މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ޝަބްނަމްގެ، ކ. ކާށިދޫ، މަޚްޒޫމް ސަލީމް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މަގާމަށް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވީ ދެ ބޭފުޅެއްގެ ނަމެވެ. އެ ލިސްޓްގައި ރައީސް ޞާލިހް އިސްކަން ދެއްވާފައިވަނީ މަހުމޫޒްއަށެވެ. ދެވަނައަށް ފޮނުވާފައިވަނީ މއ. ވިލާރޮދި، އިސްމާއިލް ސާޖިދުގެ ނަމެވެ. މީރާގެ ބޯޑަށް މަޚްޒޫމް އައްޔަން ކުރުމަށް، މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެމްބަރުންގެ އިއްތިފާގުންނެވެ. ރުހުން ދިނުމަށް، ބޭނުންވާ އަދަދަށް މަހުމޫޒުއަށް ވޯޓު ހަމަވުމާއި އެކު އިސްމާއިލް ސާޖިދުގެ ނަމަށް ވޯޓަކަށް އަހާފައި ނުވެއެވެ.
މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައި ވަނީ މިދިޔަ މަހު 30 ވަނަ ދުވަހަށެވެ. އެ މަގާމަށް ހުޅުވާލާފައި ވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ކުރިން އޮތް ގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެވެ. މީރާގެ ބޯޑަށް މެންބަރަކު އައްޔަން ކުރަން މަޖިލީހުން ރުހުން ދިންއިރު، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އާ ބޭފުޅުންތަކެއް ވަނީ އައްޔަން ކޮށްފަ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކޮށްފައިވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.
މިހާރު ގާނޫނު ބަދަލު ކޮށްފައި ވަނީ އޭގެ އިތުރަށް ފިނޭންސް މިނިސްޓްރީގައި ޓެކްސްއާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާފައިވާ ފަރާތެއް ވެސް ހިމެނޭ ގޮތަށެވެ. އެ ބަދަލާއެކު މީރާގެ ބޯޑު މެންބަރުންގެ އަދަދު ހަތަކަށް އަރަ އެވެ.

