2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޑިޖިޓަލް އިކޮނޮމީއަކީ ޖީ.ޑީ.ޕީގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ”ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް“ ސެގްމަންޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ތިން ދާއިރާ ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ކޮންސްޓްރަކްޝަންގެ އިތުރުން ޑިޖިޓަލް ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިގޮތުން ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމަކީ ޒުވާނުންނަށް ލިބޭނެ ބޮޑު ފުރުސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޯލްޑިވްސް 2.0: އުންމީދީ ބަދަލުތަކެއް
ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެ މުހިންމު މަޢުޟޫޢަކަށް ވެގެންދާނީ ”މޯލްޑިވްސް 2.0“ ގެ ނަމުގައި ސަރުކާރުން ފެށި ޤައުމީ ޕްރޮގްރާމުކަން ރައީސް ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އުންމީދީ ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ޒުވާނުން މިކަމުގައި އިސްނަގައިގެން ބައިވެރިވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރުގެ ތެރޭގައި މި ދާއިރާއިން ގިނަ ކަންތައްތަކެއް ކުރިއަށްގެންދަން ރޭވިފައިވާކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި މޯލްޑިވްސް 2.0 އާ ގުޅޭ ބިލްތައް ހުށަހަޅައި ޤާނޫނީ ބާރުވެރިކަން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ހުރިހާ އެޖެންސީތަކެއްގެ މަޢުލޫމާތު އެއް ވިއުގައަކުން ގުޅާލެވޭ ”މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް“ ވިއުގަ އުފެދިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، 2027 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ދިވެއްސެއްގެ އަތުގައި އޮންނަ ފިޒިކަލް އައިޑީ ކާޑު ޑިޖިޓަލް އައިޑީ ކާޑަކަށް ބަދަލުވެގެންދާނެކަން އިއުލާނުކުރައްވަމުންނެވެ. މިއީ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

