ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި (ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އެޗްޑީސީން ސޮއިކޮށްފިއެވެ.
މި މަޝްރޫޢު އެޗްޑީސީއަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢަކީ ދުވާފަރު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެއްބަސްވުމުގެ ދަށުން، އެޗްޑީސީން ދުވާފަރުގައި ޒަމާނީ ފެންވަރުގެ 50 ހައުސިންގ ޔުނިޓު ތަރައްގީކޮށް ނިންމާނެއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، އަލީ ޒުހައިރް އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގައި އެޗްޑީސީއަކީ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ދުވާފަރުގެ މަޝްރޫޢާއެކު، އެ ކޯޕަރޭޝަނުން ދަނީ ރަށްރަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަލުވިކުރަމުންނެވެ. މި މަޝްރޫޢު ނިމުމުން ދުވާފަރުގެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

