ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުން ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ޖިހާދު، އެންއައިސީގެ މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުންގެ އިއްތިފާގުންނެވެ. އެންއައިސީގެ މެމްބަރުކަމަށް ޖިހާދު އައްޔަންކުރަން ފާސްކުރީ އެ ކޮމިޝަންގެ މެމްބަރު ކަމުގައި ހުންނެވި މުހައްމަދު ފަރުހާދު މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އާދީއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެންއައިސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް ފެނޭތޯ، އެންމެ ފުރަތަމަ އަހާފައިވަނީ ޝުއައިބު އަބްދުއް ރަހުމާނަށެވެ. އޭނާއަކީ މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަން ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޝުއައިބު އެންއައިސީގެ މެމްބަރުކަމަށް އައްޔަން ކުރުމަށް ނުފެންނަ ކަމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން ދެން ވޯޓަށް އަހާފައި ވަނީ ޖިހާދުއަށެވެ.
ޝުއައިބާއި ޖިހާދުގެ އިތުރުން ރައީސްގެ ލިސްޓްގައި ދެން ހިމެނުނީ ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ، ހައްވާ ލިއުޝާ، ގ. ތުނޑިވެލި އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނަންތައް ދިރާސާ ކުރުމަށް ފަހު ލިއުޝާގެ ނަން ފިޔަވައި ހުރިހާ ނަމެއް މަޖިލިހުގެ ތަޅުމަށް ފޮނުވި އެވެ. އަދި ޖިހާދުގެ ނަން ފާސްވުމާ ގުޅިގެން ޝަހުނީޒާގެ ނަމަށް މަޖިލިހުގެ ތަޅުމުގައި ވޯޓަކަށް ނުދެ އެވެ.
އެންއައިސީގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރު ދުވަހަށެވެ.

