ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރުމަށް ކުނި އަޅާފައި ނުވާނެކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި ޒުހެއިރު މައުލޫމާތު ދެއްވީ، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގައި ކުނި ބޭނުންކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދަނީ ކުނިއަޅައިގެން ނޫނެވެ. ބަދަލުގައި، މި މަޝްރޫޢަށް ބޭނުންކުރަނީ ސީއެންޑީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒުހެއިރު އިތުރަށް ވިދާޅުވީ، ހުޅުމާލެއަށް ގެނެވޭ ސީއެންޑީ، ހިއްކަންޖެހޭ ސަރަހައްދަށް އެޅުމުގެ ކުރިން ވަކިކޮށް ސެގްރިގޭޓު ކުރެވޭ ކަމަށެވެ. މީގެއިތުރުން، މޫދަށް ސީއެންޑީ އެޅޭ ބައިގައި ސްކްރީން ޖަހައި، ސްކްރީނުން ބޭރަށްދާ އެއްޗެއްސަށް ސަމާލުވެ، އެތަކެތި ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެޗްޑީސީން ވާނީ، ބިން ހިއްކުމުގައި ސީއެންޑީ ބޭނުންކުރާކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރައްވައިފައިކަމަށް ޒުހައިރު ވިދާޅުވިއެވެ.
ހުޅުމާލޭގެ ފޭސް 3 ގެ މަސައްކަތް ސަރުކާރުން އަލުން ފަށާފައިވަނީ، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ، ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން، ހަލުވިކަމާއިއެކު ނިންމުމަށް މަސައްކަތްކުރާ މުހިއްމު މަޝްރޫއެކެވެ.
ސީއެންޑީ ކުންޏަކީ އިމާރާތްތަކާއި، މަގުތަކާއި، ފާލަންތައް ފަދަ އޮނިގަނޑުތައް ބިނާކުރުމާއި، މަރާމާތުކުރުމާއި، ނައްތާލުމުގެ ސަބަބުން އުފެދޭ ތަކެތި ނުވަތަ ކުނިތަކެވެ. މި ކުނި ވަކިކޮށް، މަޝްރޫޢުތަކުގައި އަލުން ބޭނުންކުރުމުން ފަސޭހައިން ރިސައިކަލް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ކުނިގޮނޑުތަކަށް ކުރިމަތިވާ ބުރަ ކުޑަވެ، ގުދުރަތީ ވަސީލަތްތަކަށް އޮންނަ ބޭނުން ކުޑަވެއެވެ.

