާނޫނަށް އަމަލުކުރަން ފަށައި އިސްލާހުތައްވެސް ގެނެވިފައިވާއިރު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަރައްގީގެ މެނިފެސްޓޯ ހަގީގަތަކަށް ވަމުން އަންނަކަމަށްވުމުން އެއީ ގައުމާއި ރައްޔިތުންނަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަމަށްވެސް ވިދާޅުވިއެވެ.

