މަޝްހޫރު ފިލްމީ ތަރި މަލީހާ ވަޙީދު (މަލް) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ޑައިމޯފިން ޓްރްފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އިއްވައިފިއެވެ.
މަސްތުވާތަކެއްޗާއެކު، ފިލްމީ ތަރި، މަލީހާ ހައްޔަރުކޮށްފައިވަނީ، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާމިގިލިންނެވެ. މައްސަލައިގައި މަލީހާއި އެކު އިތުރު އަންހެނެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެ ސިޓީއިން ފުރައިގެން މާމިގިއްޔަށް މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ލިބިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެއީ މިއަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި، މަލީހާ ވަހީދާއި، ހ.ސޯސަންޕްލާވާރ، ފާތިމަތު ރިފްޤާ އާއި ދެކޮޅަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި، ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ. ހޯމަ ދުވަހު ކުރިޔަށް ގެންގޮސްފައިވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ.
މި ދެމީހުންގެ މައްޗަށް ދަޢުވާ އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ މަލީހާއާއި، ރިފްގާގެ މައްޗަށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި، އެއް ލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ދެމީހުންނަށް އުފުލާފައިވާ، ކެނެބިސް ބޭނުން ކުރުމުގެ ދަޢުވާ އިއްވަމުން ދަޢުލަތުން ބުނެފައިވަނީ، މި މައްސަލަ މި ދެމީހުންގެ މައްޗަށް ސާބިތު ވެއްޖެނަމަ، ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށެވެ.
މި ދައުވާ އަށް ޖަވާބުދާރީ ވަމުން، މަލީހާގެ ދިފާއީ ވަކީލް ވިދާޅުވީ، ދަޢުލަތުން އިއްވި ދެ ދައުވާ ވެސް ސާފުވެއްޖެ ކަމަށެވެ. އެހެން ނަމަވެސް، މައްސަލައިގައި މަލީހާ ހައްޔަރުކޮށްފައިވަނީ، ޖިނާޢީ އިޖުރާޢަތުގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާއާއި ޚިލާފަށް ކަމަށެވެ. ވަކީލް ވިދާޅުވީ މަލީހާ ހައްޔަރު ކުރިއިރު ކޯޓު އަމުރެއްވެސް ނެތް ކަމަށެވެ. ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގެ ފޯމެއް އޮތަސް މަލީހާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅީ ހައްޔަރު ކުރި ދުވަހުގެ ހަވީރު 05:30 ގައި ކަމަށެވެ. އެހެން ނަމަވެސް ހައްޔަރުކޮށްފައިވާ މީހާގެ މަޢުލޫމާތު ފޯމުގައި އޮތް ގޮތުން މަލީހާ ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ 05:15 ގައި ކަމަށެވެ. އެހެން ކަމުން، އެއީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ހައްޔަރެއްކަމަށް އޭނާ ވިދާޅުވިއެވެ.
މަލީހާ އާއި ރިފްޤާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެ ދަޢުވާ އަށް މި ދެ މީހުން އިންކާރުކޮށްފައިވާތީ، މި މައްސަލަ ސާބިތުކުރުމަށް ދަޢުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އެގޮތުން، ޝަފަޙީ 3 ހެއްކަކާއި، ކިތާބީ 2 ހެއްކެއް ދަޢުލަތުން ވަނީ މިއަދުގެ އަޑުއެހުމުގައި ހުށަހަޅާފައެވެ. ދަޢުލަތުން ހެކި ހުށަހަޅާފައިވީ ނަމަވެސް، މިކަމާއި ގުޅޭގޮތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅަން ނެތް ކަމަށް މަލީހާ އާއި ރިފްޤާގެ ޤާނޫނީ ވަކީލް ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މަލް ހައްޔަރުކުރި ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި 9 ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ރެޑް ކާޕެޓުން ވެސް އޭނާ ފެނިފައިވެ އެވެ

