ސައުތް އީސްޓް އޭޝިއާ ރީޖަންގައި ދިވެހިންތަކެއް ގާއިމުވެތިބެގެން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމުގެ މަަސައްކަތްތައް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ހެޑް އޮފް ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް އަހުމަދު ނާއިފް ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ މައުލޫމާތުތައް ދިނުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފައި ވަނީ މި އަހަރުގެ މިހާތަނަށް އެ މުވައްސަސާއިން ތަހުގީގުކޮށްފައިވާ މައްސަލަތަކާއި ގުޅޭގޮތުންނެވެ.
އެގޮތުން ނޫސްވެރިނަށް މައުލޫމާތު ދެމުން ނާއިފް ވިދާޅުވީ ރާއްޖެއަށް އޮޅުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރާ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ.
އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މަސްތުވާތަެތީގެ 648 މައްސަލައެއް ތަހުގީގު ކުރެވިފައިވާނެކަމަށް ނާއިފް ވިދާޅުވި އެވެ. މި މައްސަލަތަކުގެ ތެރެއިން 335 މައްސަލައެއް ނިމި، ޕްރޮސެކިއުޝަން މަރުހަލާއަށް ފޮނުވާފައިވާނެކަމަށް ނާއިފް ވިދާޅުވި އެވެ. މި މައްސަލަތަކުގެ ތެރެއިން 53 މައްސަލައަކީ ނާއިފް ވިދާޅުވި ގޮތުގައި ބޮޑެތި ކޭސްތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރި މައްސަލަތަކެވެ. ބާކީ މައްސަލަތަކަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި މުއާމަލާތް ކުރުމުގެ މައްސަލަތައްކަމަށް ނާއިފް ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ ސައުތް އޭޝިއަން ގައުމުތަކުގައި ބައެއް ދިވެހިން، ގާއިމުވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަމުން ގެންދާކަން މިފަހުން ތަހުގީގުތަކަށް އެނގިފައިވާކަމަށެވެ. މިތަކެތި ރާއްޖެއަށް ފޮނުވަނީ ނާއިފް ވިދާޅުވި ގޮތުގައި ސީ ގާކޯއާއި އެއަރ ކާގޯ މެދުވެރިކޮށް އޮޅުވާލައިގެންނެވެ. ބަދިގޭގެ ބޮޑެތި އެކި ސާމާނުތަކުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާއިރު އޭގެ ތެރޭގައި އަވަނާއި، ތެލި ފަދަ ތަކެތި ހިމެނޭކަމަށް ނާއިފް ވިދާޅުވި އެވެ.
މިގޮތަށް ދިވެހިން ދިރުއުޅެމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދާ ގައުމުތަކުގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ މެލޭޝިއާއާއި، ތައިލެންޑް ފަދަ ގައުމުތައްކަމަށް ނާއިފް ވިދާޅުވި އެވެ. އަދި މިހާތަނަށް މިފަދަ ތިން މައްސަލައެއް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވޭ ރާއްޖެއިން ބޭރުގައި، ހާއްސަކޮށް ސައުތް އީސްޓް އޭޝިއާ ރީޖަންގައި ދިވެހިން ގާއިމުވެތިބެގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާކަން.. އެގޮތުން އެއާރ ކާގޯ މެދުވެރިކޮށް، ސީ ކާގޯ މެދުވެރިކޮށް އަދި ހާއްސަކޮށް އިލެކްޓްރިކް ސާމާނުތަކުގައި.. ބަދިގޭގައި ގެންގުޅޭ ސާމާނުތަކުގައި އަވަނާއި ތެއްޔާއި މިކަަހަލަ އެއްޗެހި ތަކުގައި މަސްތުވާތަކެތި ކޮންސިއުލްކޮށްގެން ފޮނުވަމުންދާކަން
ނާއިފް ވިދާޅުވީ ދުނިޔޭގެ ކޮންމެތަނެއްގައި ފިލައި ތިބެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރަމުންދާ ބަޔަކަށް ވިޔަސް އެ ބަޔަކު ހިފައި ހައްޔަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށެވެ. އެގޮތުން އެ މީހުން ރާއްޖެ ގެނައުމަށް ރެޑް ނޯޓިސް ނެރެން ޖެހުނަސް، ރާއްޖެ ގެނެސް ގާނޫނުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނެކަމަށް ނާއިފް ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ހޯދުމާއި، ނުވަތަ އެހީތެރިކަން ބަދަލުކުރުމާއި ބެހޭ ގާނޫނުގެ ތެރެއިން އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ ގައުމުތަކާއި އެކުގައި ވަރަށް ފުޅާ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. އަދި މި މަައްކަތްައް ކުރަމުން ގެންދާއިރު ތަހުގީގަށް ލިބެމުންދާ ކުރިއެރުންތައް ހިއްސާ ކުރަމުން ގެންދާނެކަމަށް ނާއިފް ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ ޑްރަފް އެންފޯސްމެންޓުން މިވަގުތު ތަހުގީގު ކުރަމުންދާ 133 މައްސަލައެއްވާކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކެވެ.

