ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ޚާއްސަ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފެށި ހަރަކާތެކެވެ.
މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ގްރޭޓަރ މާލެ އޭރިއާއިން ފުރާ ފެރީތަކާއި، މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އުޅަނދުތަކުގެ އިތުރުން މާލެ އަންނަ ބޯޓުފަހަރުވެސް ބަލައިފާސްކުރާނެއެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި ބަލައިފާސްކުރުމުގެ ތެރެއިން އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ހުރީ ރަނގަޅަށްތޯ ވަރަށް ގާތުން ބަލަމުންދާނެއެވެ.
ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުން
މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ މީހުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެ، އެކަންކަން ތަންފީޒުކުރުމުގައި ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމުކަމާ ބެހޭގޮތުންވެސް ފުލުހުން އިރުޝާދު ދެމުންގެންދާނެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 ޑިސެމްބަރުން ފެށިގެން 3 ޖަނަވަރީ 2026 ގެ ނިޔަލަށެވެ. މިއީ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިމިގްރޭޝަން އަދި އެމް.އެން.ޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަން މި ހަރަކާތުގައި ލިބެމުންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

