ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީޕީގެ ޕްރައިމަރީ އިންތިޙާބުގެ ކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވައިލައިފިއެވެ.
އެމްޑީޕީން އާންމު ކުރި އިއުލާނެއްގައި ވަނީ އަންނަ ޖެނުއަރީ 16 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީ އިންތިޙާބުގެ ކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމަށް ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ކެންޑިޑޭޓްގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާނެ އެޕާޓީގެ މެންބަރުން އެމްޑީޕީން ހިއްސާކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް، 10 ޖަނަވަރީ ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގެ ކުރިން ހުށައެޅުމަށް ވަނީ އެދިފައެވެ.
އެމްޑީޕީން ބުނީ ކޮންމެ ފޮއްޓަކަށް ވެސް ކެންޑިޑޭޓަކަށް ހުށައެޅޭނީ ގިނަވެގެން 2 މަންދޫބުންނަށް ކަމަށެވެ. އަދި ފޮއްޓެއް ކައިރީ އެއްވަގުތެއްގައި ޙަރަކާތްތެރިވެވޭނީ 1 މަންދޫބަކަށްކަމުގައި އެ ޕާޓީން ވަނީ ބުނެފައެވެ. އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޕްރައިމަރީއާ ގުޅޭ ތަފްސީލީ ޓައިމްލައިން ވެސް އާންމުކޮށްފައެވެ.
އެގޮތުން މިއަދުން ފެށިގެން 11 ދުވަހުގެ މުއްދަތަށް ރީ-ރަޖިސްޓްރޭޝަން ފުރުޞަތު ހުޅުވާލާނެކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. ރީ-ރަޖިސްޓްރޭޝަންއަށް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އަހަރުގެ ޖެނުއަރީ 3 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އެވެ. ރީ-ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ލިސްޓު 4 ޖެނުއަރީގައި އާންމުކުރުމަށް ހަމަޖެހިފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ލިބޭނެކަމަށް އެމްޑީޕީން ބުނެއެވެ.
ވޯޓުލާ މަރުކަޒު ބަދަލުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ 7 ޖެނުއަރީ އެވެ.

