ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން މަހުގެ އަގަށް ގެނައީ ސިޔާސީ ބަދަލެއް، މާލީ ހާލަތު އަޮތީ އެކަން ކުރެވޭ ގޮތަކަށް ނޫން: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް މަސްގަންނަ އަގަށް އެމްޑީޕީގެ ސަރުކާރުން އެއްވެސް ދިރާސާ ކުރުމެއް ނެގި ގެނައި ބަދަލުގެ ސަބަބުން ދައުލަތުން މިފްކޯއަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައްކަން ޖެހިފައި އޮތްކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދަވާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންނާއި އެކު އޮތް ބައްދަލުވުމުގަ އެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ކެބިނެޓު ވަޒީރުންގެ އިތުރުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މުޅި ދުވަހުގެ އެކި ހަަރަކާތްތައް މިއަދު ކުރިޔަށް ގެންދިޔަ އިރު ރައީސް ވަނީ  ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އީޖާބީ ގޮތެއްގައި މަސައްކަތްކޮށްދެއްވާނެކަމަށާ، މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވެފަ އެވެ.

މަސްވެރިންގެ ދުވަހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސިޔާސީ ބޭނުމެއްގައި މަހުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން މަސްވެރިންނަށް އެތައް ދުވަހަކު ފައިސާ ނުލިބި، މަސްވެރި އާއިލާތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ގައުމުގެ އިގުތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް ވިދާޅުވި އެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރާ ދެމެދުގައި މިފްކޯއިން މަސް ގަންނަމުންދިޔަ އަގު، 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރެވުނެވެ. އެއީ އޭރުގެ ސަރުކާރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ނިންމެވި ނިންމެވުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އަގަށް މަސް ގަންނަން ފެށުމުން، މިފްކޯއަށް ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ގެއްލުމެއް ލިބެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ދައުލަތުން މިފްކޯއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައްކަން ޖެހުނުކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެއީ އޭރު ދިވެހިރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަބްސިޑީ ދައްކާފައި ނެތުމުގެ ސަބަބުން މަސްވެރިންނަށް އެތައް ދުވަހަކު ފައިސާ ނުލިބި، މަސްވެރި އާއިލާތަކަށް ދަތިވެ ނިކަމެތިވެގެން ދިޔަކަމަށް ވިދާޅުވި އެވެ.

17 ރުފިޔާއަށް އޭރު މަސްކިލޯއެއްގެ އަގު ހުރީ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ މި ދެންނެވިހެން ފަހު ބުރާ އެންމެ ފުރަތަމަ ބުރާ، ދެތެރޭގަ މަހުގެ އަގު ބަދަލުކުރެވުނީ 25 ރުފިޔާއަށް. އެއީ މިފްކޯއިން ކަލުބިލަ މަސް ގަންނަމުން ދިޔަ އަގު. މި އަގާ އެކީގަ މިފްކޯއަށް ޖެހުނީ 13 ރުފިޔާގެ ގެއްލުމެއްގަ މަސް ގަންނަން… އެހެންކަމުން ދިވެހި ދައުލަތުން މިފްކޯއަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައްކަން ޖެހިފައި އޮތީ… މީ އޭރު ދިވެހިރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން ވޭތުވެދިޔަ ސަރުކާރުން ނިމަމުން ދިޔަ އިރުވެސް މާލީ ހާލަތު އޮތްގޮތުން އަޅުގަނޑުމެންނަށް އެނގޭ މި ކުރެވޭނެ ކަމެއް ނޫންކަން ދައުލަތަށް..

މަސްވެރިންނަށް ފައިސާ ނުލިބޭތީ ކޮންމެ ދުވަހަކު ވެސް މާލޭގައި އެކަމުގެ އިހްތިޖާޖުތައް ކުރަމުން ދިޔަކަން ވެސް ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު މަސްވެރިންގެ ކަންބޮޑުވުންތައް އޮތީ އެތައް ގުނައެއް އިތުރުވެފައި ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުމެއް ލިބިފައި ނެތުމާއި އެކު، ބޮޑު ބެކްލޮގްއެއް ކްލިއަރ ކުރަން ޖެހުނުކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މަހުގެ އަގު 25 ރުފިޔާއަށް ބަދަލުކުރެއްވުމާއި އެކީގައި، މިކަމުގެ ނޭދެވޭ އަސަރު މުޅި މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ކުރިކަމަށް ޝިޔާމް ވިދާޅުވިއެވެ. އެ ގެއްލުންތައް ދިމާވީ ހަމައެކަނި މިފްކޯއަށް އެކަނި ނޫންކަމަށާއި، މަސް ގަންނަ އެތައް އަމިއްލަ ކުންފުންޏަކަށް ވެސް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިލާން ޖެހުނުކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ އެ ހާލަތުގައި ބައެއް ކުންފުނިތަކުން ވަގުތީ ގޮތުން އޮޕަރޭޝަންތައް މެދުކަނޑާލިކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ސަމާލުކަން ދެއްވި އެއް ދާއިރާއަކީ މިއީކަމަށެވެ. އަދި މަސްވެރިންނަށް ދިމާވަމުން ދިޔަ ދަތިތައް ހައްލު ކުރުމަށްޓަކައި ފިޔަވަޅުތައް އެޅިކަމަށް ވެސް ވިދާޅުވި އެވެ. އޭރު މަސްވެރިންނަށް ދައްކަންޖެހިފައި އޮތް 250 މިލިއަން ރުފިޔާގެ ބެކްލޮގް، އިތުރުވަމުން އައި އަދަދުތަކާ އެކު 270 މިލިއަން ރުފިޔާއަށް އަރާފައިވަނިކޮށް، އެމަނިކުފާނު ވަނީ އެ ފައިސާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ދެއްވާފައިކަމަށް ޝިޔާމް ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބި، މަސްވެރިކަމުގެ ސިނާއަތަށް އާ އުންމީދުތަކެއް ލިބިގެން ދިޔަކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: