ބޮޑުކަންނެލީގެ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރާއީސް ވަނީ ދުވާފަރަށް ވަޑައިގެންފައެވެ. ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމުގެ ގޮތުން އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި ”އެސްޓީއޯ ރޭޓު“ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ”އެސްޓީއޯ ރޭޓު“ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކޮންމެ އަތޮޅެއްގައިވެސް، މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ވައުދެކެވެ.
ދާދިފަހުން މި ކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކެއް ކަމަށާއި އެކަންކަން ހައްލުކުރުމަށް ވަގުތުނަގާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

