ޝަކުވާތަކުގެ އަޑަށް މި ސަރުކާރުން ނުފިލާނެކަމަށާއި، ލިބޭ ކޮންމެ ކަންބޮޑުވުމެއް ހައްލު ކުރުމަށް ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދަވާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންނާއި އެކު އޮތް ބައްދަލުވުމުގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ކެބިނެޓު ވަޒީރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މަސްވެރިން ވަނީ، ސިނާއަތުގައި ދިމާވާ އެކި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ހައްލުކޮށްދިނުމަށް އެދިފަ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ޝާމިލުވެވަޑައިގަންނަވާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ، އަދި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ ، ހިއްސާކުރެއްވި އެއްވެސް ޚިޔާލަކާއި މަޝްވަރާއަކީ ބޭކާރުވެގެންދާނެ ކަމެއް ނޫންކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އީޖާބީ ގޮތެއްގައި މަސައްކަތްކޮށްދެއްވާނެކަމަށާ، މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އަދި ކަންބޮޑުވުންތައް އައުމުން އެ ހައްލު ކުރާނީ، ވެސް ފިލައިގެން ތިބެ ނޫންކަމަށް ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައި ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒު ވެސް އެންމެ ބޭނުންފުޅުވާ ގޮތަކީ އަދި ދެއްވާ އިރުޝާދަކީ ވެސް އެއީ ކަމަށެވެ.
މަސްވެރިންގެ އެކިއެކި ކަންބޮޑުވުންތައް މިނިސްޓްރީއާ ހަމައަށް އަންނަކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، މިނިސްޓްރީއާއި ގުޅުންހުރި މައްސަލަތަކާއި، މަސް ކުންފުނި މިފްކޯއާ ގުޅޭ ކުދިކުދި އަދި ބޮޑެތި މައްސަލަތައްވެސް މަސްވެރިން ހިއްސާކުރާ ކަމަށެވެ. އަދި މިފްކޯއާވެސް އެކަންކަން ސީދާ ހިއްސާކުރެވޭކަމަށް ވިދާޅުވި އެވެ.
މެނިފެސްޓޯ ތަންފީޒުކުރުމުގަ އަޅުގަނޑު ބަލާނަން ވީހާވެސް ގާތުން ތިބޭފުޅުންނާ އެކީގަ މަސައްކަތް ކުރެވޭތޯ… އަޅުގަނޑުވެސް އެދެނީ ހަމަ ވީހާވެސް ޑައިރެކްޓްކޮށް ތިގޮތަށް ހަމަ އަޅުގަނޑާ ދޭތެރޭގަ އޮންނަ ތަފާތުކަމެއް ވިޔަސް ހަމަ ސީދާ ތިގޮތަށް ވިދާޅުވީމަ ވަރަށް ފަސޭހަވާނެ އަޅުގަނޑަށްވެސް އެކަންކަން ރަނގަޅުކުރަންދެންތޯ… އަޅުގަނޑުމެންނަކީ ޔަގީނުންވެސް އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ވާހަކަތަކަށް ފިލައިގެން ތިބެ މަސްއަލަ ހައްލުކުރާކަށް އަޅުގަނޑުމެންނަށް ނަހަދާނެ..
ބޮޑުކަންނެލި މަސްވެރިން އަމިއްލަ ކުންފުނިތަކާ މަސައްކަތްކޮށް މަސްވިއްކާ ކަމަށާއި، އެ މުއާމަލާތްތަކުގައި ވެސް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން އެފަރާތްތަކުން ހިއްސާ ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ ހުރިހާ ކަންބޮޑުވުންތަކެއްގައި މަސްވެރިންނަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ޝިޔާމް ދެއްވިއެވެ.
ޝިޔާމް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި މަސްވެރިންގެ ހިޔާލު ހޯދާނެކަމަށެވެ. އަދި، މަސްވެރިންގެ ފަރާތުން ހިއްސާކުރާ ކަންބޮޑުވުންތަކަށް ފިލައިގެން ތިބެ ހައްލު ހޯދުމުގެ ބަދަލުގައި، ސީދާކޮށް މައްސަލަތައް ހިއްސާކުރުމަށް އެދިވަޑައިގަތެވެ.
މަސްވެރިންނާއި ސަރުކާރު މަސައްކަތް ކުރަނީ އެއް އަމާޒަކަށްކަމަށާއި، މަސްވެރިންގެ މުހިންމު ކަންބޮޑުވުންތައް ހައްލުކުރުމުގައި މަސައްކަތް މިހާރު ވެސް ކުރެވޭކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެދިވަޑައިގަތީ ކަންކަމުގައި މަސްވެރިން ސީދާ ދެކޭ ގޮތް ވެސް ހިއްސާ ކުރުމަށެވެ. ޝަކުވާތަކާއި، ކަންބޮޑުވުންތައް ވެސް އަޑުއަހައި، އެކަންކަން ހައްލު ކުރުމަށް ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ޝިޔާމް ވިދާޅުވ އެވެ.

