ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ ”ހޯޕް އައިލެންޑް“ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފަށާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން އުތުރު ތިލަފަޅުގައި 15 ހެކްޓަރުގެ ބިން ހިއްކައި، 700 މީހުންގެ ޖާގައަށް ޚާއްސަ ޚިދުމަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމް ޓީމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރ އިހުސާން ވަނީ ހޯޕް އައިލެންޑްގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ކުރިން މި މަޝްރޫޢު ދ. ވާނީގައި ތަރައްގީކުރުމަށް ނިންމާފައި އޮތްނަމަވެސް، މިހާރު އެތަން ތަރައްގީކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ.
މިނިސްޓަރ ވިދާޅުވީ، ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހޯޕް އައިލެންޑަށް އިންވެސްޓްކުރާނެ ފަރާތެއް ހަމަޖެހިފައިވާކަމަށާއި، އެ ފަރާތާއިއެކު ޓޫރިޒަމް މިނިސްޓްރީއާއިއެކު ބައްދަލުވުންތައް ކުރިއަށް ދާ ކަމަށެވެ. އެގޮތުން، ކޮންސްޓްރަކްޝަން މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށޭނެކަމަށް މިނިސްޓަރ ޔަގީންކަން ދެއްވިއެވެ.
މިހާރު ނިންމާފައިވާ ގޮތުން، އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްގީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްސަކޮށްގެންނެވެ.
އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްސަ ޔުނިޓަކާއި، ތައުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަހައްދަކާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭނެ ތަނެއްވެސް މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ހޯޕް އައިލެންޑްގައި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި، އެކި ކަހަލަ ހަފްލާތައް ބޭއްވުމަށް ޚާއްސަ ސަރަހައްދަކާއި، އެތަނަށް ގެންދާ ކުދިންނާއި ބެލެނިވެރިން ބައްދަލުކުރުމަށް ޚާއްސަ ސަރަޙައްދެއްވެސް ތަރައްގީކުރާނެއެވެ. މި ހުރިހާ ޚިދުމަތްތަކާއެކު، އަސާސީ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ގާއިމުކުރާ މި އައިލެންޑްގައި، ކުޑަކުދިންނަށް އަސާސީ ތައުލީމާއި ދީނީ ތަރުބިއްޔަތު ދޭނެއެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

