މަސްވެރިންނަށް މާލީ އެހީ ލިބޭނޭ ގިނަ ހިދުމަތްތަކާއި އެކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިޔާ ޕޯޓަލް އިފްތިތާހުކޮށްފި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް، ރ. ދުވާފަރުގައި ކުރިޔަށް ގެންދިޔަ ރަސްމީ ޖަލްސާގައި މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން އެވެ.
އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަށް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ފަރުމާ ކުރި މި ޕޯޓަލްގެ ދަށުން ގެދޮރު އިމާރާތްކޮށް މަރާމާތު ކުރުމަށް 45 މިލިއަން ރުފިޔާއާއި ހަމައަށް ލުއި ލޯނަށް އެދި ހުށަހެޅޭނެ އެވެ.
މީގެއިތުރުން މަސްވެރިކަމަށް ބޭނުންވާ ސާމާނާއި، ތަކެތި އައު ކުރުމަށްޓަކައި ލުއި ފަސޭހަ ފައިނޭންސްގެ ޒަރިއްޔާއިން 3 ލައްކަ ރުފިޔާއާއި ހަމައަށް އެދި ހުށަހެޅޭނެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި، ދަރިންގެ މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ރާއްޖޭގެ ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސިނަށް އެދި ހުށަހެޅޭނެ އެވެ. އަދި ތައުލީމު ހާސިލު ކުރުމަށް ހިންގާ ހަރަދުގެ 90 އިންސައްތައާއި ހަމައަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީތެރިކަން ހޯދޭނެ އެވެ.
މި އެހީ ދޫކުރުމަށް ހަމަޖެހިފައި ވަނީ 2.5 އިންސައްތައިގެ ޕްރޮފިޓް މާޖިންއެއްގަ އެވެ.
އިތުރު ހިދުމަތްތަކުގެ ތެރޭގައި 7 އަހަރުގެ މުއްދަތެއްގެ ތެރޭގައި ފައިސާ އަނބުރާ ދައްކަން ޖެހޭ ގޮތަށް އޮޑި ދޯނުފަހަރު ބަނުމާއި، ގަތުން އަދި މަރާމާތު ކުރުމުގެ މަސައްކަތަށް 70 އިންސައްތައާއި ހަމައަށް ފައިނޭންސް ހޯދޭނެ އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި ޕޯޓަލްގެ ސަބަބުން، އެ ބޭންކުގެ އެއްވެސް ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރެގެން ފަސޭހަކަމާއި އެކު ސްކީމްތަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޕޯޓަލް މެދުވެރިކޮށް ސްކީމްތަކުގެ ތަފްސީލާއި ޕްރޮސެސް ކުރިޔަށްދާ ގޮތް ބެލުން އަދި އެހެނިހެން މައުލޫމާތުތައް ބަލާލެވޭނެ އެވެ. އަދި ޕޯޓަލްގެ ހިދުމަތްތަކަށް ލިޔެކިއުންތައް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށެވެ.

