ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ އަފްރާޝީމްގެ މަރުގެ ތަހުގީގުގެ ހަގީގަތް!

ކުރިގެ ރައީސް ނަޝީދު ޑޜ އަފްރާޝީމްއ ވާހަކަފުޅު ދައްކަވަނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނީ އޮކްޓޯބަރު 1، 2012 ދުވަހުގެ ރޭ 10:00 އިން 11:00 އަށް ޓީވީއެމްގައި ދެއްކި ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެރޭ ދަންވަރު 12:00 ހާއިރު އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަދެ ވަޑައިގަތް ވަގުތުގަ އެވެ. ރަހުމު ކުޑަ އެ މަރަށް ހަތް އަހަރުވީ އިރު އޮތީ ތަހުގީގު ފުރިހަމަ ނުވަ މަރުގެ ހަގީގަތްތައް ނުހޯދި އޮތީ ފޮރުވިފަ އެވެ.

މިއަދުގެ ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރާއްޖޭގެ އެކިއެކި ރަށްރަށް ކުރެއްވި ދަތުރުފުޅުތަކުގައި ވިދާޅުވެފައި ވަނީ ބިރުވެރިކަމާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދައްވާނެ ކަމަށެވެ. ހާއްސަކޮށް ޑޜ އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯއްދަވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި މިއަދުގެ ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާން ދެއްކެވި އެ ވާހަކަފުޅަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވީނުވީއއް ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. އަދި ގިނަ ގޮންޖެހުންތަކާއިއެކި ކޮމިޝަނަށް ބޮޑެތި ގާނޫނީ ބާރުތަކެއް ހޯއްދަވައި ދެއްވިއެވެ.

އޭގެ ފަހުން ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ދިޔައީ ރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރިކޮށް މަރާލެވުނު ދީނީ ޢިލްމްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ ހަގީގަތް ހޯދައި ހާމަ ކުރާނެ ވަގުތަކެށެވެ.

ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރަށް ނިންމުން އައީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އަހަރުވާން ކައިރިވެފައި ވަނިކޮށެވެ. ޑރ އަފްރާޝީމްގެ މަރު ރައީސް ސާލިހު އުފެއްދެވި މަރު ކޮމިޝަނުން ތަހުގީގުކޮށް ރިޕޯޓް އާންމުކުރީއެވެ.

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ

ރިޕޯޓުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި މީހުނާއި އެކަން ކުރި ސަބަބު ހޯދަން މަރުގެ ކޮމިޝަނުން ކުރި ތަހުގީގު ބިނާ ކޮށްފައި ވަނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއް ކަމަކީ އަފްރާޝީމް އަވަހާރަކޮށްލީ އޭރު އިދިކޮޅުގައި ތިބި އެމްޑީޕީގެ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް ހާސިލު ކުރާށެވެ. ދެވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ އޭނާ އެވަގުތު ހުންނެވި ޕީޕީއެމްގެ ތެރޭގައި އޮތް ސިޔާސީ ވާދަވެރި ކަމެއްގެ ސަބަބުން ޖެހުނު މައްސަލަތަކުގެ ތެރެއިންނެވެ. ތިން ވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރިއަ ނުދިނުމަށްޓަކައި އެ ޕާޓީގެ ބޮލުގައި އޭނާގެ މަރުގެ ތުހުމަތު އެޅުމުގެ ބޭނުމުގައި ސިޔާސީ އެހެން ބައެކެވެ. އަދި ފަހު ކަމެއްގެ ގޮތުން ތަހުގީގު ފޯކަސްކޮށްފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުމެއްގެ ތެރޭގައި ދީނީ ހަރުކަށި ބައެކެވެ.

މި ފާހަގަ ކުރި ހަތަރު ކަންތަކުގެ ތެރެއިން ޑރ އަފްރާޝީމް މަރާލުމުގައި ކޮމިޝަނުން ގަބޫލު ކުރާ ގޮތުގައި ސިޔާސީ މީހުންގެ އެއްވެސް އަތެއް ނެތެވެ. އެމްޑީޕީއާއި ޕީޕީއެމްއަސް ނިސްބަތްވާ ނުވަތަ ނިސްބަތްވި ބައެއްގެ ވެސް އަތެއް ނެތެވެ. އޭގެ ބަދަލުގައި ޑރ އަފްރާޝީމް މަރާލުގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ނުވަތަ ހަރުކަށި ދީނީ ފިކުރުގެ ބައެއް ކަމަށް މަރުގެ ކޮމިޝަނުން ގުބޫލު ކުރެއެވެ.

އެގޮތުން މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން ޑރ އަފްރާޝީމް ދައްކަވާ ވާހަކަތަކާ ގުޅޭ ގޮތުން އިލްމުވެރިންގެ ގިނަަ ބައެއްގެ ހިތުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދިފައިވާ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ޖަމާއަތަކުން އަފްރާޝީމް ކުށްވެރިކޮށް ފަތުވާ ނެރެ އޭނާގެ މައްޗަށް ޝިރުކުގެ ބޮޑެތި ތުހުމަތުތައް ކުރުމުން އަފްރާޝީމްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް އަފްރާޝީމް ދައްކަވާ ވާހަކަތަކެއްގެ ސަބަބުން އޭނާ އަވަހާރަކޮށްލުމަކީ ފުރިހަމައަށް ދީނީ އިލްމު އުނގެނިގެން ތިބި އިލްމުވެރިން ކުރާނެ ކަމެއް ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާނީ ދީނުގެ ނަމުގައި މީހުން މެރުމުގެ ވިސްނުން ހުރި ޖިހާދީ ފިކުރުގެ ޖަމާއަތެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑރ އަފްރާޝީމް މަރާލި ކަމުގެ ގާތިލް ހުމާމް: ފައިލް ފޮޓޯ

އެގޮތުން އަފްރާޝީމް އަވަހާރަކޮށްލުމުގެ މަސައްކަތް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އާއި ހ. ހިލްޓަން އަޒްލީފް ރައުފްއާ ހަވާލުކޮށްފައި ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ރާއްޖޭގައި ހިންގާ މުހައްމަދު މަޒީދު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އަފްރާޝީމް ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާ އަވަހާރަކޮށްލަން ޖެހޭކަން އަޒްލީފް ގަބޫލު ކުރާ ކަމަށާއި އޭނާ މަރާލާނެ ގޮތުގެ ކަންތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަޒްލީފް އާއި ޝާން ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަޒްލީފް އާއި ހުމާމް އަދި ޝާންގެ އިތުރުން ވެސް އެހެން ބަޔަކު އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ދެނެގަނެވިފައެއް ނުވެ އެވެ.

މިހިސާބުން ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން މަރުގެ ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ވާހަކަތައް ކުރުކޮށްލާނަމެވެ. ސަބަބަކީ ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ މުޅި ތަހުގީގު ރިޕޯޓުގައި ވަނީ ހުސް ބުންޏެބުންޏޭއެވެ. އެ ނޫން އެއްވެސް އެއްޗެއް ނެތެވެ. ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ނުވަތަ މަރާލި ގޮތާއި ބެހޭ ގޮތުން އެންމެ އަޑު ހަރުކޮށް އެ ވާހަކަ ދެއްކެވި އެއްވެސް މީހެއްގެ ނުވަތަ ބޭފުޅެއްގެ ބަޔާނެއްހާ މިންވަރު ވެސް ނެތެވެ. ސުވާލެއް ވެސް ކޮށްފައެއް ނެތެވެ.

ރައީސް ސާލިޙް ރައީސް ނަޝީދުއާއި ސަލާމް ކުރައްވަނީ:ފައިލް ފޮޓޯ

ޑރ އަފްރާޝީމް މަރާލި ގޮތް އެންމެ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ވިދާޅުވެ ދެއްވި ބޭފުޅުންނަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މިއަދުގެ ހޯމް މިނިސްޓަރު ޝޭޙް އިމްރާން އަބްދުﷲއެވެ.

އެންމެ ފުރަތަމަ ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަށް ބަލާލާނަމެވެ. އެގޮތުން 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެއްވުމެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޑރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައި ވަނީ ބޭރު މީހެއް ކަމަށެވެ.

ވަޢުދުގެ ދަތުރުގެ ނަމުގައި އެމްޑީޕީން އުތުރުގެ ރައްތަކަށް އޭރު ކުރި ދަތުރުގައި ހދ. ވައިކަރަދޫގައި އެރަށު ރައްޔިތުންނާ ބައްދަލު ކުރަށްވާ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޑރ އަފްރާޝީމް މަރާލާފައި ވަނީ “އެކުވެރި 2 ދައުލަތަކުން” ކަމަށާއި “އެކަން ކޮށްފައިވަނީ ބޭރުމީހެއް” ކަމަށެވެ. އަދި “އަފްރާޝީމް މަރާލުމަށް ފަހު އެ މީހާ އެ ރޭ ރާއްޖެ ދޫކޮށް ގޮސްފައިވާ” ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް މިމައުލޫމާތު ދެއްވީ އެކުވެރި ގައުމުތަކުގެ 2 އިންޓެލިޖެންސް އޭޖެންސީ ތަކުން” ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ:ފައިލް ފޮޓޯ

ޑޜ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން މިހާ ތަފްސީލީ ގޮތެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވީނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އުފެއްދެވި މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ރައީސް ނަޝީދުއާއި އެއްވެސް ސުވާލެއް ކުރައްވާފައެއް ނުވެއެވެ. ރައީސް ނަޝީދުއަށް ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް ވެސް ހޯދުމަސް މަސައްކަތް ކުރައްވާފައެއް ނުވެއެވެ.

މަރުގެ މަރުގެ ކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓުގައި އެންމެ ބޮޑަށް ތުހުމަތު ކުރައްވާފައިވާ އެއް ބޭފުޅަކީ ޑރ އަފްރާޝީމް މަރާލިއިރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއަށެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޑރ އަފްރާޝިމް އަވަހާރަކޮށްލުމުގެ ކުރިން ޑރ ޝަހީމަށް ލިބުނު މެސެޖެއްގައި ޑރ.އަފްރާޝީމް ރުޖޫއަވެ، މީޑިޔާގައި އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝިމް ދެކެ އަލުން އަނބުރާ ލޯބިވާނެ ކަމަށް ބުނެފައިވެއެވެ. މި މެސެޖު ޑރ.ޝަހީމްއަށް ފޮނުވި ފަރާތެއް، ޑރ ޝަހީމް ރިޔާސީ ކޮމިޝަނަށް ސާފުކޮށްދީފައެއް ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޝަނުން ބުނާގޮތުގައި ޑރ.ޝަހީމު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫނެވެ. މަޖިލީހުގެ ތަޅުމުގައި ރައީސް ނަޝީދު ވެސް ވަނީ މިފަދައިން ވިދާޅުވެފައެވެ. އަދި ކޮމިޝަންގެ ރިޕޯޓުގައި ނެތް މައުލޫމާތެއް ވެސް ރައީސް ނަޝީދު ވަނީ ހިއްސާ ކުރައްވާފައެވެ. އެއީ ޑރ އަފްރާޝީމް މަރާލި ދުވަސް ނޫން އޭގެ އަނެއް ދުވަހު ރާއްޖެއިން ފުރައިގެން ދިޔަ މީހުންގެ ނަން ލިސްޓުގައި ޑޜ ޝަހީމްގެ ނަމެއް ނެތެވެ. ނަަމަވެސް އެ ވާހަކަ ވިދާޅުވީ ރައީސް ނަޝީދު އަމުއްލަފުޅަށެވެ.

ޑރ އަފްރާޝީޟްގެ މަރާ ގުޅޭ ގޮތުން ހިނގާދިޔަ ބައެއް ކަންކަން ޑރ ޝަހީމްއަށް ތުހުމަތު ކުރެވޭވ . ގޮތަށް ރައީސް ނަޝީދު މަޖިލީޙުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވާއިރު މީގެކުރިން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޑޜ އަފްރާޝީމްގެ މަރާ ޑޜ ޝަހީމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި އެއީ އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކެއް ވެސް ހިނގާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޑޜ އަފްރާޝީމްގެ ތަހުގީގަކީ ހަމައެކަނި މީހެއްގެ އިއުތިރާފްގެ މައްޗަށް ބިނާކޮށް ހިންގާ ތަހުގީގަކަސް ވެގެން ނުވާނެ ކަމަށެވެ. އަދި ޑރ އަފްރާޝީމްގެ މަރުގެ ތަހުގީގު ވާން ޖެހޭނީ ފޮރިންސިކް ހޯދުންތަކާއި ސައިންޓިފިކް ތަހުލީލްތަކުގެ މައްޗަށް އެކުލެވޭ ތަހުގީގަކަށް ކަމަށާއި އަދި އެ ނޫން ގޮތަކަށް ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ކޮށްގެން ހާމަ ކުރާ އެއްވެސް ތަހުގީގެއް ގަބޫޅު ކޮށްގެން ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ އޭރު ވިދާޅުވެފައެވެ.

ނަމަވެސް މިއަދުގެ ހަގީގަތަކީ ރައީސް ސާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނުން ޑރ އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަސް ފަހު ނެރުނު ރިޕޯޓް ރައީސް ނަޝީދު ވަނީ ގަބޫލު ކުރައްވާފައެވެ. ބަލައިވެސް ގަނެފައެވެ. އެ ރިޕޯޓަކީ އެއްވެސް މިންވަރަކަށް ސައިންޓިފިކް ހޯދުންތަކެއް ހޯދިފައިވާ އަދި ހޯދާފައިވާ ތަހުގީގު ރިޕޯޓެއް ވެސް ނޫނެވެ.

ޑރ މުހައްމަދު ޝަހީމް އަލީ ސައީދު: ފައިލް ފޮޓޯ

ދެން ހުންނެވީ ޑރ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ހެއްކާއެކު ލިޔުންތައް ދައްކަވާ ވާހަކަފުޅު ދެއްކެވި މިހާރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. އިމްރާމް ޑޜ އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެތައް ތަނެއްގައި އެތައް ޕޯޑިއަމްއެއްގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާގައި އިމްރާން ވިދާޅުވީ ޑޜ އަފްރާޝީމްގެ މަރަށް ފަހު ހަތް ޒުވާނަކު މާލާގެ މަގުމަށްޗަށް މަރާލެވުނު ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ.

ނަމަވެސް މަރުގެ ކޮމިޝަނުން ޝޭޙް އިމްރާންއާ ވެސް އެއްވެސް ސުވާލެއް ކޮށްފަެެއް ނުވެއެވެ. އަދި ޑޜ އަފްރާޝީމް މަރާލުމުގަިއ ހުރިހައި ކަމެއް ރޭވީ އަޒްލީފް ރައުފް ކަމަށް ބުނެފައިވާއިރު އޭނާ އެތައް ފަހަރެއްގެ މަތިން އޭރު ޕީޕީއެމްގެ ލީޖީ ލީޑަރަކަސް ހުންނެވި ރައީސް އަބްދުﷲ ޔާމީންއާއި ބަދަލު ކުރި ސަބަބުތައް ހޯދުމަށް ކޮމިޝަންގެ ފަރާތުން އެއްވެސް ސުވާލެއް ރައީސް ޔާމީންއާއި ކޮށްފައެއް ނުވެއެވެ.

ޑޜ އަފްރާޝީމް މަރާ ގުޅޭ ގޮތުން އެންމެ އަޑުހަރުކޮށް ވާހަކަ ދެއްކި އެއްވެސް ސިޔާސީ މީހެއްގެ ބަޔާނެއް ނަގާފައި ނުވަނީ ހަމަ އެންމެ ބޭނުމެއްގައެވެ. އެއީ ޑރ އަފްރާޝީމްގެ މަރަކީ ދީނީ ގޮތުން އުފެދުނު ހިޔާލް ތަފާތުވުމެއްގެ ތެރެއިން ހިނގި މަރެއްކަން ދެއްކުމަށެވެ. އެކަން އެގޮތަށް ކޮށްފިއެވެ. މުޅި ތަހިގީގު ހިންގާފައި ވަނީ އެ މަގުންނެވެ. މީގެ އެންމެ ހެއްވާ ކަމަކީ ނުވަތަ ޖޯކަކީ ޑރ އަފްރާޝީމްގެ މަރާ އެއްވެސް ގުޅުމެއް ނެތް އެތައް ވާހަކަތަކެއް ރިޕޯޓުގައި ހިމަނާފައިވުމެވެ. އެގޮތުން ކުރިޣެ ނައިބް ރައީސް އަހުމަދު އަދީބް ރައީސް ނަޝީދު މަރާލަން އުޅޫނު ކަމަށް ބުނާ ވާހަތަކަކާއި ރައީސް ޔާމީން ތާސްކުޅުއްވަން އިންނަވާ ވާހަކަތަކަކާއި އަދި ރައީސް ޔާމީންއަށް މީހަކު މެސެޖު ކިޔައިދޭ ވާހަކައެވެ. މި ވާހަތައް ޑރ އަފްރާޝީމްގެ މަރާ ގުޅޭ އެއްވެސް ގޮތެއް ނުވިސްނެއެވެ.

ނަމަވެސް އެއްކަމެއް ވިސްނެއެވެ، ސާފުސްވެއްޖެއެވެ. އެއީ މަރުގެ ކޮމިޝަނުން ތަހުގީގު ކުރި ޑރ އަފްރާޝީމްގެ މަރުގެ މައްސލައިގެ ތަހުގީގުގެ ހަގީގަތެވެ. އެއީ ޑރ އަފްރާޝީމްގެ މަރަކީ ސިޔާސީ މަރެއް ނޫންކަން ކަނޑައަޅައި ދީޏީ ކަމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެކަން ވަރަށް ފުރިހަމައަށް ކޮށްފިއެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަރުގެ ކޮމިޝަނުން ކުރީ އެންމެ ކަމެކެވެ، އެއީ ޑރ އަފްރާޝީމްގެ މަރުގެ ހަގީގަތް ކަފުންކޮށް ވަޅުލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޑރ. އަފްރާޝިމް އަވަހާރަކޮށްލުމުގައި ބައިވެރިވެފައިވާ އެންމެން ނިސްބަތްވަނީ އެމްޑީޕީއަށެވެ. އެމީހުންގެ ދިފާއުގައި ނުކުތީވެސް އެމްޑީޕީއެވެ.އެމީހުނަށް ވަޒީފާދީ ފޮރުވަން އުޅެނީވެސް އެމްޑީޕީއެވެ.

  2. ހުއްނުއްސުއޫދަކީ އަހަރެން ވަރަށް އިހްތިރާމްކުރި ބޭފުޅެއް. އެހެނަސް މިފަދަ ބޮޑު ތަހުގީގެއްގެ ރިޕޯޓް އާއްމުކުރެއްވީ ވަރަށް ޒިންމާދަރުކަން ކުޑަކޮށް. މީހުންނަށް ޝައްކުކުރާނެ ހުރިހާ ފުރުސަތެއް ލިބޭގޮތަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: