ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ތެރޭގައި 875 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުން އަތުލައިގެންފި

ފޮޓޯ: ސަން/މޫސާ ނަދީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ތެރޭގައި ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ބަނގުރަލުގެ މަގުމަތީ އަގު 875,235,623.50 (އަށްސަތޭކަ ހަތްދިހަ ފަސް މިލިއަން ދެލައްކަ ތިރީސް ފަސްހާސް ހަސަތޭކަ ތޭވީސް ރުފިޔާ ފަންސާސް ލާރި) އަށް އަރާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްއަކީ ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމުގެ އެންމެ އިސް ޒިންމާ އުފުލާ ފަރާތް ކަމަށެވެ. އަދި މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އަތޮޅުތެރޭގެ ފުލުހުންނާއި އިންޓެލިޖެންސާ ގުޅިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޮޕަރޭޝަންތަކުގެ ތަފާސްހިސާބު

2025 ޖަނަވަރީ 1 އިން ފެށިގެން ޑިސެމްބަރު 20 ގެ ނިޔަލަށް ހިންގި އޮޕަރޭޝަންތަކުގައި 16,024 މީހެއްގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި 997 މީހަކު ހައްޔަރުކޮށްފައިވާއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރި 137 ބިދޭސީއަކު ޑީޕޯޓްކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން، މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ އައްޑާތަކުގެ ގޮތުގައި ފާހަގަކުރެވުނު 11 ތަނެއް ފުލުހުން ވަނީ ބަންދުކޮށްފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެހީތެރިކަން ބޭނުންވާ 301 މީހަކު ރީހެބިލިޓޭޝަން ފަރުވާއަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފޮނުވާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އަތުލައިގަތް ތަކެތީގެ އަގު

ފުލުހުން ހާމަކުރި ގޮތުގައި، މި މުއްދަތުގައި ޖުމްލަ 498.99 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. މީގެ މަގުމަތީ އަގަކީ 871,243,131 ރުފިޔާއެވެ. މީގެއިތުރުން 6,860 ފުޅި/ދަޅު ބަނގުރާ އަތުލައިގަނެފައިވާއިރު، އޭގެ އަގު 3,992,492 ރުފިޔާއަށް އަރައެވެ.

މުޅި ޖުމްލަ 188 ޑްރަގް އޮޕަރޭޝަން މި އަހަރުގެ ތެރޭގައި ހިންގާފައިވާއިރު، ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި ހުއްޓުވުމަށް މުޅި ރާއްޖޭގައި ހާއްސަ މަސައްކަތްތަކެއް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: