މާލީ ސިޔާސަތުތައް އޮޅުވާލާ، ރައްޔިތުންނަށް މައުލޫމާތު ނުދީ ވެރިކަން ހިންގާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު (މަޓޭ) ސަރުކާރު ކުށްވެރިކޮށްފިއެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މައުރޫފު ވަނީ މިހާރުގެ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މައުރޫފު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އެތައް ވައުދުތަކެއް ވެވަޑައިގެން ކަމަށެވެ. ނަމަވެސް، ވެރިކަމަށް ދެ އަހަރު ފުރިގެންދިޔައިރު، ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި، ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިގުތިސާދީ ހާލަތު މީގެ ކުރިން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސް، ރައްޔިތުން ބޮޑު މާޔޫސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށްވެސް މައުރޫފު ވިދާޅުވިއެވެ.
ދަރަނި ދެއްކުމުގެ ކަންބޮޑުވުން
ކުރިއަށް އޮތް 2026 ވަނަ އަހަރަކީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ނަގާފައިވާ ސުކޫކުތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވާ އަހަރުކަން ފާހަގަކުރައްވަމުން، މައުރޫފު ވިދާޅުވީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ލޯނު ސަރުކާރުން ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ފައިސާ ދެއްކޭނެ ގޮތަކާ މެދު ސަރުކާރުން ސާފު ޖަވާބެއް ނުދޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
”މިއަދާއި ހަމައަށް އައިއިރުގަ، އެ ލޯނު ސަރުކާރަށް ދެއްކޭނެތޯ، އެ ލޯނަށް ފައިސާ ދައްކަން ވިސްނުން ގެންގުޅެނީ ކިހިނެއްތޯ، އެ ފައިސާ ހޯދަނީ ކިހިނެއްތޯ، ފައިސާ އެބަހުރިތޯ އަދި އެ ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި، ދިވެހި ރައްޔިތުންނަށް ވެގެންދާނީ ކިހިނެއްތޯ، މި ސުވާލުތަކަށް ސާފު ޖަވާބެއް ނުލިބޭ“ މައުރޫފު ވިދާޅުވިއެވެ.
މައުރޫފު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މާލީ އަދި އިގުތިސާދީ ސިޔާސަތު އޮޅުވާލާ، ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ މައުލޫމާތު ހިއްސާނުކޮށް ސަރުކާރުން ހިފަހައްޓަމުންދާ ކަމަށެވެ. އަދި ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގާނޫނުގެ ނިވާފައްގަނޑަކަށް ވެގެން ރައީސް މުއިއްޒު ވެރިކަން ހިންގަވަމުންދާ ދިޔުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

