ސަރުކާރުން ކުރިއަށްގެންދާ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން 3,879 ފަރާތެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މި ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވަނީ ޖުމްލަ 4,000 ފްލެޓު ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 2,800 ފްލެޓާއި 2 ކޮޓަރީގެ 1,200 ފްލެޓެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް މި ފްލެޓުތަކުގެ ޙައްޤުވެރިންގެ ތެރެއިން 3,879 މީހަކާއެކު އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އަދި މިހާތަނަށް 399 ފަރާތަކަށް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ނިމިފައިވަނީ މި ޕްރޮޖެކްޓުގެ އެންމެ 32 އިންސައްތަ މަސައްކަތެވެ. ނަމަވެސް މި ސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި މަޝްރޫޢުގެ 68 އިންސައްތަ މަސައްކަތް ވަނީ ކުރިއަށް ގެންގޮސް ނިންމާފައެވެ.
ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށް ނިންމުމެވެ. މި މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

