ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުގެ މަސައްކަތް ސަރުކާރުން ބޭނުންވާ ސްޕީޑުގައި ކުރިޔަށް ނުދާތީ، މުއްތަލިބުގެ ކަންބޮޑުވުން!

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަދޭ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަ ނުޖެހޭކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވަނީ، ސަރުކާރުގެ އެކި މަޝްރޫއުތައް ކުރިޔަށްދާގޮތާއި ހުއްޓިފައި ހުރި ބައެއް ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފަ އެވެ. ބޮޑެތި ބައެއް މަޝްރޫއުތަކަށް އެކަށީގެންވާ ކުރިއެރުންތަކެއް ނުލިބުމާއި، އަދި އެދެވޭ ސްޕީޑުގައި ކުރިޔަށް ނުދާކަން މި ޕްރެސްގައި ބައެއް ނޫސްވެރިން ފާހަގަކުރި އެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ފަހުން ސަރުކާރުން ދީފައިވާ ތާރީހުތަކަށް ނިންމާލެވޭނެތޯ ސުވާލު ކުރި އެވެ.

ޖަވާބުގައި މިނިސްޓަރ ވަނީ މި މަޝްރޫއުގެ 67.35 އިންސައްތަ ނިމިފައިވީ ނަމަވެސް، މަސައްކަތް މިހާރު ކުރިއަށްދާ ގޮތުން ކުރިން ކަނޑައަޅާފައިވާ ތާރީހަށް ނިންމުމަކީ ދަތިކަމެއްގެ ގޮތުގައި ވިދާޅުވެފަ އެވެ. މުއްތަލިބު ވިދާޅުވީ، ސިނަމާލެ ބްރިޖުގެ މަސައްކަތް އެދެވޭ ގޮތަށް ލަސްވެފައިވާކަން ސަރުކާރުން މީގެކުރިން ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ. މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު، މަޝްރޫއު ނިންމުމަށް ކުރިން ކަނޑައަޅާފައިވާ ތާރީހުތަކަށް މަސައްކަތް ނިންމިދާނެކަމާއި މެދު މިނިސްޓަރ ވެސް ސުވާލު އުފެއްދެވި އެވެ. އެހެންވެ މައްސަލައިގައި ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާ އެކު މަސައްކަތް އަވަސްކުރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި މަޝްރޫއުއަށް ކުރިން 30 މަސް ދުވަހުގެ އިތުރު މުއްދަތެއް ދީފައިވާއިރު، އެއީ އިތުރު ފައިސާއެއް ކޮންޓްރެކްޓަރަށް ނުލިބޭ ގޮތަށް ކަމަށެވެ. ނަމަވެސް، މިހާރު ކޮންޓްރެކްޓަރުން އެ އިތުރު މުއްދަތާ ގުޅިގެން ކޭޝް ފްލޯގެ ދަތިކަމެއް ހުރިކަމަށް ބުނެފައިވާތީ، އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށް، މަސައްކަތް އަވަސްކުރުމަށް ފަސޭހަ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އެހެން ނަމަވެސް ކޮންޓްރެކްޓަރ މިހާރު އެ އެ 30 މަސް ދުވަހާ ގުޅިގެން އެބަ ވިދާޅުވޭ ކޭޝް ފްލޯގެ ދަތިކަމެއް ހުރި ވާހަކައާއި. މިހާރު އެބޭފުޅުންނަށް އެ އިނޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން ފެސިލިޓޭޓް ކޮށްދެވޭނެ އަވަސްކުރާނެ ގޮތެއްވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ. ކޮންމެގޮތެއް ވިޔަސް އެބޭފުޅުން މިހާރު ކޮންޓްރެކްޓަރ ޓާމިނޭޓްކޮށްފަ އާ ކޮންޓްރެކްޓަރެއް ހޯދައިގެން މަސައްކަތް ކުރުމަކީ ވެސް ވަރަށް ބޮޑެތި ކޮމްޕްލިކޭޝަންތަކެއް ހުރިކަމެއް. މި ކޮންޓްރެކްޓަރ އާބިޓްރޭޝަނަށް ގޮސް ޕްރޮޖެކްޓް ހުއްޓި ނޫނީ އާ ކޮންޓްރެކްޓަރެއް ހޯދައިގެން މަސައްކަތް ފަށަން ލަސްވެ ހުރިހާކަމެއް ގެއްލިގެން ދިއުމަކީވެސް ވަރަށް ދަތިކަމަކަށްވާނެ. އެހެންވީމަ އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ގެންދަނީ މި ދެންނެވި ގޮތަށް ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާއި ވާހަކަ ދައްކައިގެން މަސައްކަތް ހަލުވިކުރާނެ ގޮތަކަށް.

މަސައްކަތް ކުރިޔަށްދާ ގޮތާއި މެދު ހިތްހަމަނުޖެހޭތީ، ނުވަތަ މާބޮޑެތި ލަސްތަކެއް އަންނާތީ ކޮންޓްރެކްޓަރުގެ އެއްބަސްވުން ބާތިލުކޮށް، އާ ކޮންޓްރެކްޓަރެއް ހޯދައިގެން މަސައްކަތް ކުރިއަށް ގެންދިއުމަކީ ވަރަށް ގިނަ މައްސަލަތަކެއް އުފެދިދާނެކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮންޓްރެކްޓަރު އާބިޓްރޭޝަނަށް ގޮސް މަޝްރޫއު ހުއްޓުމަކަށް އައުމުގެ ފުރުސަތު އޮތްއިރު، އަނެއްކާ ވެސް އިތުރު ކޮންޓްރެކްޓަރެއް ނަގައިގެން މަސައްކަތް ކުރިޔަށް ގެންދާނަމަ މާބޮޑެތި ލަސްތަކެއް އަންނާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެހެންކަމުން، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށް މަސައްކަތް ހަލުވިކުރެވޭނެ ގޮތެއް ހޯދުމަށްކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ސިނަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް 30 އިންސައްތައަށް ވެސް އަރާފައި ނުވާކަމަށާއި، މިހާރު އެއަށްވުރެ ބޮޑު ކުރިއެރުމެއް ހޯދައި 67 އިންސައްތައަށްވުރެ ގިނަ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބްރިޖުގެ މޫދު އަޑީގައި ކުރަންޖެހޭ ސަބް-ސްޓްރަކްޗަރ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށް ދަނީ ސެގްމެންޓްތައް ގުޅާލުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިނިސްޓަރ ވަނީ ސްޕީޑާއި މެދު ހިތްހަމަނުޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

”ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު“ ނުވަތަ ”ތިލަ މާލެ ބްރިޖު“ގެ ނަމުން ނަންދީ ކުރިޔަށް ގެންދާ މަޝްރޫއުގެ އެކި ސާވޭތައް ކުރިޔަށް ގެންގޮސް ތާރީހުތަކެއް ދިން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ ބްރިޖުގެ އެއްވެސް ފޭސްއެއް ނިންމާނުލެވި އެވެ.

ބްރިޖަށް ބޮޑު ހަރަދުތަކެއް ހިނގިއިރު 7.7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ފަށަން ގަސްތުކުރި އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. އަދި އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރުވެސް ހޯދާއިފައި ވެއެވެ.

އެއަށް ފަހު އައު ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު އާންމު ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި، ރައީސް ސޯލިހު ވަނީ ދައުރު ނިމުމާއި ގާތްވެފައި ވަނިކޮށް އެއްބަސްވުން އިތުރުކޮށް 2026، ސެޕްޓެމްބަރ 30 އަށް އެ ދަންމާލާފަ އެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ތާރީހަށް ވެސް ބްރިޖު ނިމެނޭކެމަަށް ނުބެލެވޭކަމަށެވެ.

މި ސަރުކާރުން ދީފައިވާ ތާރީހުތަކުގައި، މާލެއިން ވިލިމާލެއަށް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގުޅުވާލެވޭނެކަމަށް ލަފާކުރި އެވެ. ވިލިމާލެ އާއި ގުޅިފަޅާ ދެމެދު ބްރިޖު އަޅައި ނިންމާލެވޭނެކަމަށް ލަފާކޮށްފައި ވަނީ މާޗް، 2026 ގައެވެ. އަދި މުޅި މަޝްރޫއު މަޝްރޫއު އެއްކޮށް ފުރިހަމަ ކުރެވޭނެކަމަށް ލަފާކުރީ ސެޕްޓެމްބަރު، 2026 ގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: