ފުލުހުން ހިންގި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެއްގައި، 377.39 ގްރާމުގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ގެސްޓު ހައުސްއަކާއި އެޕާޓްމެންޓެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓްމެންޓާއި (ޑީއީޑީ)، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، ބަލައިފާސްކުރި ތަންތަނުން މަސްތުވާތަކެތި ފެނިފައިވާއިރު، އަތުލައިގަނެވުނު ތަކެތީގެ ޖުމްލަ ބަރުދަނަކީ 377.39 ގްރާމެވެ. ނަމަވެސް، އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަން ފުލުހުން ހާމަކޮށްފައިނުވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ތިން ފިރިހެނުންނާއި ނޭޕާލްގެ އަންހެނެކެވެ. އެއީ ދަފްތަރު ނަންބަރު ރސ. 10367 / މާލެ، ޙަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ / ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި / ބ. ގޮއިދޫ، ޙުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއްކަމަށްވާ ނިޝާ ރާއި (21އ) އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އަނަސްގެ ބަންދަށް 15 ދުވަހުގެ މުއްދަތު ވަނީ ޖަހާފައެވެ. މޫސާ ޝަހީމްއާއި ޙުސައިން ޝަރުވާންގެ ބަންދަށް 5 ދުވަހުގެ މުއްދަތު ދީފައިވެއެވެ. ނިޝާ ރާއިގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ޑްރަގު އެންފޯސްމަންޓު ޑިޕާޓްމެންޓުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވަނީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތުގެ ނަތީޖާގެ ގޮތުން، މި އަހަރުގެ ތެރޭގައި ރާއްޖޭގެ މަގުމަތީ ބާޒާރުގެ އަގަށް ބަލާއިރު 865 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުން ވަނީ ސީޒްކޮށްފައެވެ. މިކަން ހާމަކުރައްވާފައިވަނީ ދާދިފަހުން ހޯމް ލޭންޑު ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސްއެވެ. މިފަދަ އޮޕަރޭޝަންތަކުން ދައްކުވައިދެނީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ކާމިޔާބީއެވެ.

