މި މަހުގެ 27 ވަނަ ދުވަހުގައި ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރުމަށްޓަކައި ޕްރައިމަރީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް، ސިޔާސީ ޕާޓީތަކުން ޕްރައިމެރީއަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ފަށާފަ އެވެ. އަދި ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ކެނޑިޑޭޓުން ނަން ހުށައަޅާފައިވާކަމަށާއި މިހާތަނަށް އިންތިހާބެއްގައި އެންމެ ގިނައިން ކެނޑިޑޭޓުން ވާދަކުރާ ޕާޓީއަށް ޕީއެންސީ ވެފައިވާކަމަށެވެ.
މިގޮތުން މިހާތަނަށް ޕާޓީތަކުގެ އިންތިހާބުތަކުގައި ވާދަކުރި ކެނޑިޑޭޓުންގެ މިންވަރު 90 އިންސައްތައަށް އަރާފައިނުވާއިރު ޕީއެންސީގެ ފަރާތުން ހުށައެޅި ކެނޑިޑޭޓުންގެ އަދަދު 97 އިންސައްތައަށް އަރާކަމަށް ފަލާހު ވިދާޅުވި އެވެ.
މިގޮތަށް ހުޅުވާލާ އިންތިހާބުތަކުގައި ދުވަހާއި ވަގުތު އިތުރުކުރުމުގެ މަސައްކަތްތައް ވެސް ކުރާކަމަށް ފާހަގަކުރައްވައި ވަނީ، ގިނަ އަދަދެއްގެ ކެނޑިޑޭޓުން ޕީއެންސީން ހުޅުވާލި ފުރުސަތުގައި ވާދަކުރުމަށް ހުށައެޅުމުން ޕާޓީއަށް އޮތް ތާއީދު ފެނިގެންދާކަމަށެވެ.
ފަލާހު ވިދާޅުވީ، ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި ޕްރައިމަރީ ބޭއްވުމުގެ މަސައްކަތްތައް މި މަހުގެ 27 ވަނަ ދުވަހުގައި ކުރިއަށް ގެންދާނެކަމަށެވެ.
މި އިންތިހާބުގެ މަސައްކަތްތައް ކުރެވިގެންދާނީ ދެފުށް ފެންނަ އިންސާފުވެރި ގޮތެއްގެ މަތިންކަމަށްވެސް ފާހަގަކުރެއްވިއެވެ. ފަލާހު ވިދާޅުވީ، އިންތިހާބީ ޝަކުވާތައް ހުށައެޅުމަށް ހުޅުވާލާނީ ވަޓްސެޕާއި ވައިބާރގެ ޒަރިއްޔާކަމަށެވެ.
މީގެ އިތުރުން ފަލާހު ވަނީ ޕާޓީގައި ތިބި މެމްބަރުންގެ އަދަދާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. މިގޮތުން ޕްރައިމަރީއާއި ގުޅުވައި ޕާޓީގައި ތިބި މެމްބަރުންގެ އަދަދު 70،000 އިން މަތިވެފައިވާކަމަށާއި 75000 އާއި ގާތްކުރާކަމަށް ހިއްސާކުރެއްވިއެވެ.

