މާލޭގެ ގެއެއް ބަލައިފާސްކޮށް 500 އެއްހާ ވޭޕް ފުލުހުން އަތުލައިގެންފިއެވެ.
މި މައްސަލައިގައި ފުލުހުން ބުނީ، އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ އަލީގައިއާއި ކޯޓު އަމުރެއްގެ ދަށުން، މާލޭގެ 2 ތަނެއް ބާލާ ފާސްކުރިކަމަށެވެ. އެގޮތުން، ބަލާފާސްކުރުމުގެ ތެރެއިން، 2 ކާޓަން ސިގިރޭޓާއި، 442 ވޭޕް ކާޓްރިޖާއި ޝީޝާ ޕަފްގެ އިތުރުން ވޭޕާއި ގުޅުން ހުރި ތަކެތި ފެނިފަިއވާކަމަށް ބުންޏެވެ.
މި މައްސަލައާއި ގުޅިގެން، ދެ މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
ދާދިފަހުން، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު، 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބެލެވޭ ބޮޑު ވޭޕް ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ވޭޕުކުރުން މަނާކުރެވޭނެ ގޮތަށް ހަމަޖައްސާފައެވެ. މި އިސްލާހަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ. ވޭޕު އެތެރެކުރުން ހުއްޓުވުމަށްޓަކައި، މި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕު އެތެރެކުރުމުގެ ޖޫރިމަނާއެއްގެ ގޮތުގައި 50،000 ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ގެނައި މި އިސްލާހުގެ މަގްސަދަކީ، ރާއްޖޭގައި ދުޅަހެޔޮ ޖީލެއް ބިނާކޮށް، މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އަށަގަނެފައިވާ ނުރަނގަޅު އާދަތައް ހުއްޓުވުން ކަމަށް ސަރުކާރުން ބުނެއެވެ. މިފަދަ ބޮޑެތި ޝިޕްމެންޓްތައް އަތުލައިގަނެވުމަކީ، ގާނޫނު ތަންފީޒުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

