މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމުގެ ގޮތުން، އެ ސަރަހައްދުގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.
މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 8 ޑިސެންބަރު 2025 އިން ފެށިގެން، 3 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތުގެ ތެރެއިން، މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް 20 ޑިސެންބަރު 2025 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން، މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތްކުރުމަށް ޓަކައި، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ އެންމެހާ ކަނޑު އުޅަނދުތައް 19 ޑިސެންބަރު 2025 ވަނަ ދުވަހުގެ 0:00 ގެ ކުރިން ނެގުމަށް އެމްޕީއެލްއިން ވަނީ އިއުލާނުކޮށްފައެވެ.
އެ ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރަށް ވަގުތީ ގޮތުން އެހެން ސަރަހައްދުތަކެއް ހަމަޖެއްސުމަށް ކަމާ ބެހޭ ވުޒާރާތަކާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.
އެހެންކަމުން، މަސައްކަތް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި ވެސް އޮޑިދޯނިފަހަރަށް ދަތިނުނުވާނެ ގޮތަށް، ހިދުމަތްތައް ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި، އެ ސަރަހައްދު ހުސްކުރުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.

