މަސްވެރި ސިނާއަތަށް ބަދަލުގެނައުމުގައި މަސައްކަތްކުރައްވާނީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ރައީސް ވަނީ މަސްވެރިންނާއި ބައްދަލުކުރައްވާފައެވެ. ރައީސް ވިދާޅުވީ މަސްވެރިންގެ ފަރާތުން، ކެޔޮޅުންގެ ފަރާތުން އަދި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި އެކި ފަހަރުމަތިން ބައްދަލުވެފައިވާ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަންކަމާއި އަދި މަސްވެރިން އެދިފައިވާ ކަންކަމަށް ވަރަށް އީޖާބީ ގޮތެއްގައި ކުރިއެރުން ތަކެއް ގެނެސްދޭން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދާއި ހަމައަށް އައިއިރުވެސް، ބައެއް ކަންކަން ކުރެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހުރި ގޮތަށް އެކަންކަމަށްވެސް ބަދަލުތައް ގެނެސްދޭން ކަމަށެވެ.
ރައީސް ވިދާޅުވީ މަސްވެރިން ފާހަގަކުރާ އެއްވެސް ކަމަކީ ބޭކާރުވެގެންދާނެ ކަމެއް ނޫން ކަމަށެވެ. ބޭނުންފުޅު ވަނީ އެ ސިނާއަތު ނަގައި ކޮޅަށް ޖަހަން ކަމަށް އަދި އިތުރަށް ކުރިއަށް ގެންދަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ހިޔާލާއި މަޝްވަރާއަކީ ސިނާއަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމު ކަން ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ބަލައި މި ސިނާއަތު ކުރިއެރުވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ރ. ދުވާފަރަށް ވަޑައިގެންނެވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ދުވާފަރުގައި ކަމަށްވާތީއެވެ.

