ވައިގެމަގުން އަންނަ މުދާ ކްލިއަރ ކުރުމާއި ގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ އެންމެހާ ހިދުމަތްތައް، 24 ގަޑިއިރަށް ބަދަލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
މި ބަދަލު ގެނެސްފައި ވަނީ، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައެއް ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. ބައެއް ވިޔަފާރިވެރިން އެ ބައްދަލުވުމުގައި ބުނީ، މުދާ ކްލިއަރ ކުރުމަށް ލިބެނީ 18 ގަޑިއިރުކަމަށްވުމާއި އެކު ވަރަށް ގިނަ ގޮންޖެހުންތައް ދިމާވާކަމަށެވެ.
އެމްއޭސީއެލް އާއި ކަސްޓަމްސް ގުޅިގެން މުދާ ކްލިއަރިންގެ މަސައްކަތަށް މިހާރު އޮންނަ ގާތްގަނޑަކަށް 18 ގަޑިއިރުގެ ހިދުމަތް، ރައުންޑް ދަ ކްލޮކް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް އެރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
އެހެންވެ ވަގުތަށް ބަދަލު ގެނައުމަށް ނިންމައި ކަސްޓަމްސްއިން އެކަން ގެޒެޓު ކުރީ މިއަދު އެވެ.
ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާކުރުމުގައި ވިޔަފާރިވެރިންނަށް ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން، ޑެމަރޭޖް ނާރާ ހިލޭ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ގެނައުމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ބައްދަލުވުމެއްގައި ބައެއް ފަރާތްތަކުން ވައިގެ މަގުން ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ހުށަހެޅި އެވެ. ވިޔަފާރިވެރިން ފާހަގަކުރެއްވި ގޮތުގައި، އެއާޕޯޓްގައި ހިލޭ މުދާ ބެހެއްޓެނީ 80 ގަޑިއިރަށްކަމަަށްވުމާއި އެކު، މި ވަގުތުގެ ތެރޭގައި މުދާ ނެރެވޭނެ ލުއި އިންތިޒާމްތައް ނެތުމުގެ ސަބަބުން، ކޫރިއާ ހިދުމަތްދޭ 12 ކުންފުނިން ކޮންމެ ދުވަހަކު ގެންނަ މުދާ ކްލިއާ ނުކުރެވުމުން ގިނަ އަދަދެއްގެ ފައިސާ ޑެމަރޭޖްގެ ގޮތުގައި ދައްކަން ޖެހެއެވެ.
އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެމްއޭސީއެލްއާއި މަޝްވަރާކޮށް 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ގެނައުމަށް ނިންމަވާފައިވާކަމަށެވެ.

