2025 ވަނަ އަހަރުގެ ތެރޭގައި ސައިބާ ކްރައިމް ސެންޓަރުން ހާސިލުކުރެވުނު މުހިއްމު އެއް އަމާޒަކީ، ސައިބާ ޕޯޓަލް އިފްތިތާހުކުރުން ކަމަށް ދިވެހި ފުލުހުން ހިދުމަތުން ބުނެފިއެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރާއި ސައިބަރ ކްރައިމް ސެންޓަރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަޔާޒު ވިދާޅުވީ، ސައިބާ ކްރައިމް ސެންޓަރުން 2025 ވަނަ އަހަރު ހާސިލުކުރެވިފައިވާ މުހިއްމު ބައެއް ލަނޑުދަނޑިތަކަށް ބަލާއިރުގައި، މި އަހަރުގެ ޑިސެމްބަރު މަހު ވަނީ ސައިބަރ ޕޯޓަލް ލޯންޗުކުރެވިފައި ކަމަށެވެ.
ފަޔާޒު ވިދާޅުވިގޮތުގަިއ، ސައިބަރ ޕޯޓަލްއަކީ، ސައިބަރ ކްރައިމާއި ގުޅުންހުރި އެންމެހޭ މައުލޫމާތުތައް އެއްތަނަކުން ރައްޔިތުންނަށް ހިއްސާކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން ފަރުމާކޮށް، ތައްޔާރުކޮށްފައިވާ ޕޯޓަލެއް ކަމަށެވެ. އެގޮތުން، މި ޕޯޓަލުން ލިބޭ މައިގަނޑު ހިދުމަތްތަކަށް ބަލާއިރު، އަމިއްލަ ފަރުދުންނާއި، ވިޔަފާރި ކުންފުނިތަކުގެ ސައިބަރ ސެކިއުރިޓިީ ހަރުދަނާ ކުރުމުގެ ގޮތުން، ބަލަންޖެހޭ މިންގަނޑުތަކާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ސައިބާ ޕޯޓަލުން ލިބެން ހުންނާނެ ކަމަށް ފަޔާާޒު ވިދާޅުވިއެވެ.
މީގެއިތުރުން، އެންމެން އާންމުކޮށް ބޭނުންކޮށް އުޅޭ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނޭ، ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ހަރުދަނާކޮށް، މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ހަދާނެ ގޮތްތަކުގެ ވީޑިއޯ ޕްރެސެންޓޭޝަންތައްވެސް، ސައިބަރ ޕޯޓަލް މެދުވެރިކޮށް، ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ހަމައެއާއިއެކު، އޮންލައިން ކުށްތަކަށް އަރައިގަންނަ ކުށްވެރިން ބޭނުންކުރާ އުކުޅުތަކާއި ގުޅުންހުރި މައުލޫމާތުތައްވެސް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން، ފުލުހުން އިދާރާއަށް ވަކި ބާވަތެއްގެ ސްކޭމެއް ދައުރުވަމުންދާކަން ފާހަގަކުރެވޭ ހިސާބުން، އެ މައުލޫމާތު ސައިބާ ޕޯޓަލު މެދުވެރިކޮށް، ރައްޔިތުންނަށް ހިސާކުރެވިގެންދާނެ ކަމަށާއި، ސައިބާ ކްރައިމުގައި ޝާމިލުވާ ފަރާތްތައް ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެ ފަރާތްތަކުގެ ފފުށުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ސައިބާ ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

