ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުގެ މަންދޫބުންނާ މިއަދު ބައްދަލުކުރައްވައި، ޓެކްސީގެ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމަކީ، ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑުއަހައި، އެފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނުން ވަނީ ޓެކްސީގެ ޚިދުމަތް ދިނުމުގައި މިހާރު ކުރިމަތިވަމުންދާ އެންމެ ބޮޑެތި ގޮންޖެހުންތައް ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ.
އޭގެ ތެރޭގައި ޓެކްސީ ކުރުމަށް ބޭނުންކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ހުރި އުނދަގޫތަކާއި، މާލޭގެ މަގުތަކުގައި ޕާކު ކުރުމަށް ދިމާވާ ދަތިތައް ހިމެނެއެވެ. ޚާއްޞަކޮށް، ކުރީއްސުރެ ހިނގަމުން އައި އުޞޫލުތަކަށްވުރެ ހަރުދަނާ، ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވުމަށް އެސޯސިއޭޝަނުން އެދިފައިވެއެވެ.
މީގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ޓެކްސީ ދަތުރުތަކަށް ހޭދަވާ ވަގުތު އިތުރުވެ، އާމްދަނީއަށް ކުރާ ނޭދެވޭ އަސަރުތައްވެސް އެސޯސިއޭޝަނުން ފާހަގަކުރިއެވެ. ޓްރެފިކް މައްސަލަ ޙައްލުކުރުމަށްޓަކައި މިހާރުން މިހާރަށް ގެންނަން ފެންނަ ބަދަލުތަކުގެ ޚިޔާލުތައްވެސް ޑްރައިވަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ސަރުކާރުން އަލަށް ތަޢާރަފުކުރުމަށް ނިންމާފައިވާ ޓެކްސީ ލައިނާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުންކޮށް މަޝްވަރާކުރެވުނެވެ. މި ޚިދުމަތް ފެށުމުގައި ޓެކްސީ ޑްރައިވަރުންގެ މަޞްލަޙަތު ހިމާޔަތްކުރެވޭނެ ގޮތްތަކާއި، އެފަރާތްތަކުގެ ލަފާ މި މަޝްރޫޢުގައި ހިމެނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ރަސްމީ ދަފްތަރެއް އެކުލަވައިލުމަކީ، ޑްރައިވަރުންނަށް ލިބެންޖެހޭ ޙައްޤުތަކާއި އިނާޔަތްތައް ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޓެކްސީ ޑްރައިވަރުން ފާހަގަކުރެއްވި ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ޓެކްސީ ޚިދުމަތަކީ ރައްޔިތުންނަށް އިތުބާރު ހުރި، އަދި ޚިދުމަތް ދޭ ފަރާތްތަކަށް ފައިދާހުރި ދާއިރާއަކަށް ހެދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޓެކްސީ ޑްރައިވަރުންނަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

