މާލޭ ނޯތު ހާބަރުގެ ”ޒޯން އޭ“ ގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރު ވަގުތީ ގޮތުން ޖެޓީ ނަމްބަރ 1 އަށް ބަދަލުކޮށްފައިވާކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
އެމްޕީއެލްއިން އާންމު ކުރި ބަޔާނެއްގައި ބުނީ މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 08 ޑިސެންބަރު 2025 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި މުއްދަތުގައި މާލޭ ނޯތު ހާބަރގެ ޚިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް ޖެޓީ ނަމްބަރ 1 (އެމް.އެމް.އޭ ކުރިމަތި ސަރަހައްދު) ވަގުތީ ގޮތުން ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ވަނީ ބުނެފަ އެވެ.
އެގޮތުން، މާލޭ ނޯތު ހާބަ ”އޭ ޒޯން“ އެއްގަމު ތޮށިގައި އަޅާފައިވާ ޕަސިންޖަރުންނާއި މުދާ އުފުލާ ކަނޑު އުޅަނދު ފަހަރުތައް މިހާރު ވަނީ ޖެޓީ ނަމްބަރ 1 އަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާކަމަށް ބަޔާނުގައި ވެއެވެ. އެމްޕީއެލްއިން ބުނެފައި ވަނީ ވަގުތީ ގޮތުން ގެނެވުނު މި ބަދަލަށް އަމަލުކުރާ މުއްދަތުގައި، ޖެޓީ ނަމްބަރ 1ގެ ބޭނުންހިފާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށެވެ.
ޖެޓީ ނަމްބަރ 1 ވަގުތީ ގޮތުން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް:
- މި ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރގެ ހުއްދަ ލިބިގެން
- މި ސަރަޙައްދުގެ ކީވޯލަށް އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ ”ޒޯން އޭ“ (އެއްގަމު ތޮށި) ކިޔު ތަރުތީބުން.
- މި ސަރަޙައްދު ކީވޯލުގައި އުޅަނދުފަހަރުތައް ބޭއްވޭނީ ގިނަވަގެން 10 ދުވަހުގެ މުއްދަތަށް. އަދި 10 ދުވަހަށްވުރެ އިތުރަށް ކީވޯލްގައި އުޅަނދެއް ބާއްވަން ބޭނުންވާނަމަ، އެ އުޅަނދަށް ކީވޯލާއި ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓުކުރުމަށްފަހު، ކިޔު ތަރުތީބުން.
މިގޮތަށް އަމަލު ކުރުމަށް ނިންމީ ހުރިހާ އުޅަނދަކަށް ވެސް އިންސާފުވެރި، ހަމަހަމަ އުސޫލަކުން ހިދުމަތް ދިނުމަށްކަމަށް އެމްޕީއެލް ބުނެފައި ވެއެވެ.
މީގެއިތުރުން އެމްޕީއެލްއިން ބުނީ މާލޭ ނޯތު ހާބަރގެ ”ޒޯން ބީ“ އަދި ”ޒޯން ސީ“ގެ ބޭނުންކުރާ އުޅަނދު ފަހަރުތައް އަމަލުކުރަންޖެހޭ އުސޫލުތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

