ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2025: ގޮންޖެހުންތަކާއިއެކު އިގްތިސާދީ ކުރިއެރުން ހޯދުނު އަހަރެއް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން ރައީސް ޑރ މުހައްމަދު މުޢިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކުރުމުގެ މަސައްކަތްތައް ހަގީގީ މާނައިގައި ކުރިއަށްދިޔަ މަންޒަރު ފެނިގެންދިޔަ އަހަރެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މީގެ ކުރިން އެކި ދައުރުތަކުގައި މި ލަނޑުދަނޑީގެ މުހިންމުކަމުގެ ވާހަކަ އަދި އެ ހިސާބަށް ވާސިލުވުމަށްޓަކައި އެކި ރޭވުންތައް އެކުލަވާލާ ވާހަކަތައް އިވިގެންދިޔަ ނަމަވެސް، އަމަލީ ސިފައެއް ޖެހިގެންނުދެއެވެ. ނަމަވެސް މި އަހަރު ފެށިގެންދިޔައީ ރާއްޖޭގެ އެންމެ ގާތް އެއް ގައުމު އަދި ދުނިޔޭގެ އިގްތިސާދީ ބާރެއްކަމަށްވާ ޗައިނާއާއިއެކު ގާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއިއެކުކަމަށްވުމުން، މީގެ ކުރިން ރާއްޖޭގެ އުފެއްދުންތެރިންނަށް ލިބިގެން ގޮސްފައިނުވާ އެތައް ފުރުސަތުތަކެއްވަނީ ފަހިވެފައެވެ. މިގޮތުން ދިމާވި ގޮންޖެހުންތަކާއިއެކުވެސް، އިގްތިސާދީ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ކުދި ވިޔަފާރިތަކަށް ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލާކަމުގެ ކަންބޮޑުވުމާއި އެކަމުގެ ސަބަބުން ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައްވެސް އިވެމުންދިޔަ މިންވަރު މަދެއް ނޫނެވެ. ނަމަވެސް މި ސަރުކާރުންވަނީ މި އަހަރުގެ ތެރޭގައި މިފަދަ އުފެއްދުންތެރި ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުންނާއި ރާއްޖޭގެ ވިޔަފާރިތަކުގެ ހާލަތު ބެއްލެވުމުގެ ގޮތުން ފާހަގަކުރެވޭ ބައެއް އެފަދަ ތަންތަނަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ޒިޔާރަތްކުރައްވާފައެވެ.

ހަމަ މިފަދައިން އަމިއްލަ ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށާއި ރާއްޖޭގެ އެ ދާއިރާގެ މަސައްކަތްތައް ބެއްލެވުމުގެ ގޮތުން ބިޒްނަސް ކައުންސިލު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިފަދަ ބައްދަލުވުންތަކުގައިވެސް މިނިސްޓަރ ސައީދު ބައިވެރިވެވަޑައިގެންފައިވެއެވެ.

ދިމާވެގެންދާ މާލީ އަދި އިގްތިސާދީ ކުއްލި ހާލަތްތަކުގައި އަވަށްޓެރި ގައުމުތަކުގެ އިތުރުން އެކުވެރި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުންވެސް މުހިންމު ރޯލެއް އަދާކުރެއެވެ. މި އަހަރުގެ ތެރޭގައި ވޯލްޑް ބެންކު ފަދަ މުއައްސަސާތަކުގެ އިސްވެރިންނާއިވެސް މިނިސްޓަރ ސައީދަށް ބައްދަލުކުރެއްވިފައިވެއެވެ.

ރާއްޖެއަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދުމަށާއި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމުގެ މަގުސަދުގައި ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ރާއްޖޭގެ އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގިދާނެ ހަރަކާތްތަކާއި އިންވެސްޓްކުރެވިދާނެ އެންމެ ކުޑަ މިންވަރު ކަނޑައަޅުއްވާފައެވެ. މިކަން އިއުލާނުކުރެއްވީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރައީސްގެ ގަރާރަކުންނެވެ.

މި ގަރާރުގެ ދަށުން އެސްއީޒެޑްގައި ހިންގޭނެ ހަރަކާތްތައްވަނީ ދެ ގިންތިއަކަށް ބެހިފައެވެ. އެއީ 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓުތަކާއި 500 މިލިއަން ޑޮލަރަށްވުރެ ކުޑަ ނުވާ ސަސްޓެއިނަބަލް ޓައުންޝިޕު ޕްރޮޖެކްޓުތަކެވެ. އަދި ރާއްޖޭގައި ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕު ގާއިމުކުރުމަށްޓަކައި ސޮއިކުރެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ހުއްދަ ދޫކުރުމުގެ މަސައްކަތްވެސް ކުރެވިފައިވާއިރު އެސްއީޒެޑް ގާނޫނުގެ ދަށުން މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެސްއޯއީތަކާއިއެކު އެ ކުންފުނިތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާއިރު، މި އަހަރުގެ ތެރޭގައި ކޮންސްޓްރަކްޝަން ފަދަ ވަކި ވަކި ދާއިރާތަކުގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި ދާއިރާގެ ހިއްސާދާރުންނާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެކި ގައުމުތަކުގެ ކަމާއި ގުޅޭ ވުޒާރާތަކާއި އިސްވެރިން ދެމެދުވެސް 2025ވަނަ އަހަރުގެ ތެރޭގައި ގުޅުން ބަދަހިކުރުމަށްޓަކައި ބައްދަލުވުންތައް ބާއްވާފައިވެއެވެ. މީގެ ތެރޭގައި އަޒަރްބައިޖާންގެ ފޮރިން މިނިސްޓަރާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން ހިމެނެއެވެ.

ރާއްޖޭގައި އުފެއްދުންތެރިކަމަށް ހިތްވަރު ދިނުމުގެ ގޮތުންވެސް 2025ވަނަ އަހަރުގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ފާހަގަކުރެވޭ އެއް މަސައްކަތަކީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު، މޯލްޑިވްސް އެކްސްޕޯ 2025އެވެ.

މިއީ ރައީސް ޑރ މުއިއްޒުގެ އިގްތިސާދީ ތަސައްވުރުގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށާއި އިގްތިސާދު ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން މޭ މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި މަސައްކަތްތައް ބެއްލެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އެ މައިދާނަށް ޒިޔާރަތްކުރައްވާފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީންވަނީ ބ. ތުޅާދޫގައި އަތްތެރިކަމުގެ މަސައްކަތްތައް ކުރިއެރުވުމުގެ ގޮތުން އެފަދަ ސެންޓަރެއް ގާއިމުކުރުމަށްޓަކައި އެމްޓީސީސީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ރައީސް ޑރ މުއިއްޒު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށާއި ރާއްޖޭގެ ސަގާފަތް ދިރުވައި އާލާކުރުމަށް ދެއްވާ އަހައްމިއްޔަތު ފެނިގެންދާ މަސައްކަތްތަކެކެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދުކަމަށްވާ އައްޑޫ ސިޓީގައި އޭޓީއެމްއިން ޑޮލަރު ނެގުމުގައި ކުރިމަތިވެފައި އޮތް ދަތިކަމަށްވެސް ހައްލެއް ގެނެސްފައެވެ. މިގޮތުން ސަރުކާރުންވަނީ ހިތަދޫގެ ފުރަތަމަ ޑޮލަރު އޭޓީއެމް ގާއިމުކޮށް އެތަނުގެ ހިދުމަތްތައް ފަށާފައެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށް އަތުން ހަރަދުތަކެއް ކޮށްގެން އޭޓީއެމްތަކާއި ހިސާބަށް ވާސިލުވާންޖެހިފައިވުމުގެ ދަތިކަމަށް ހައްލުތަކެއް ގެނައުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކުގައި މި ހިދުމަތް ގާއިމުކޮށް އިފްތިތާހުކޮށްފައިވެއެވެ.

މިނިސްޓްރީންވަނީ ދ. ކުޑަހުވަދޫގެ އިގްތިސާދީ ހަރަކާތްތައް އައު ހަރުފަތަކަށް ގެންދިއުމުގެ ގޮތުން މުހިންމު ނިންމުމެއް ނިންމާފައެވެ. އެ ރަށުގައި ކޮމާޝަލް ބަނދަރެއް ގާއިމުކުރުމުގެ ގޮތުން އެމްޕީއެލްއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ އެ ސަރަހައްދުގައި އާބަން ސެންޓަރެއް ގާއިމުކުރުމަށްޓަކައި ރައީސް ޑރ މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމުގެ ގޮތުން ކޮންމެހެން މުހިންމު މަސައްކަތްތަކެކެވެ.

ރާއްޖޭގައި މުދަލުގެ އަގު ކޮންޓްރޯލްނުވެދާ މައްސަލައަށްވެސް ހައްލު ގެނައުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތައް އަޅާފައިވެއެވެ. ޒަރޫރީ ކާބޯތަކެތީގެ ގޮތުގައި އެކި ބާވަތްތައް ގިންތި ކުރެވި އަގުމަގު ޕޯޓަލްގެ ނަމުގައި އަދާއި ހަމަ އަގުތައް ހޯދޭނެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ.

އިގްތިސާދީ ދާއިރާގެ ހަރަކާތްތަކުގައި ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ގެނެސްދިނުުމުގެ ގޮތުންވެސް މުހިންމު ފިޔަވަޅުތައް އެޅިފައިވެއެވެ. މިގޮތުން ކުޅުދުއްފުށީ ބަނދަރުގެ އިގްތިސާދީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި މިނިސްޓްރީންވަނީ އެ ބަނދަރަށް ބާލާ މުދަލުން ޑިއުޓީ ނުނަގާ ގޮތަށް ކަނޑައަޅާފައެވެ. އެމްޕީއެލްގެ ހިސާބުތަކަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގެ ދުވެލި އަންގުވައިދޭ މުހިންމު މައުލޫމާތުތަކެކެވެ. އެމްޕީއެލްއިންވަނީ ރާއްޖެއިން މުދާ އެކްސްޕޯޓުކުރި މިންވަރު ޖުލައި މަހުގެ ތެރޭގައި 222 އިންސައްތައިން އިތުރުވެގެންދިޔަކަން އާންމުކޮށްފައެވެ. އިމްޕޯޓުކުރި މުދަލުގެ އަގުވެސް އެ މަހުގެ ތެރޭގައި 4.5 ބިލިއަން ރުފިޔާއަށްވުރެ އިތުރެވެ.

ރާއްޖޭގައި އިންޓަރނެޓުގެ ޒަރިއްޔާ މެދުވެރިކޮށް ކުރާ ވިޔަފާރީގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މިނިސްޓްރީންވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް އީކޮމާސް ޕްލެޓްފޯމުކަމަށްވާ އަލީބާބާއާއި ގުޅިގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައެވެ. މި ވޯކްޝޮޕުގައި ބައިވެރިވުމަށްޓަކައި 400 އަށްވުރެ ގިނަ މީހުން ރެޖިސްޓްރީ ފުރިހަމަކޮށްފައިވެއެވެ.

ރާއްޖޭގައި ޓިކްޓޮކް ފަދަ ސޯޝަލްމީޑިއާ އެޕްލިކޭޝަންތަކުން އެތަކެތީގެ ހަގީގީ މަންފާ ހޯދޭނެ ގޮތް ހެދުމަށްޓަކައިވެސް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ކުރި އެއް މަސައްކަތަކީ މަގުބޫލު އެޕްލިކޭޝަން ޓިކްޓޮކްގެ ވެރި ކުންފުނި ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. އަދި މިނިސްޓްރީންވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގް ކޮމިޝަން ދެމެދުވެސް ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ފަހިކޮށްދީފައެވެ.

ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކުގައި ފައިސާ ލިބުމުގައި ވެގެންދާ ލަސްތަކަށް ހައްލުތަކެއް ގެނައުމަށްޓަކައި އަދި މުދާ އިމްޕޯޓުކުރާއިރު ޑޮލަރަށް ޖެހޭ މައްސަލައަށްވެސް ހައްލެއް ގެނައުމުގެ ގޮތުން މިނިސްޓްރީން ކުރި މަސައްކަތްތައް މެދުވެރިކޮށް މޯލްޑިވްސް އިސްލާމިކް ބެންކުންވަނީ ޗައިނާ ފައިސާއިން މުއާމަލާތްތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ. ބެންކް އޮފް މޯލްޑިވްސްއިންވެސްވަނީ ފުރަތަމަ ފަހަރަށް ރަސްމީ ޗައިނާ ފައިސާ އެކައުންޓުތައް ހުޅުވުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

މިނިސްޓަރ ސައީދުވަނީ މި އަހަރުގެ ތެރޭގައި ތަރައްގީކޮށް ނިންމާފައިވާ ވެލާނާ އެއަރޕޯޓުގެ ކޮވެލި ލައުންޖު އިފްތިތާހުކޮށްދެއްވާފައެވެ. ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ނުލިބޭކަމަށްވުމުން ބައެއް މާލީ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި އޮތް ދަތިތަކަށް ހައްލެއް ގެނައުމަށްޓަކައި މިނިސްޓްރީގެ ބެލުމުގެ ދަށުން އުރީދޫ އަދި ޕޭޕަލްއިންވަނީ ގުޅިގެން ރާއްޖޭގައި ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައެވެ.

ރާއްޖޭގައި ބިދޭސީން ހިންގަމުންދާ ވަގު ވިޔަފާރިތައް ބަންދުކޮށް އެފަދަ ފުރުސަތުތަކަށް ދިވެހިންނަށް ޖާގަ ލިބިގެންދާކަން ކަށަވަރުކުރުމުގެ ގޮތުން ރިޕޯޓުކުރުމަށް އިރުޝާދުދީ މިނިސްޓްރީންވަނީ މި އަހަރުގެ ތެރޭގައި އިއުލާނެއް ކޮށްފައެވެ. އަމަލީގޮތުންވެސް މި މަސައްކަތްތައް ތަންފީޒުކުރެވިފައިވެއެވެ.

މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ ގުޅުންތައް ފުޅާވެގެންދިޔަ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އަދި މި ގުޅުންތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދަށާއި މާލީ ހާލަތަށްވެސް ކުރިއެރުންތައް ގެނެސްފައިވެއެވެ. މިނިސްޓަރ ސައީދުވަނީ މި އަހަރުގެ ތެރޭގައި މެލޭޝިއާގެ މިނިސްޓަރ އޮފް އިންވެސްޓްމަންޓް ޓްރޭޑް އެންޑް އިންޑަސްޓްރީއާއި ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖެއާއި މެލޭޝިއާގެ ބިޒްނަސް ފޯރަމްގެ ކުރިއަށް ބޭއްވި ބައްދަލުވުމެއްކަމަށްވާއިރު، ދެ ފަރާތުންވެސްވަނީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެއްބަސްވެފައެވެ.

މެލޭޝިއާ އާއި ގާތުގައި އޮންނަ ސިންގަޕޫރަކީވެސް މި ސަރަހައްދުގައި އޮތް ކުރިއަރާފައިވާ ގައުމުތަކުން އެއް ގައުމެވެ. ސަރުކާރުންވަނީ އެ ގައުމާއި ރާއްޖެ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ބިޒްނަސް ފޯރަމެއް ކުރިއަށް ގެންގޮސްފައެވެ. އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިނގިރޭސިވިލާތާއި ދެމެދު އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ބިޒްނަސް ފޯރަމެއް ބާއްވާފައިވާއިރު، އިންޑިއާ ދެމެދުވެސް އެއްބަސްވުންތަކެއް ގާއިމުކުރެވިފައިވެއެވެ.

މީގެ ތެރޭގައި ޔުނިފައިޑް ޕޭމެންޓު ނިޒާމުގެ އެއްބަސްވުމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި މަސައްކަތްތައް ފެށުމަށް އެއްބަސްވުން ހިމެނެއެވެ. ސްރީލަންކާގައިވެސް މި އަހަރުގައި މިފަދަ ބިޒްނަސް ފޯރަމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ތެރޭގައި އިންވެސްޓްމަންޓް މެދުވެރިކޮށް ރެސިޑެންސް ހަމަޖެހިގެންދާނެ އިންތިޒާމު ކަނޑައެޅުމަށްޓަކައި ރާއްޖެއާއި ހެންލީ އެންޑް ޕާޓްނާސް ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަ ކުރަނިވި އުސޫލުން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވައުދުވެވަޑައިގެންފައެވެ. މި ވައުދުފުޅު ފުއްދުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ސޯލާ ސިޓީ މަޝްރޫޢުއެއް ހިންގުމަށް އެއްބަސްވުން ހިމެނެއެވެ. ފޭސް ދެއެއްގެ މަސައްކަތްތައް ނިންމާލުމާއިއެކު މާފަރު ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހުޅުވާފައިވާއިރު، މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ސައީދުވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ އުފެއްދުންތެރިންނަށް ވިޔަފާރީގައި ރައްކައުތެރިކަން ލިއްބައިދިނުމުގެ ގޮތުންވެސް މި އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯދާފައިވެއެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ މޯލްޑިވްސް އިންޓެލެކްޝުއަލް ޕްރޮޕަޓީ އޮފީސް ބިލު މަޖިލީސް މެދުވެރިކޮށް ފާސްކުރުމެވެ. މި ބިލު މެދުވެރިކޮށް އުފެއްދުންތެރިންނާއި އުފެއްދުންތަކަށްވެސް ރައްކައުތެރިކަން ލިއްބައިދެވޭއިރު، މި މަސައްކަތްތަށް ކުރިއަށް ގެންދިއުމަށްޓަކައި އިންޓެލެކްޝުއަން ޕްރޮޕަޓީ އޮފީހުގެ ނަމުގައި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގުމަށް ވަކި މުއައްސަސާއެއް އުފައްދާފައިވެއެވެ.

އެހެންކަމުން 2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް ގިނަ ގޮންޖެހުންތަކާއި އެކުވެސް ކުރިއެރުންތަކެއް ހޯދައިދިން، އުންމީދުން ފުރިގެންވާ އަހަރެއްކަމުގައި ފާހަގަކުރެވޭނެއެވެ. ވިޔަފާރީގެ އައު ފުރުސަތުތަކާއި، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމާއި، އަދި ދިވެހި އުފެއްދުންތެރިކަމަށް ދިން ހިތްވަރުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިތުރަށް ފުޅާވެ، ކުރިއެރުމުގެ އައު ދޮރުތައް ހުޅުވިގެން ގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: