އޮޕަރޭޝަން އަލިމަގުގެ ތެރެއިން، ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް، 30.63 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޑްރަގު އެންފޯސްމަންޓުން ކުރިއަށް ގެންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަސްތުވާތަކެއްޗާއި ދެކޮޅަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އޮޕަރޭޝަން ކަމަށްވާ، ”އޮޕަރޭޝަން އަލިމަގު“ގެ މައުލޫމާތުތައް ހިއްސާކޮށްފައި ވެއެވެ.
އޮޕަރޭޝަން އަލިމަގުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ، 2025 ނޮވެމްބަރު 13އިން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް، މި އޮޕަރޭޝަނުގެ ތެރެއިން، ރާއްޖެތެރެ 39 ރަށަކަށް އަމާޒުކޮށް، 166 ތަނެއް ބަލާފާސްކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން، މި އޮޕަރޭޝަނުގެ ތެރެއިން، 193 ފަރާތެއް ހައްޔަރުކުރެވިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، 186 ފިރިހެނުންނާއި، 7 އަންހެނުންކަމަށް ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، 9 އުޅަނދު ބަލާފާސްކޮށްފައިވާއިރު، 1 ކަނޑުމަތީ އުޅަނދު ވަނީ ބަލާފާސްކޮށްފައިކަމަށް ފާތިހު ވިދާޅުވިއެވެ. ފާތިހު ވިދާޅުވީ 182 ބަނގުރަލުގެ ތަކެތި އަދި މަތުވާތަކެތީގެ 30.63 ކިލޯގެ މަސްތުވާތަކެތި އަތުލައިގެނިފައިވާކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، 71 މައްސަލައެއް ލޮޖްކުރެވިފައިވެއެވެ. އޭގެ ތެރެއިން، 34 ކޭސް ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

