ރީފްސައިޑްގެ ދިހަ ބުރީގެ އިމާރާތު ހިއްސާދާރަކަށްވެ ފައިދާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އިޖާރާ ސުކޫކް އިފްތިތާހުކޮށްފި އެވެ.
މިއީ ރާއްޖޭގައި އަމިއްލަ ފަރާތަކުން ލިސްޓު ކުރި ފުރަތަމަ އިޖާރާ ސުކޫކެވެ. އަދި މި ސްކީމް ތައާރަފުކޮށްދެއްވާފައި ވަނީ މޯލްޑިވްސް ސްޓޮކް އެޗްސްޗޭންޖްގެ ސީއީއޯ އަވްޝަން އަލީފް އެވެ.
އިޖާރާ ސުކޫކް އިފްތިތާހުކޮށް ރީފްސައިޑުން ވަނީ މި ސްކީމް މެދުވެރިކޮށް ފައިދާ ލިބޭނެކަމުގެ ޔަގީންކަން ދީފަ އެވެ. މިއީ އަގުމަގުކޮށްފައިވާ 40 މިލިއަން ރުފިޔާގެ އަގުހުރި އިމާރާތެއްކަމަށްވުމާއި އެކު، ސުކޫކް ގަންނަ ފަރާތްތަކަށް އިމާރާތުގެ ކުލީގެ މަންފާ ލިބިގެންދާނެ އެވެ.
ސުކޫކް އިޖާރާއާއި ގުޅޭ މައުލޫމާތުތައް ހިމެނޭ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވައި ރީފްސައިޑް ސުކޫކް އިޖާރާގެ ޕްރިންސިޕަލް އެޑްވައިޒަރ އަދި ޝަރީއާ އެޑްވައިޒަރ އަޒްމީން ރަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި ސުކޫކެއް އެންމެ ފުރަތަމަ އިޝޫކުރެވިފައި ވަނީ 2013 ވަނަ އަހަރުކަމަށް ވާއިރު، އަދިވެސް އޭގެ މައުލޫމާތުތައް ގިނަ ބަޔަކަށް ނޭނގޭކަމަށެވެ.
އަޒްމީން ވިދާޅުވީ، ސުކޫކަކީ ކޮބައިތޯ، އަދި އެއީ ކިހިނެއް މަސައްކަތް ކުރާ އެއްޗެއްތޯ ގިނަ ބަޔަކު ކުރާ ސުވާލެއް ކަމަށެވެ. އެކަން ފާހަގަކޮށް އަޒްމީން ވިދާޅުވީ، ސުކޫކަކީ ކުއްޔަށް ދެވޭ މުދަލެއް ނުވަތަ ގަނެވިއްކޭ މުދަލެއް ނުވަތަ އިމާރާތްކުރެވޭ މަޝްރޫއެއް ނުވަތަ ހޯދައިގަނެވޭ ޚިދުމަތެއް އަދި އެހެނިހެންވެސް އިސްތިސްމާރު ކުރެވޭ ނުވަތަ އިންވެސްޓް ކުރެވޭ އިގްތިސާދީ ހަރަކާތްތަކެއްގެ އެފަރާތެއްގެ ހިއްސާ ރަމްޒުކޮށްދޭ ސެޓްފިކެޓެއް ކަމަށެވެ.
އިސްލާމީ ޝަރީއަތާ އެއްގޮތަށް ފަރުމާކުރެވިފައިވާ މި ފައިނޭންޝަލް އިންސްޓްރުމެންޓްތަކަކީ ވިޔަފާރީގެ ދާއިރާއަށް ދިރުމެއް ގެނެސްދޭނެ ވަސީލަތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އަޒްމީން އިތުރަށް ވިދާޅުވީ، މިފަދަ އިންސްޓްރުމެންޓެއް އިޝޫކުރާއިރުގައި، އެންމެ ފުރަތަމަ ވެސް ބަލަންޖެހޭ ކަމަކީ އިޝޫކުރާ ފަރާތަކީ ކޮން ފަރާތެއްތޯ، އަދި އެފަރާތުގެ ކެޕޭސިޓީ، ލަޔާގަތު އަދި ގާބިލުކަން ހުރިތޯ ކަމަށެވެ
އޭގެ އިތުރުން، އިންވެސްޓަރުންނަށް އަންދާޒާކުރެވިފައިވާ ފައިދާ ދެވޭނެކަމުގެ ޔަގީންކަން އޮތުން މުހިންމުކަމަށް ވިދާޅުވި އެވެ.
އަޒްމީން ވިދާޅުވީ، ރީފްސައިޑް ސުކޫކަކީ އިންވެސްޓްކުރާ ފަރާތްތަކަށް މާލޭގެ އެންމެ ރަނގަޅު ސަރަހައްދުގައި ހުންނަ އިމާރާތެއްގެ މިލްކުވެރިކަން ހޯދައިދީ، ބޮޑު ފައިދާއެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭނެ ސުކޫކެއް ކަމަށެވެ.
އަޒްމީން ހާމަކުރެއްވި ގޮތުގައި، މި ސުކޫކުގެ މޮޑެލް ބިނާވެފައި ވަނީ ރީފްސައިޑްގެ ދިހަ ބުރީގެ އިމާރާތުގެ މައްޗަށެވެ. މާލޭގެ އެންމެ ޕްރައިމް ލޮކޭޝަންގައި، ބަނދަރުން ފޭބުމަށްފަހު ކަނާތްފަރާތަށް ފެންނަން ހުންނަ މި އިމާރާތަކީ ކުއްޔަށް ނުދެވި ހުންނާނެ އިމާރާތެއް ނޫންކަމަށާއި، ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތައް ގިނަ ވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިންވެސްޓަރުން ގަންނަ ކޮންމެ ސުކޫކެއް ރަމްޒުކޮށްދެނީ މި އިމާރާތުގެ މިލްކުވެރިކަމުގެ ބައެއްގެ ގޮތުގައި އަޒްމީން ވިދާޅުވި އެވެ.
ތިބޭފުޅުން ސުކޫކެއް ބައްލަވައިގަތް ކަމަށް ވާނަމަ، ތިބޭފުޅުންނަށް އޮންނާނެ ހައްގު ރީފްސައިޑް މި އިމާރާތުގެ ހިއްސާދާރެކޭ ބުނުމުގެ ފުރިހަމަ ޔަގީންކަން.. މި އިމާރާތް ކުއްޔަށް ދެވޭކަމަށް ވެއްޖިއްޔާމު، ތިބޭފުޅުންގެ ސުކޫކަށް ފައިދާ ލިބިގެންދާނެ..
ބޮންޑަކާއި ސުކޫކަކާ ހުރި ތަފާތަށް އިޝާރާތް ކުރައްވައި އަޒްމީން ވިދާޅުވީ، ބޮންޑަކީ ކުންފުންޏަކުން ކަނޑައެޅިފައިވާ އިންޓަރެސްޓަކާއެކު ފައިދާ ދިނުމަށް ވައުދުވާ އެއްޗެއް ކަމަށެވެ. ނަމަވެސް ވިދާޅުވި ގޮތުގައި ސުކޫކުގެ ތަފާތަކީ، ކުންފުނިން ވައުދުވުމުގެ އިތުރުން އިމާރާތުން ލިބިދޭ ކުލީގެ މަންފާ ދިނުމާއި، ކޯޕަރޭޓް ގެރެންޓީއެއް ވެސް ސުކޫކް ޕްރޮސްޕެކްޓަސްގައި ހިމެނިގެންދާނެ ކަމެވެ. މި މޮޑެލްގެ ތަފްސީލުތައް ސުކޫކްގެ ޕްރޮސްޕެކްޓަސްގައި ފުރިހަމައަށް ބަޔާންކޮށްފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަޒްމީން ވިދާޅުވި ގޮތުގައި ރީފްސައިޑް ސުކޫކަކީ ޖުމްލަ 28 މިލިއަން ރުފިޔާގެ ސުކޫކެކެވެ. އަދި މޫނުމަތީ އަގެއްގެ ގޮތުގައި 1000 ރުފިޔާ ކަނޑައަޅާފައިވާއިރު، މަދުވެގެން 5000 ރުފިޔާއިން އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ. އަަޒްމީން ވިދާޅުވި ގޮތުގައި ވިއަނާ ޕްލެޓްފޯމުގައި ރަޖިސްޓަރީކުރައްވާފައިވާ ކޮންމެ ފަރާތަކަށް 5000 ރުފިޔާއިން ސުކޫކުގައި އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސުކޫކެއްގައި އިންވެސްޓްކުރުމުގެ ފައިދާތައް ވެސް އަޒްމީން ތަފްސީލުކޮށްދެއްވި އެވެ. އެގޮތުން ސޭވިންގް އެކައުންޓެއްގައި ފައިސާ ބަހައްޓައިފިނަމަ ލިބެނީ ގާތްގަނޑަކަށް 1.5 ނުވަތަ 2 އިންސައްތައިގެ ފައިދާއެއްކަމަށާއި، ބޭންކްގެ ލޯންގް ޓާމް ޑިޕޮޒިޓަށް ބަލާއިރު މިހާރުގެ ރޭޓުތަކުން 4 ނުވަތަ 5 އިންސައްތަ ރިޓާން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރީފްސައިޑް ސުކޫކުން 8.5 އިންސައްތަ ރިޓާން ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އަޒްމީން ވިދާޅުވީ، 5 މިލިއަން ރުފިޔާ ހުރި ފަރާތެއް މާލޭގެ ރިއަލް އެސްޓޭޓްގައި އިންވެސްޓްކުރާނަމަ، ގާތްގަނޑަކަށް އެއީ 1000 އަކަފޫޓު ބިމެއްގެ ތިން ފަންގިފިލާ ކަމަށެވެ. އާންމުކޮށް މިފަދަ އިންވެސްޓްމަންޓުތަކަކީ ދިގު މުއްދަތަށް ކުއްޔަށް ހިފުމަށްފަހު އިމާރާތްކުރާ ތަންތަން ކަމަށާއި، ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ އިންވެސްޓްކުރާ ފަރާތަށް ލިބޭއިރު، ދެވަނަ ފަންގިފިލާ ގެއާގެ ވެރިފަރާތަށް ލިބޭކަމަށް ވިދާޅުވި އެވެ. މިފަދަ ތަނަކުން ކުއްޔަށް އާންމުކޮށް ލިބެނީ 75,000 ރުފިޔާ ކަމަށާއި، ސުކޫކްގެ މުއްދަތުކަމަށްވާ ނުވަ އަހަރު ދުވަހަށް ބަލާއިރު، ޖުމްލަ 8.1 މިލިއަން ރުފިޔާ ލިބިދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އެންމެ ގިނައިން ލިބިދާނެ އަދަދަށް ވާއިރު، ކުއްޔަށް ނުދެވި ލަސްވާ ވަގުތާއި، ރިނޮވޭޝަން އަދި މެއިންޓެނެންސް ހަރަދުތައް ހިމެނުމުން މި އަދަދު ދަށްވެގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރީފްސައިޑް ސުކޫކަށް 5 މިލިއަން ރުފިޔާ ނުވަ އަހަރު ދުވަހަށް އިންވެސްޓްކޮށްފިނަމަ ކޮންމެ އަހަރަކު 425,000 ރުފިޔާގެ ފައިދާއެއް ލިބި، ނުވަ އަހަރުގެ މުއްދަތުގައި ޖުމްލަ 8.8 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެކަމަށް އަޒްމީން ވިދާޅުވި އެވެ.



