ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބެއް ގާތްވެފައި ވަނިކޮށް، ޕާޓީގެ މުހިންމު މަގާމެއް އިސްތިއުފާ ދިނުން ރަނގަޅެއް ނޫން: ނިޔާޒް

ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކައުންސިލް އިންތިހާބުގެ ވާދަވެރިން ބޮޑުވެފައިވީ ނަމަވެސް، އިންތިހާބަށް ފަހު އެންމެން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދަޅުވެއްޖެ އެވެ.

2023 ރިޔާސީ އިންތިހާބާއި ގާތްކޮށް އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް އަދިވެސް އެގޮތުގައި އޮތް އިރު، 2028 ގެ ރިޔާސީ އިންތިހާބުގެ ޓިކެޓު ބޭނުންވާ އިތުރު ބޭފުޅުންނާއި އެކު މައްސަލަ ވަނީ ކުރިޔަށް ވުރެ ވެސް ގޯސްވެފަ އެވެ. އަދި މިވަގުތު އޮތް ދެވަނަ ބަހުސަކީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ބޭފުޅެކެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި މިރޭ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ޕާޓީގެ ފޯކަސް މާލޭގެ މޭޔަރުކަމަށް އޮތްކަމަށް ފެންނަ ސަބަބަކީ އެއީ ވާދަވެރި ގޮނޑިއަކަށް ވުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު، ދެން ބާއްވާ އެންމެ ފޯރިގަދަ އެންމެ ވާދަވެރި އިންތިހާބަކަށް މާލޭގެ މޭޔަރުކަން ވެގެންދާނެކަމަށް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވެފައި ވަނީ، ގައުމީ އިންތިހާބަކަށް ކައިރިވެފައި ވަނިކޮށް، އެމްޑީޕީގެ ޗެއަރޕާސަން ފަދަ މުހިއްމު މަގާމެއްގައި ހުންނަ ބޭފުޅަކު އެއްވެސް ސަބަބަކާ ހުރެ އިސްތިއުފާ ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ނިޔާޒް ފާހަގަ ކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ފަހު ރައްޔިތުން އެންމެ ގިނައިން ވޯޓްލައިގެން ހޮވާ މަގާމަކީ މޭޔަރުގެ މަގާމެވެ. އެހެންކަމުން މި މަގާމަށް ފޯކަސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީއަކީ ވާދަވެރިކަމާއެކު އަބަދުވެސް އިންތިހާބު ބާއްވާ ބައެއްކަމަށް ނިޔާޒް ވިދާޅުވިއެވެ. މިއީ އެހެން ޕާޓީތަކާ ތަފާތު ކަމެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ފާހަގަ ކުރާކަމެއް ކަމަށާއި، މިދިޔަ 20 އަހަރުދުވަހުގެ ތެރޭގައި ވަރަށް ވާދަވެރި އިންތިހާބުތަކެއް ގޮސްފައި ވީނަމަވެސް، ވަރަށް މަދު ފަހަރެއްގައި ނޫނީ އެކުގައި މަސައްކަތް ކުރާކަމަށް ވިދާޅުވި އެވެ.

އެހެންވީމަ މިހާރު މި މާލޭގެ މޭޔަރުގެ އިންތިހާބުގައި ދެން ބައެއް ފަހަރަށް ތިބުނާހެން ހީވޭ ވަރަށް ޕާސަނަލްކޮށް މިކަން ދާހެން ވެސް… އެހެންނަމަވެސް މި މިކަން ނިމިގެންދާ އިރުގައި އަޅުގަނޑު ގަބޫލުކުރަނީ ހަމަ މޮޅުވާ ކެންޑިޑޭޓާއި އެއްކޮށް އެމްޑީޕީގެ ހުރިހާ އެންމެން އެ ކެނޑިޑޭޓް ހޮވުމަށް މަސައްކަތްކުރާނެ ހެން.. އެއީ އެމްޑީޕީން ގަބޫލުކުރާ އުސޫލަކީ… އެއީ އެމްޑީޕީން ގަބޫލުކުރާ ފިލޯސޮފީއަކީ…

މޭޔަރުކަމުގެ ޓިކެޓު ހޯދުމަށް ޕާޓީގެ އެތެރޭގައި އުފެދިފައި އޮތް ވާދަވެރިކަން، ވަރަށް ބޮޑަށް ސިޔާސީވެ ފާޑުކިއުންތައް އެއް ޓީމުން އަނެއް ޓީމަށް އަމާޒު ކުރާކަމަށް ފާހަގަކުރުމުން ނިޔާޒް ވިދާޅުވީ ބައެއް ކަންކަން ޒާތީ ގޮތަކަށް ދާހެން ހީވި ނަމަވެސް މިކަން ނިމިގެންދާއިރު، އެމްޑީޕީގެ އެންމެން ހޮވުނު ކެންޑިޑޭޓާއެކު މަސައްކަތް ކުރާނެ ކަމަށެވެ. އެއީ އެމްޑީޕީ ގަބޫލުކުރާ އުސޫލާއި ފިލޯސޮފީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގެ ވާދަވެރިކަމުގެ ވާހަކަތަކުގެ ތެރެއިން ނިޔާޒް ވަނީ ޕާޓީގެ އެތެރޭގެ ބައެއް މުހިންމު މަސައްކަތްތައް ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން މިވަގުތު ފޯކަސްއެއް ބަހައްޓަންވީ އެތެރޭގެ އެހެން އިންތިހާބުތަކަށް ވުރެ ބޮޑަށް ކައުންސިލް އިންތިހާބަށްކަމަށް ނިޔާޒް ވިދާޅުވި އެވެ.

މީގެއިތުރުން ޗެއަރޕާސަންގެ މަގާމުން ފައްޔާޒް އިސްތިއުފާ ދިނުމުން އުފެދުނު ހާލަތާއި، އަދި އިންތިހާބު މިހާ ގާތްވެފައި ވަނިކޮށް އިސްތިއުފާ ދިނުމަކީ ރަނގަޅު ނިންމުމެއްތޯ ސުވާލު ކުރެއްވުމުން އަމިއްލަ ހިޔާލު ހިއްސާކޮށް ނިޔާޒް ވިދާޅުވީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ނިޔާޒް ވިދާޅުވީ ބޮޑު އިންތިހާބެއް އެހާ ކައިރިވެފައި ވަނިކޮށް، ޗެއާޕާސަން ފަދަ މުހިއްމު މަގާމެއްގައި ހުންނަ ބޭފުޅަކު އެއްވެސް ސަބަބަކާހުރެ އިސްތިއުފާ ދިނުން ރަނގަޅެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެއީ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމަށް އިހުތިރާމް ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުގެ ޕާސަނަލް އޮޕީނިއަންއެއް ކިޔާނަމަ ގައުމީ އިންތިހާބެއް އެހާ ކައިރިވެފަ އޮށްވާ ޗެއާޕާސަން ފަދަ މުހިއްމު މަގާމެއްގަ ހުންނަ ބޭފުޅަކު އެއްވެސް ސަބަބަކާ ހުރެ އަޅުގަނޑު ދެކޭގޮތުގައި އިސްތިއުފާ ދިނުން ރަނގަޅެއް ނޫން… އެހެންނަމަވެސް ދެން އެއީ އަމިއްލަ ނިންމުމެއް… އަޅުގަނޑު އެކަމަށް އިހުތިރާމް ކުރަން… ދެން ޗެއާޕާސަންގެ އިންތިހާބު ކައުންސިލްގެ އިންތިހާބު ކުރިއަކަށް ނޫން މިހާރު އޮންނާނީކީ. އޭގެ ފަހުން އޮންނާނީ… ދެން އެއާ ބެހޭ ގޮތުން ވާހަކަ ދެއްކުމާ ބަހުސް ކުރުމުގެ އެއީ އެއްގޮތަކުން ބަލާއިރު ރަނގަޅު ވާހަކައެއް ދެކެވެނީ… އެހެންނަމަވެސް އެކަމުގެ އިންޓްރެސްޓް ހުރި ބަޔަކު އެ ވާހަކަ ނުދައްކައެއް ނުތިބޭނެ…

ނިޔާޒް ވިދާޅުވީ ޗެއާޕާސަނަކު ހޮވުން އޮތީ ކައުންސިލް އިންތިހާބަށް ފަހުކަމަށާއި، އެހެންކަމުން އެއީ އެ ބަހުސްތައް ނުގޮސް ހުރެދާނެ އެއް ސަބަބުކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އިންތިހާބުގެ ދުވަސްވަރު ވެސް ޗެއާޕާސަންކަމަށް އައުމަށް ބޭނުންވާ ބަޔަކު އެ ވާހަކަ ނުދައްކައި ނުތިބޭނެކަމަށް ނިޔާޒް ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީގެ އެވަރުގެ މަގާމެއް އިންތިހާބު ނުކޮށް އެހާ ދުވަހު ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ނިޔާޒްގެ ހިޔާލުގައި އެންމެ ރަނގަޅު ގޮތަކީ ޗެއާޕާސަން އިސްތިއުފާ ދެއްވި ކަމުގައި ވާނަމަ، ވީހާވެސް އަވަހަށް އެ މަގާމަށް ބޭފުޅަކު ހޮވުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: