މާލޭގެ މޭޔަރުކަމަށް އާދެވިއްޖެ ނަމަ ވަކި މީހަކަށް ނުބަލާ ގާނޫނުތައް ތަންފީޒުކުރާނެ ކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، އޭނާގެ ކެމްޕޭނުގެ ހަރަކާތެއްގެ ތެރެއިން ބޭއްވި ’ފަސޭހަ ދިރިއުޅުން‘ ނަމުގައި ބޭއްވި ހަރުގެ ޖަލްސާގައެވެ.
އާޒިމް ވިދާޅުވީ މާލެއަށް ބަދަލު ގެނެވޭނެ ކަމަށާއި، އެ ބަދަލު ގެންނާނީ އޭނާ ކަމަށެވެ. އޭނާގެ ވިސްނުމާއި، އިހުލާސްތެރިކަމާއި، ކަންކަން ކުރާނެ ގޮތް ވިސްނުމުގައި ހުރި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވަނީ މާލެ ހަމައަކަށް އެޅުވޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ލާމަރުކަޒީ ގާނޫނު ވުޖޫދުވީއިރު، އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ފުރިހަމަ ބާރާއި، އިހުތިޔާރު ދިން ކަމަށް އާޒިމް ވިދާޅުވިއެވެ. މިއަދު މާލޭ ސިޓީއަށް ގެންނަން ޖެހޭ ބަދަލުގެ ގޮތުގައި އޮތީ، އެ ބާރުތަކުގެ ބޭނުން އެދެވޭ ގޮތެއްގައި ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.
ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގައި ވަކި ފަރާތަކަށް ބެލުމެއް ނުބާއްވާނެ ކަމަށް އާޒިމް ވަނީ ޔަގީންކަން ދެއްވާފައެވެ.
އޭނާ ވިދާޅުވީ، ބޭނުންތަނެއްގައި ޕާކުކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، ބޭނުން ގޮތަކަށް ކުނި އުކާލަން ވެސް ފުރުސަތު ނުދޭނެ ކަމަށެވެ. މޭޔަރަކަށް އައިސް ކަންކަން ކުރާނީ ހަމައެކަނި ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށާއި، އެއްވެސް މީހަކަށް ނުބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ”އެއްވެސް މީހަކަށް ނުބަލާނެ ކަމަށާއި، ގާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަން ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލެއަކީ ވަރަށް މުއްސަންދި ތަނެއް ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މާލޭގެ މުއްސަނދިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މާލެއަށް ލިބޭ ފުރިހަމަ ނަފާ އަދި މަންފާ ލިބޭނެ ގޮތަށް ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގެ ރައްޔިތުންގެ އަސާސީ ކަންކަން ކޮށްދިނުމަށް މަގުތައް ފަހިކޮށްދިނުމަށް ބޭނުންވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަސާސީ ޚިދުމަތްތަކުގެ ތެރެއިން ފެނުގެ ބިލު ކުޑަވާނެ ގޮތެއް ހެދުމާއި، ކަރަންޓު ބިލު ކުޑަކުރުމާއި، އަދި ބޯހިޔާވަހިކަން ނުލިބި ތިބި މީހުންނަށް އެކަން ވެސް ކޮށްދެވޭނެ މަގެއް ފަހިކޮށްދޭން ބޭނުންވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ، މޭޔަރު ކަމަށް އަންނަނީ ވަރަށް ބޮޑު އަދި ވަރަށް ރަނގަޅު ތަސައްވުރަކާއި ޕްލޭނަކާއި އެކު ކަމަށެވެ. މާލޭގެ މޭޔަރުކަމުގެ އިންތިޚާބުގައި އާޒިމް ވާދަކުރައްވަނީ ޕީޕީއެމްގެ ޓިކެޓުގައެވެ.

