ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭބީ ސިޓަރސްގެ ގޮތުގައި ބިދޭސީން ގެނެވޭގޮތް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް އާންމުކޮށްފައިވާއިރު، މި އިސްލާޙުތަކުގެ ތެރޭގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއްކަމަކީ، ވަޒީފާއަށްދާ ބެލެނިވެރިންގެ ކުޑަކުދިން ބެލުމަށް ގެންނަ ބިދޭސީން ނުވަތަ ’ބޭބީ ސިޓަރ‘ ގެ ގޮތުގައި ބިދޭސީން ގެނައުމަށް ހުރަސް އެޅިފައިވާ އޮތުން ބަދަލުކުރުމެވެ.

މިއީ ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް އުފެދި، ސަރުކާރުން އަވަސް ފިޔަވަޅެއް އަޅަން ޖެހުނު މައްސަލައެކެވެ. ކުރިން އޮތް ގޮތުން، ކުރިއަށް އޮތް ދެ އަހަރަށްފަހު ބައެއް ވަޒީފާގެ ދާއިރާތަކަށް ބިދޭސީން ގެނައުމަށް ކޯޓާ ނުދޭގޮތަށް ހަމަޖައްސާފައިވާއިރު، އެ ދާއިރާތަކުގެ ތެރޭގައި ބޭބީ ސިޓަރގެ މަސައްކަތްވެސް ހިމެނުނެވެ. ނަމަވެސް، މި ބަދަލާއެކު، އާއިލާތަކުން ކުދިން ބެލުމަށް ގެންނަ ބިދޭސީން ގެނައުމަށް އޮތް ހުރަސް ވަނީ ނެތިފައެވެ.

ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާޙުތަކުގެ އެންމެ މުހިއްމު އެއް މަގްސަދަކީ، ރާއްޖޭގެ ބައެއް ދާއިރާތަކުގެ ވަޒީފާ ހަމައެކަނި ދިވެހީންނަށް ޚާއްސަ ކުރުމެވެ.  މި ސިޔާސަތުގެ ދަށުން، ވަކި މުއްދަތެއްގެ ތެރޭގައި ބައެއް ދާއިރާތަކަށް ބިދޭސީން ގެނައުން ހުއްޓާލުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، ބައެއް ދާއިރާތަކަށް 2 އަހަރު ފަހުން، އަނެއް ބައި ދާއިރާތަކަށް 3 އަހަރު، 4 އަދި 5 އަހަރު ފަހުން ބިދޭސީން ގެނައުން ހުއްޓުވުމަށް ވަނީ ނިންމާފައެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި މުއްދަތެއް ފަހުން ބިދޭސީން އެތެރެކުރުމަށް ކޯޓާ ނުދޭނެކަމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ހެއަރ ޑްރެސަރ، ބިއުޓީޝަން، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން، ގެސްޓް ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް، އެކައުންޓެންޓް އަދި އިމާމުންގެ މަޤާމުތައް ހިމެނެއެވެ.

މި ފިޔަވަޅުތައް އެޅުމުގެ މަގްސަދަކީ، މި ދާއިރާތަކުން ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހީންގެ ތެރޭގައި އެ މަސައްކަތްތައް ކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމާއި، މަތީ ތަޢުލީމު ޙާސިލުކޮށްފައިވާ ދިވެހީންނަށް ވަޒީފާގެ ދޮރުތައް ހުޅުވާލުމެވެ.

ފުރަތަމަ ގަވާއިދު އާންމުކުރި އިރު، ބޭބީ ސިޓަރގެ މަޤާމަށް ބިދޭސީން ގެނައުން ހުއްޓާލުމަށް ނިންމާފައިވާތީ، ވަޒީފާއަށްދާ ގިނަ އާއިލާތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރިއެވެ. ގިނަ ބަޔަކު ދެކެމުންދިޔައީ، ކުޑަކުދިން ބެލުމަށް ދިވެހި މީހުން ނުލިބޭ ހާލަތެއްގައި، ބިދޭސީން ގެނައުމުގެ ފުރުސަތު ނެތިގެން ދިއުމަކީ އާއިލީ ޒިންމާތައް އަދާކުރުމަށް ދަތިވާނެ ކަމެއް ކަމަށެވެ.

މި ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވައި، ސަރުކާރުން ވަނީ އަވަހަށް މި ގަވާއިދު އިސްލާޙުކޮށް، ބޭބީ ސިޓަރގެ ގޮތުގައި ބިދޭސީން ގެނައުމަށް އޮތް ހުރަސް ނައްތާލާފައެވެ. މި ބަދަލަކީ، ޢާއިލާތަކުގެ ޙާލަތަށް ރިޢާޔަތްކޮށް، ސަރުކާރުން ގެނެސްދިން ލުއިފަސޭހައެކެވެ.

ބިދޭސީންގެ ކޯޓާ ހަނިކުރުމުގެ ސިޔާސަތުގެ ދަށުން، ފަންނުވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން، ދިވެހީންގެ ތެރޭގައި އެ މަސައްކަތް ކުރުމުގެ ޝައުގު ހުންނަ އަދި އެ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކޮށްފައިވާ ދިވެހީންނަށް ޚާއްސަ ކުރުމަށް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވައެވެ. މި ސިޔާސަތުގެ ދިގު މުއްދަތުގެ މަގްސަދަކީ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކުގެ ބާރު ދިވެހީންގެ އަތްމައްޗަށް ގެނައުމާއި، ދިވެހި ޒުވާނުން ބިނާކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: