2025ވަނަ އަހަރަކީ ރާއްޖޭގެ މާލީ އިންތިޒާމު ހަރުދަނާކުރުމުގެ ފުރިހަމަ މިސާލު ފެނިގެންދިޔަ އަހަރެކެވެ. ކުރީގެ ސަރުކާރުތަކުގެ އާދައަކަށްވެފައިވާ އިތުރު ބަޖެޓު ހުށަހެޅުމުގެ ބަދަލުގައި، މި އަހަރު ބަޖެޓު ނިންމާފައިވަނީ ފާސްކުރި މިންވަރަށް ހިފަހައްޓައިގެންނެވެ.
އައު އަހަރަށް ބަޖެޓު ހުށަހެޅުމާއެކު ލިބިގެންދިޔަ އެންމެ އުންމީދީ މައުލޫމާތަކީ، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖޭގެ ބަޖެޓު ކުޑަކުރުމުގައި ކާމިޔާބުތައް ހާސިލުކުރެވޭނެކަމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހިންގެ އާމްދަނީއާ ނުގުޅޭހާ ބޮޑު ހަރަދުތަކެއް ކޮށް ޑެފިސިޓްގައި ގައުމު ހިންގުމުގެ ނޭދެވޭ އާދައަށް ނިމުމެއް ގެނައުމަށް މަސައްކަތްކުރަމުންކަން، މިހާރު ހާސިލުކުރެވިފައިވާ ލަނޑުދަނޑިތަކުން ދައްކުވައިދެއެވެ. މިއީ ބޭރުގެ ގައުމުތަކަށާއި ބައިނަލްއަޤުވާމީ މާލީ މުއައްސަސާތަކަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތްތައް ކާމިޔާބުވެގެންދާނެކަމުގެ އުންމީދު އާލާކުރާ ކަމެކެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގެ މާލީ ދާއިރާގެ މަސައްކަތްތެރިންގެ ފެންވަރު މަތިކޮށް، ދާއިރާގެ ހިންގުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އެކި ނަންނަމުގައި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިކަމުގެ ތެރޭގައި، މާލީ ހުރިހާ މަސައްކަތްތަކެއް ބިނާވެފައިވާ މާލިއްޔާތު ޤަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
ހިންގުންތެރިކަން އިތުރުކޮށް، މާލީ ދާއިރާއިން ދެވޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުންވެސް ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބަކީ، ބަނޑޭރިޕޭގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، މާލީ މަންފާތައް ބޮޑުކުރުމުގެ މަގުންވެސް ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ކުރެވުނު އެއް މަސައްކަތަކީ، ރަށްރަށުގެ ކައިރީގައިވާ ފަޅުތައް އެ ރަށެއްގެ ކައުންސިލާ ހަވާލުކޮށް، އެ ތަންތަން ރަށުގެ މުޖުތަމަޢަށް ފައިދާވާނެ ގޮތަކަށް ބޭނުންކުރުމުގެ މަގު ފަހިކޮށްދިނުމެވެ.
ހިންގުންތެރިކަމުގެ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަތުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ރާއްޖޭގެ އޮޑިޓު ނިޒާމު ވަރުގަދަކޮށް، އެ ނިޒާމު މެދުވެރިކޮށް ފާހަގަކުރެވޭ މައްސަލަތަކަށް ހައްލު ހޯދުމަށް ފިޔަވަޅުތައް އެޅިފައިވާތަން ފެނިގެންދެއެވެ. މިފަދަ ނަތީޖާތައް ހާސިލުކުރުމުގައި، ކުރިއަށް ގެންދެވުނު އިންޓާނަލް އޮޑިޓާ ގުޅޭ ޕްރޮގްރާމްތަކުން މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މި މަގުން ކުރި މަސައްކަތްތަކުގެ ތެރޭގައި، ބައިނަލްއަޤުވާމީ މައިދާނުގައި ހިންގި ބައެއް މަސައްކަތްތަކުގައި ރާއްޖެއިން ބައިވެރިވުން ފާހަގަކޮށްލެވެއެވެ.
ސަރުކާރުގެ އެކި ބޭނުންތަކަށް، އެކި ދައުރުތަކުގައި މުދަލާއި ޚިދުމަތް ހޯދުމުގައި ގެންގުޅޭ ޕްރޮކިއަރމެންޓު ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކަ ގަދަވެފައިވަނިކޮށް، ސަރުކާރުން ވަނީ ކުރީގެ ދައުރުތަކުގައި އުފެދިގެންއައި އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ފިޔަވަޅު އަޅާފައެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ކޮންސޮލިޑޭޓެޑް ޕްރޮކިއަރމެންޓު ޕްލޭނެއް އާންމުކުރުމަށްފަހު އިލެކްޓްރޯނިކް ގަވަމެންޓު ޕްރޮކިއަރމެންޓު ނިޒާމު ތަޢާރަފްކޮށްފައެވެ.
ތަރައްޤީގެ މަސައްކަތްތައް ލަސްވުމުގެ މައްސަލައާއި، އެކަމުގެ ސަބަބުން އަމާން އައްސޭރިއަކަށް ވާސިލުވުމަށް ކުރާ ދަތުރު ދިގުވެގެންދިއުމުގެ ކަންބޮޑުވުންވެސް ރައްޔިތުންގެ ތެރޭގައި އޮތެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ އެ އުދާސްތައް އުފާވެރިކަމަށް ބަދަލުކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން ހާމަކޮށްފައެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައް ފެށުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ. މިހާރުވެސް ސަރުކާރުން ދަނީ މި މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންނެވެ.
ބައިނަލްއަޤުވާމީ ގޮތުން ގުޅުންތައް ވަރުގަދަކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ މާލީ ދާއިރާގެ ތެރެއިން ފެނިގެންދިޔައެވެ. މިގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްތަކަށް ސަޢޫދީ ފަންޑު މެދުވެރިކޮށް ފަސޭހަތަކެއް ލިބިފައިވާއިރު، 400 ހައުސިންގް ޔުނިޓު އިނޯގްރޭޓުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންވާ މަގު ކޮށުމުގެ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. މީގެ ތެރޭގައި، އެމްބީއެސް ގްލޯބަލް އިންވެސްޓުމެންޓާއެކު ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި 8.8 ބިލިއަން ޑޮލަރުގެ ޖޮއިންޓް ވެންޗަރ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައެވެ.
ރާއްޖެ ބަނގުރޫޓުވަމުންދާކަމުގެ ބިރުވެރި އަޑު އިދިކޮޅު ފަރާތްތަކުން ފެތުރިގެންދިއުމަށްފަހު، މިހާރު އެ އަޑުތައް ވަނީ ކެނޑިގެންގޮސްފައެވެ. މައިގަނޑު ސަބަބަކީ، ކުރީގެ ސަރުކާރުގެ ނުރަނގަޅު އިޤްތިޞާދީ ނިންމުންތަކުގެ ނަތީޖާއެއްގެ ގޮތުން މި ދައުރުގެ ތެރޭގައި ބައިނަލްއަޤުވާމީ ރޭޓިންގް އިދާރާ ފިޗުން ރާއްޖޭގެ ރޭޓިންގް ދަށްކޮށްލުންކަމަށް ވާއިރު، މިހާރުގެ ސަރުކާރުން ވަނީ ކުރި އެކި މަސައްކަތްތައް މެދުވެރިކޮށް ރޭޓިންގް ހިފެހެއްޓުމުގެ ކާމިޔާބު ހާސިލުކޮށްފައެވެ.
ބެއިޖިންގައި ބޭއްވި އޭ.އައި.އައި.ބީ ގަވަނަރުންގެ ޚާއްޞަ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ޖޫން މަހުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރު ބައިވެރިވެވަޑައިގެންފައިވާއިރު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޤައުމުގެ ރައީސް ޝީ ޖިންގްޕިންގއާ ދެމެދު ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުގައިވެސް ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް ކުރިއެރުވުމާ ބެހޭ މަޝްވަރާތައް ހިމެނެއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދިން 10.5 މިލިއަން ޑޮލަރުގެ ގްރާންޓު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ މާލެ އައިލެންޑް ޑިޒާސްޓަރ ރެސިލިއެންސް ޕްރޮޖެކްޓުގެ ކޮންސްޓްރަކްޝަން ފޭސްގެ އެއްބަސްވުމެކެވެ.
މޯލްޑިވްސް އެކައުންޓަންސް ފޯރަމް 2025ގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައިވެސް ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.
ބަޖެޓު ހުށަހެޅުމުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފުރިހަމަކޮށްފައިވާއިރު، އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ، މާލީގޮތުން އިސްރާފު ގިނަވުމުގެ ބޮޑު މައްސަލައަށް ހައްލެއް ގެނައުމުގައި ހޯދިފައިވާ ކާމިޔާބުތަކެވެ. މި އަހަރު ބަޖެޓު ހުސްވެގެން އިތުރުކުރުމަށް ހުށަހަޅާފައިނުވެއެވެ. އެއީ ފަހުގެ ތާރީޚުގައި ސަރުކާރުތަކުގެ އާދައެއްގެ ގޮތުގައި ފެނިގެންދިޔަ ކަމެއްކަމަށްވާއިރު، އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުންދިޔަ ބަޖެޓުތަކުގެ މައްސަލައަށްވެސް ނިމުމެއް ގެނައުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވެއެވެ.
ލޯނު ދެއްކުމުގެ ހަރަދުތައް ނުހިމަނާއިރު، ހުށަހަޅާފައިވަނީ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެކެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ޓްރެންޑު ދެމެހެއްޓި، ކާމިޔާބީއާ ހިސާބަށް ވާސިލުވެވޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
ޕީ.އެސް.އައި.ޕީގެ ދަށުން އަހަރެއްގެ މައްޗަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށް، ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރެވިގެންދާއިރު، އެކަންކަން ކުރިއަށް ނުދާކަމުގެ މައްސަލަ އޮތްކަން ފާހަގަކުރެވެއެވެ.
މިކަމަށް ނިމުމެއް ގެނައުމުގެ ގޮތުން، ބައެއް ކޮންޓްރެކްޓަރުންނާ ދެމެދު އޮތް އެއްބަސްވުންތައް ބާޠިލުކޮށް، އަލުން ހަވާލުކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާއިރު، މިފަދަ ހަރަދުތައް އިސްރާފަށް ފަހިވާ ގޮތަކަށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ހިފަހައްޓައިގެން ކުރިއަށް ގެންގޮސްފައިވާކަން ތަފާސްހިސާބުތަކުން ފެނިގެންދެއެވެ.
އަހަރު ނިމުމާ ގާތްވެފައިވަނިކޮށް ސަރުކާރުންވަނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޢަމަލީގޮތުން ފެށިގެންދާނެ ގޮތަށް، ޕީ.އެސް.އައި.ޕީ ބަޖެޓު މެދުވެރިކޮށް، 2.7 ބިލިއަން ރުފިޔާއިން އަގުކުރެވޭ 206 ތަރައްޤީގެ މަސައްކަތްތަކެއް އަމިއްލަ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. މިއީ ސަރުކާރުން އެފަދަ ޕްރޮޖެކްޓުތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް ބުނަމުންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތަކެކެވެ. މި 206 މަޝްރޫޢުއަކީވެސް ކޮންޓްރެކްޓާރ ފައިނޭންސިންގް އުޞޫލުން ހަވާލުކުރެވިފައިވާ މަޝްރޫޢުތަކެކެވެ.
ދޯހާ ފޯރަމް 2025ގެ ހަވާސާގައި މިނިސްޓަރު ޒަމީރު ވަނީ ޤަޠަރުގެ ފިނޭންސް މިނިސްޓަރު ހިސް އެކްސެލެންސީ ޢަލީ ބިން އަޙުމަދު އަލް ކުވާރީއާ ބައްދަލުކުރައްވާފައެވެ. ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތައް މިނިސްޓްރީއަކަށް އެކަމުގެ އަސަރުކުރި އިރު، ޗައިނާއިން އެކަމުން އަރައިގަތުމަށްޓަކައި އެހީތެރިކަން ދިނުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައިވެސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރު ޒަމީރު ވަނީ އެކަމުން ރާއްޖެއަށް ފޯރުކޮށްދިން އެމަރޖެންސީ އެސިސްޓެންސް ޕެކޭޖަށްޓަކައި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.

