ރާއްޖޭގެ ޖަލުތަކުގައި އެންމެ އެކަށީގެންވާ ސެކިއުރިޓީ އާލާތްތައް މިވަގުތު ނެތް ކަމަށާއި، މިކަމުގެ ސަބަބުން ޖަލުތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، މިވަގުތު ތިން ޖަލެއްގައި 1600އަށް ވުރެ ގިނަ ގައިދީން ގައިދު ކުރެވިފައިވާ ކަމަށެވެ.
ޒަރީރު އިތުރަށް ފާހަގަކުރެއްވީ ރާއްޖޭގައި މިހާރު ހުރި ޖަލުތަކަކީ ޑިޒައިންކޮށްގެން ހަދާފައިވާ ތަންތަން ނޫން ކަމަށެވެ.
އެގޮތުން އެކި ދުވަސްވަރު މީހުން ބަންދުކުރަމުން ގެންދިޔައީ އެކި ގޮތްގޮތަށް ކަމަށާއި، ސެންޓްރަލް ޖަލެއްގެ ގޮތުގައި ހުރި މާފުށީ ޖަލަކީވެސް ކުރީގައި އެސްޓީއޯގެ މަސްފެކްޓްރީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން ނިންމި ނިންމުމެއްގެ ސަބަބުން ރައީސް މައުމޫންގެ ދައުރުގައި މާލޭގައި ގާއިމްކުރި ޖަލު ބަންދުކޮށްފައި ކަމަށެވެ. އެއީ 300 މީހުންގެ ޖާގައިގެ ޖަލެއް ކަމަށްވާއިރު، އެކަމަށް ޕްލޭން ބީއެއް ނުވަތަ އިތުރުގޮތެއް ނެތީސް ބަންދުކުރިކަން ޒަރީރު ފާހަގަ ކުރެއްވިއެވެ. އަދި ދޫނިދޫގައި ހުރި ރިމާންޑް ޖަލުތަކެއްވެސް ބަންދުކުރުމާއިއެކު ކަރެކްޝަންސްގެ މަސައްކަތްތަކަށް ލޮޅުންތަކެއް އަރާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖަލުތަކުގައި ސެކިއުރިޓީގެ ހާލަތު ހުރި ގޮތާމެދު ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ކަރެކްޝަންސް ޖަލުތަކުގައި ޒަމާނީ ސެކިއުރިޓީ އިކުއިޕްމެންޓްތަކެއް ބަހައްޓާފައި ނުހުންނަ ކަމަށެވެ.
”މިހާރު ބޭނުން ކުރެވެމުން ދަނީ ބެގޭޖް ސްކޭނިންގ މެޝިން ތަކާއި، ބޮޑީ ސްކޭން ކުރާ ސާމާނުތަކާއި، ވަރަށް އާދައިގެ ސެކިއުރިޓީ އިކުޕްމެންޓްތަކެއް،“ ޒަރީރު ވިދާޅުވިއެވެ.
އެހެންކަމުން ޖަލުތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ހުންނަ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ހާމަކުރައްވާފައެވެ.

