2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި މައްސަލަތައް ޖެހި ބައިބައިވެގެން ދިޔައިރު، އެކުވެރިކަމުގެ ގުޅުން އަލުން ގާއިމު ނުކުރެވޭނެ ބަހެއް އަނެއް ބޭފުޅަކަށް އަމާޒު ކުރައްވާފައި ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދެ ރައީސުންގެ ދެމެދުގައި ހިޔާލުތަފާތުވުންތައް އުފެދި، ޖެހުނު މައްސަލަތަކުގައި އޭރު މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެން ވެސް ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރައްވާފައި ވެއެވެ. ރައީސް ނަޝީދު ގަބޫލު ކުރެއްވީ، އެމްޑީޕީގެ އަސާސްތައް ސަރުކާރުން ދޫކޮށްލާފައި ވާތީ ވެރިކަމުގެ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
އެހެންވެ ރިޔާސީ ޕްރައިމެރީގައި އެމަނިކުފާނު ވާދަކުރެއްވިއިރު، ކުރިމަތިވި ނާކާމިޔާބީއާއި އެކު ފާޅުގައި ސަރުކާރާއި ދެކޮޅުވެ އެމްޑީޕީން ވަކިވެވަޑައިގަތީ އެވެ.
އޭގެފަހުން ދެ ރައީސުންގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ކުރެވިފައި ނެތްއިރު، ކުއްލިގޮތަކަށް މިއަދު ދެބޭފުޅުން ބައްދަލު ކުރެއްވީ ކައުންސިލް އިންތިހާބު ގާތްވެފައި ވަނިކޮށެވެ. އަދި 2028 ގެ ރިޔާސީ ރޭހަށް، ޕާޓީގެ ޓިކެޓަށް ކުރިޔަށް ވުރެ ބޮޑު ވާދަވެރިކަމެއް އުފެދި ގިނަ ބައެއްގެ ޝައުގުވެރިކަން އިތުރުވެފައި ވަނިކޮށެވެ.
ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، ދެބޭފުޅުން މިއަދު ފުރަތަމަ ފަހަރަށް ކުރެއްވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނާއި ވެސް ބައްދަލު ކުރެއްވި އެވެ. އަދި ދެބޭފުޅުން ވެސް ވިދަޅުވީ އެމްޑީޕީގެ ހަރަކާތްތައް ހަރުދަނާކޮށް، އިތުރަށް ވަރުގަދަ ކުރުމަށް އެކުގައި މަސައްކަތް ކުރައްވާނެކަމަށެވެ.
ދެބޭފުޅުންގެ ގުޅުން ގޯސްވެ، އޭރު ޖެހުނު މައްސަލަތައް ހައްލު ކުރުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެޓިކް ނިޒާމުތައް ވަރަށް ވަރުގަދަ ކަމަށެވެ. އަދި ޕާޓީއަށް އަންނަ ލޮޅުންތައް އޭގެ ސަބަބުން ވަރަށް ރަނގަޅަށް، ތަހައްމަލު ކުރެވޭކަމަށް ވިދާޅުވި އެވެ.
ބައެއް ފަހަރު ޖެހޭ މައްސަލަތަކީ ލީޑާޝިޕް ނުވަތަ ގްރާސް ރޫޓް ލެވެލްގައި ޖެހޭ މައްސަލައެއް ނަމަވެސް، އެއްވެސްކަމެއް އެއީ ހައްލު ނުކުރެވޭނެވަރުގެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދެބޭފުޅުން ވެސް ކުރެއްވި ތުހުމަތުތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދަޅުވީ، އެކުގައި ދެބޭފުޅުން އެއް މޭޒަކަށް އައީ އެކަންކަން ދޫކޮށްލެއްވުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހާއި ދެމެދު އެއްވެސް މައްސަލައެއް ދިގުދެމިގެންދާ ގޮތަށް، ނޯންނާނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ގާތް ނުވެވޭނެ ވަރުގެ ވާހަކައެއް ދެބޭފުޅުން ވެސް އަމާޒުކޮށްފައި ނެތްކަމަށާއި ބައެއް ފަހަރު ވާހަކަތައް ދެކެވި އާންމު ވަނީ އޭގެ މާނަ ވަރަށް ބޮޑަށް އޮޅުން އަރާ ގޮތަކަށް ކަމަށެވެ.
ދެން އަޅުގަނޑުމެން ދެމީހުން އެކަކު އަނެކަކުގެ މައްޗަށްކޮށްފައިވާ ތުހުމަތުތަކާ، ނުވަތަ ކޮށްފައި ކިޔާފައިވާ ފާޑުކިޔުންތަކާ. އެކަންކަން ފަހަތަށް ގެންގޮސް އަޅުގަނޑުމެން މިއަދު މިތަނުގަ ބައްދަލުވެ މިތިބީ. ދެން އަޅުގަނޑަށް މި ދަންނަވާހެން އެއްގޮތަކަށް ވެސް ނުދެކެން ރައީސް ސޯލިހާ އަޅުގަނޑާ މައްސަލައެއް ދެމިތިބެގެން ދާ ގޮތަކަށް އޮވެދާނެ ކަމަކަށް އަދި އެހެން ނޫންނާނެ. ދެން ތިހެން ވިދާޅުވި އެއްކަމަކު ވެސް އަދި އެހާ ބައިވަރު އެއްޗެއް ވެސް ބުނެވިފަކާއެއްވެސް ނޯންނާނެ. އެ ބުނާއިރު ވެސް ބުނާނީ ކޮންމެވެސް ވަރަކަށް މިނާގެންތާ. އެ ކޮންމެސް ގޮތަކަށް ބުނަމުން ވެސް ގޮއްސަ އޮންނާނީ. އަޅުގަނޑު ހީވަނީ އައްޑުއައްސަވާލެއްވީމަ ވެސް އެނގިވަޑައިގަންނަވާނެ ހެން.. ދެން ވަރަށް ގިނައިން މާނަ ކުރުމުގެ އެބަ ދޭ ދެއްތޯ ބޮޑު ބަޔެއް
ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަކީ އެއްވެސް އިރެއްގައި އެމަނިކުފާނާއި ދުރުބޭފުޅެއް ނޫންކަމަށާއި، އެކިއެކި ކަންކަމުގައި އަބަދުވެސް ހިޔާލުތަފާތުވުންތައް ދާކަމަށެވެ. އެހެން ނަމަވެސް އެއީ ދުރުގައި ތިބެން ޖެހޭ ސަބަބެއް ނޫންކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދާއި އެކު އޮތީ ރޫޅިގެންދާނެވަރަށް ވުރެ ބޮޑު ގުޅުމެއް ކަމަށެވެ. އަދި ވިދާޅުވީ 20 އަހަރުގެ ދިގު ތާރީހެއް އޮތް އެމްޑީޕީގައި އަބަދުވެސް ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓިފައިވާ ކަމަށެވެ. އެހެން ޕާޓީތައް ރޫޅި އެއްކޮށް ބައިބައިވެގެން ނުވަތަ އުވިގެންދާއިރު އެމްޑީޕީ އަބަދުވެސް އެގޮތުގައި ދެމި އޮންނަކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

