ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ 382 ކުދިންނަށް އިންޓަވޭޝަން ޕްރޮގްރާމްތައް ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުން ހިންގަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އިހުސާން ވިދާޅުވީ ކުށުގެ ވެށީގައި މިވަގުތު އުޅެމުންދާ ކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމުގެ ބިރުއޮތް ކުދިން ހިމެނޭޙެން ޖުމްލަ 382 ކުދިންނަށް ޕްރޮގްރާމްތައް ހިންގައި ހިދުމަތް ދެމުންދާކަމަށެވެ.
ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި 2019 ވަނަ އަހަރު ގެނެވުނު ގާނޫނުގެ ދަށުން ގާއިމުކުރަންޖެހޭ މައިގަނޑު ފަސް މަރުކަޒެއް ރާއްޖޭގައި ވަނީ ގާއިމުކޮށްފައެވެ.
ގޮތުން ކުޑަކުދިން ކުށް ކުރުމުން އެމީހުން ހައްޔަރުކޮށްފައި ބަހައްޓާނެ ޑިޓެންޝަން ސެންޓަރާއި، އެ ކުދިންގެ މައްޗަށް ހުކުމް ތަންފީޒުވެގެން އަންނައިރު ދިގު މުއްދަތަށް ހައްޔަރުކޮށްފައި ބަހައްޓަން ލޯންގް ޓާމް ޖުވެނައިލް ސެކިއޯ ފެސިލިޓީއާއި ކުޑަކުދިން ރީހެބިލިޓޭޓް ކުރުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓްސްއާއި، ހާފްވޭ ހައުސް އަދި ޖުވެނައިލް ލޯންގް ޓާމް ކެއާ ފެސިލިޓީގެ ކަންތައްތައް ގާއިމުކުރަން ޖެހޭ ކަމަށް ވަޒިރު ވިދާޅުވިއެވެ. އޭގެތެރެއިން މި ސަރުކާރު ގާއިމުވިއިރު ރާއްޖޭގައި ހުރީ ޖުވެނައިލް ޑިޓެންޝަން ސެންޓަރު އެކަނި ކަމަށް އިހުސާން ވިދާޅުވިއެވެ.
ނަމަވެސް ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތުން ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓު ސެންޓަރަކާއި ލޯންގްޓާމް ޖުވެނައިލް، ލޯންގްޓާމް ސެކިއޯ ފެސިލިޓީއެއް އަދި ހާފްވޭ ހައުސްއެއް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

