ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. އަފްރާޝީމް މަރުގެ މައްސަލައިގެ ރިޕޯޓު ދިރާސާކުރުމުގައި، ރިޔާޒު ބައިވެރި ނުކުރުމަށް 241 ކޮމިޓީން ނިންމައިފި

އަފްރާޝީމް މަރުގެ މައްސަލައިގެ ރިޕޯޓަށް މަޝްވަރާ ކުރާއިރު، އެ ކޮމިޓީގައި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު 241 ކޮމިޓީގައި ނުހިމެނުމަށް ފާސްކޮށްފި - ފޮޓޯ:
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމީޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ހުރި ކަންކަން ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މަޝްވަރާ ކުރާއިރު އެ ކޮމިޓީއިން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ތަނާޒުލް ކުރުމަށް ނިންމާ ފާސްކޮށްފިއެވެ.

އަފްރާޝީމް އަވަހާރަކޮށްލިއިރު، ޕޮލިސް ކޮމިޝަނާ ކަމުގެ މަގާމުގައި އިންނެވި ރިޔާޒްއަކީ 241 ކޮމިޓީގެ މެމްބަރެކެވެ. މަރުގެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ރިޔާޒްގެ ވާހަކަތައް ވެސް ހިމަނާފައިވާއިރު ކޮމިޓީން ނިންމީ އެ މައްސަލަ ބަލާއިރު އެ ކޮމިޓީގެ މެމްބަރު އަދި ތިމަރަފުށީ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒާ ނުހިމެނޭ ގޮތަށް އެމައްސަލަ ބެލުމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގު ރިޕޯޓު ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ. ރިޕޯޓާއި ގުޅޭގޮތުން 241 ކޮމިޓީން އަމަލު ކުރާނެ ގޮތް ކަނޑައެޅުމަށް ވަނީ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އާއްމުގޮތެއްގައި މީޑިއާތަކަށް ސިއްރުކުރާ ކޮމިޓީއަށް ހޯމަ ދުވަހު ވަނީ މީޑިއާތައް ވައްދާފައެވެ.

241 ކޮމިޓީން ވަނީ އެ ރިޕޯޓާ ގުޅިގެން ޖުމްލަ ހަތް ކަމެއް ބެލުމަށް ފާސްކޮށްފައެވެ. އޭގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ފަސް ކަމެއް ހިމެނެއެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ކަންތަކުގެ ތެރޭގައި ހައްދުފަހަނަ އެޅި ޖިހާދީ ފިކުރުގެ ޖަމާއަތްތައް އިންތިޒާމްވެ ހިންގާ ގޮތާއި ރާއްޖޭގައި އެފިކުރު ފެތުރިފައިވާ މިންވަރު ދެނެގަތުން އަދި އެ ޖަމާއަތްތަކާ ގުޅޭ މައުލޫމަތުތައް ހޯދުމާއި، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލު ހޯދުން އަދި ރާއްޖޭގެ ޖިހާދީ ޖަމާއަތްތައް ލިސްޓްކޮށް، އެ ޖަމާއަތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން އަފްރާޝީމްގެ މަރާލަން އުޅޭކަން މައުލޫމަތުތައް އެނގިހުރެ ސިއްރު ކުރި މީހުން ދެނެގަތުން އަދި އެ މަރުގައި ފުލުހުންގެ އިހުމާލެއް ނުވަތަ ބައިވެރިވުމެއް އޮތްތޯ ބެލުން ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓގެ ބައްދަލުވުން – ފޮޓޯ: މަޖިލިސް

ކޮމިޓީގައި ވާހަކަ ދައްކަވަމުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވީ މީހުންނާއި ރާވާ ހިންގި މީހުން މިވަގުތު ތިބީ ކޮންތާކުތޯ ހޯދާ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އިވާ ވިދާޅުވީ އެ މީހުންގެ ހާލަތު ދެނެގަތުމަށްޓަކާ އެ މީހުން މާލޭގައި ނުވަތަ ރާއްޖޭގައި އެބައުޅޭތޯ ބަލަންޖެހޭ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ވާނަމަ، ބޭރަށް ދެވުނީ ކިހިނެއްތޯ އާއި ފުރައިގެން ދިއުމާއި ހަމައަށް އޭނާއަށް އެފަދަ އެއްވެސް ތަނަވަސްކަމެއް ލިބިފައިވޭތޯ ބެލެން ޖެހޭ ކަމަށެވެ.

އަފްރާޝީމް މަރުގެ މައްސަލައިގައި ހިމެނޭ ބަޔަކު، ރާއްޖެ ދޫކޮށް ސީރިއާއަށް ގޮސްފައިވާ ކަމާއި އަދި އެ މީހުން މިހާރު މަރުވެފައިވާކަމަށް ”ވާހަކަތައް ދެކެވުނަސް“ އެއީ އަދި މިހާތަނަށް ކަށަވަރުވެފައިވާ ވާހަކަތަކެއް ނޫންކަން އީވާގެ ވާހަކައިގައި ވަނީ ފާޙަގަކުރައްވާފައެވެ. ކަންބޮޮޑުވުންތަކަށްފަހު އީވާ ހުށަހެޅުއްވީ އެކަން ކަން ސާފު ކުރުމަށް އިމިގްރޭޝަނާއި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓގެ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ – ފޮޓޯ: މަޖިލިސް

އިތުރު ހުށަހެޅުމެއް، ހުށަހަޅުއްވާފައިވަނީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އޭނާ ވަނީ ކޮމިޓީން ގިނަ މައްސަލަތަކެއް ބަލަމުންދާއިރު އެ ރިޕޯޓާއި ގިޅިގެން މުވައްސަސާތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށެވެ. އިލްޔާސް ހުށަހެޅުއްވީ ޕްރޮސެކުއުޓާ ޖެނެރަލް ޕްރޮސެކުޓް ކުރުމާއި، މީހުންނާ ދޭތެރޭ ކުރަންޖެހޭ ހުރިހާކަމެއް އަދި މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށެވެ.

މެމްބަރުންގެ ހުށަހެޅުންތަކަށް ފަހު، ކޮމިޓީ މުގައްރަރު އަދި ހިތަދޫ އުތުރު ދާއިރާ މެމްބަރު އަސްލަމް ފުރުސަތު ދެއްވީ ހުރިހާ ކަމެއް އެއް ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމަށެވެ. އެގޮތުން ކުރިން އިވާއާއި އިލްޔާސް ހުށަހެޅުއްވި ދެ ކަންތައް ހަސަން ލަތީފުގެ ހުށަހެޅުމުގައި ހިމަނައި ޖުމްލަ ހަތް ކަންތައް ހަސަން ލަތީފު ހުށަހެޅުއްވި އެވެ. ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ފާސްވީ، ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ރިޕޯޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މުޅި ރިޕޯޓުންވެސް ފެންނަން އޮތީ ”ފުލުހުންގެ އިހުމާލު“ ކަމަށެެވެ. އެގޮތުން، ރިޕޯޓާއި ގުޅޭ މަޝްވަރާތަކުގައި ރިޔާޒް ބައިވެރި ނުކުރުމަށް ވެސް ހުށަހަޅުއްވީ އާޒިމްއެވެ. އެއީ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަކީ ރިޔާޒްކަމަށް ވުމުންނެވެ. އާޒިމްގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ހެންވޭރު އުތުރު ދާއިރާ މެމްބަރު ހުސައިން ޝަމީމް އެެވެ. ހުށަހެޅުން ފާސްވީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގުގެ ހޯދުންތައް ޑިސެމްބަރު، 4، 2012 ގައި މީޑިއާއާ ހިއްސާކުރައްވައި ރިޔާޒް ވިދާޅުވެފައި ވަނީ، އެ އަމަލު ހިންގީ އަފްރާޝީމާ ދީނީ ގޮތުން ހިޔާލު ތަފާތު ބައެއް ކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރާ ކަމަށެވެ. އެކަމަކު، މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އޭރު ލިބުނު މައުލޫމާތުން ބުރަވެވެވެނީ އެކަމުގެ އަޑީގައި ތިބީ ސިޔާސީ ބަޔަކު ކަމަށް ރިިޔާޒް ވިދާޅުވެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: