ހުޅުމާލެ މުނިސިޕަލް ޚިދުމަތްތަކާ ސިޓީ ކައުންސިލުން ޙަވާލުވުމާމެދު ގޮތެއް ނިންމުމަށް ސަރުކާރުން ހުށައެޅުއްވި ކަމަށާއި، އެހެންނަމަވެސް އެކަމަށް މޭޔަރު އާދަމް އާޒިމް އިޖާބަ ނުދެއްވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ ހުޅުމާލެ މުނިސިޕަލް ޚިދުމަތްތަކާ ސިޓީ ކައުންސިލުން ޙަވާލުވުމާމެދު ގޮތެއް ނިންމުމުގެ ކަންކަން މޭޔަރު އާދަމް އާޒިމް އޮޅުވާލައްވާކަމަށެވެ. އެހެންކަމުން އެކަމާއި ހިތާމަކުރައްވާ ކަމަށް އަރީޝް ވިދާޅުވިއެވެ.
ހުޅުމާލެ މުނިސިޕަލް ޚިދުމަތްތަކާ ސިޓީ ކައުންސިލުން ޙަވާލުވުމާމެދު ގޮތެއް ނިންމަން ޢާޒިމް ކައުންސިލުގައި ވޯޓެއް ނަންގަވާފައި ނުވާކަމަށް އަރީޝް ވިދާޅުވިއެވެ. ކައުންސިލުގެ ވޯޓަކަށް ނާއްސަވާ މޭޔަރު މިކަން ކުރައްވާނެ ގާނޫނީ ގޮތަކީ ކޮބައިތޯ އަރީޝް ވަނީ ސުވާލު އުފައްދަވާފައެވެ. އިޚްލާޞްތެރި ނިޔަތެއް މޭޔަރުގެ އޮތް ނަމަ ކައުންސިލުގެ ވޯޓަކާއެކު މިކަމަށް ޢަމަލީ ފިޔަވަޅު އަޅުއްވާނެ ކަމަށް އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ އެޗްޑީސީއިން ހުޅުމާލޭގައި ދެމުންގެންދާ މުނިސިޕަލް ޚިދުމަތްތަކާ ސިޓީ ކައުންސިލުން ޙަވާލުވާން ޢަމަލީގޮތުން އެއްވެސް ކަމެއް ނުކުރައްވާ، ސިޔާސީ މަޤްޞަދެއް ޙާޞިލްކުރައްވަން މީޑިއާތަކަށް އާޒިމް ދަޅައެއް ދައްކާ ކަމަށެވެ. އަރީޝް ވިދާޅުވީ މީ ރައްޔިތުންނަށް ފާޅުގައި ދޮގު ހެދުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ރައްޔިތުންގެ ބައްދަލުވުމުގައި ވަރަށް ސާފުކޮށް ހަގީގަތަށް، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލާ ޙަވާލުކުރައްވަން ސަރުކާރުން ކުރެއްވި ކަންކަން ވިދާޅުވެފައި ކަމަށް އަރީޝް ފާހަގަކުރެއްވިއެވެ. މޭޔަރު އެކަމަށް އިޖާބަ ނުދެއްވިކަން ކައުންސިލުގައި ތިއްބެވި ހަގީގަތް ދަންނަ ހުރިހާ ބޭފުޅުން ހެކިވެވަޑައިގަންނަވާނެ ކަމަށްވެސް ޑެޕިއުޓީ ވިދާޅުވިއެވެ.

