ފުލުހުންގެ އިދާރާއިން މައުލޫމާތު ފޯރުކޮށްދިނުމުގެ ކުރިން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު ފެތުރުމަކީ އެ އޮޕަރޭޝަންތަކުގެ ކާމިޔާބީއަށް ހުރަސްއަޅާ ކަމެއް ކަމަށް ކޮމިޝަން އޮފް ޕޮލިސް (ސީޕީ) އިސްމާއިލު ނަވީން ވިދާޅުވެއްޖެއެވެ.
ނަވީން މިފަދައިން ވިދާޅުވީ ހޯމްލޭންޑު ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނަވީން ފާހަގަކުރެއްވި ގޮތުގައި، ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އެކި ވިޔަފާރިތަކާ ގުޅޭ މައުލޫމާތުތައް ކަންބޮޑުވެފައި ތިބި ގިނަ އާންމު ރައްޔިތުން ފުލުހުންނަށް ރިޕޯޓުކުރެއެވެ. އޭގެ ތެރޭގައި ގޭގޭ ދޮށުގައި މަސްތުވާތަކެއްޗާއި ވަގަށް ސިގިރޭޓު ވިއްކާ ކަމުގެ ރިޕޯޓުތައް ހިމެނެއެވެ. އަދި، މިފަދަ ގާނޫނާއި ހިލާފު ކަންކަމަށް ފުލުހުން އެޓެންޑުވެ، އޮޕަރޭޝަންތައް ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި އަދި އެހެނިހެން ގާނޫނާއި ގަވާއިދާއި ހިލާފަށް އެކި ފަރާތްތަކުން ހިންގާ އަމަލުތަކާއި ދެކޮޅަށް، ފުލުހުން ހިންގާ އޮޕަރޭޝަންތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުން ފާހަގަކުރައްވަމުން ނަވީން ވިދާޅުވީ، މާލެއަކީ ކުޑަ ސަރަހައްދަކަށްވުމާއެކު، ފުލުހުން އޮޕަރޭޝަނެއް ހިންގާ އިރު، ފުލުހުންގެ އިދާރާއިން ރަސްމީކޮށް މައުލޫމާތު ނުދެނީސް، އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތުތައް ’ބްރޭކިންގ ނިއުސް’ގެ ގޮތުގައި އެކި ތަންތަނަށް ފެތުރޭ ކަމަށެވެ. ”އެ އޮޕަރޭޝަނުގެ ކުރި މަރުވެގެންދާ ކަމަށް“ ނަވީން ވިދާޅުވިއެވެ.
މައުލޫމާތު ލީކުވުމުގެ ސަބަބުން، އޮޕަރޭޝަން ހިންގާ ސީން ނުވަތަ އޮޕަރޭޝަން ހިންގާ ސަރަހައްދުގެ ފޮޓޯތަކާއި، ހައްޔަރުކުރެވޭ މީހުންގެ ފޮޓޯތައް، ގާނޫނާއި ހިލާފަށް މަސައްކަތްކުރުވާ ފަރާތްތަކަށް ލިބިގެންދެއެވެ. ނަވީން ވިދާޅުވީ، އެ މައުލޫމާތު އެ ފަރާތްތަކަށް ލިބޭ ހިސާބުން، އެ ފަރާތްތަކުން ކުރާ މަސައްކަތާއި، އެތަކެތި ބަހައްޓާ އެޕާޓްމެންޓުގައި ތިބޭ މީހުން ލައްވާ ތަކެތި ފޮރުވުމާއި އެފަދަ ކަންތައްތައް ކުރަން ފަށާ ކަމަށެވެ. މީގެ ސަބަބުން އޮޕަރޭޝަނުގެ މަގްސަދު ހާސިލުނުވެ ދިއުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
އެހެންކަމުން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލު ނަވީން ވަނީ ބްރޭކިންގ ނިއުސް ދިނުމުގައި މިފަދަ ކަންތައްތަކަށް ސަމާލުކަން ދިނުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް އިލްތިމާސްކުރައްވާފައެވެ. އޭނާ އެދިލެއްވީ އޮޕަރޭޝަންތަކުގެ ކާމިޔާބީއަށްޓަކައި، ފުލުހުންގެ ރަސްމީ މައުލޫމާތު ލިބުމުގެ ކުރިން އެފަދަ މައުލޫމާތުތައް ފެތުރުމުން ދުރުހެލިވުމަށެވެ.

