އައުއަހަރާއި ދިމާކޮށް ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކުރާ ކުށްތައް ހުއްޓުވުމަށް ކުރިއަށް ގެންދާ ރިވެލި އޮޕަރޭޝަންގެ ތެރެއިން ހައިވޭގައި ޗެކް ޕޮއިންޓުތައް ބަހައްޓައި ކޭ-9 ސްކޮޑްގެ ކުއްތާތައް ބޭނުން ކުރާނެ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ އައު އަހަރާއި ދިމާކޮށް ކުރިއަށް ގެންދާ އޮޕަރޭޝަން ރިވެލި އަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ގިނަ އަދަދެއްގެ ފުލުހުން މަގުތަކުގައި ހަރަކާތްތެރިވެ، ޗެކް ޕޮއިންޓުތައް ޖެހުމުން ރައްޔިތުންނަށް އުންދަގޫ ވެދާނެ ކަމާއި މެދު ސުވާލު އުފޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން ފުލުހުން މަގުތަކުގައި ހޭދަކުރާ ވަގުތަކީ ރައްޔިތުންނަށް އުނދަގުލަކަށް ނުވެ، ރައްޔިތުންނަށް ގައިޑް ކޮށްދޭ ބަޔަކަށް ވުމަށް ބާރު އަޅާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މުޅި އޮޕަރޭޝަންވެސް ބަހާލެވިގެންދަނީ އެގޮތުގެ މަތިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އައު އަހަރާއި ދިމާކޮށް ކުރިއަށްގެންދާ ކުށްތަކަކުގެ ގޮތުގައި ޒުވާނުން ޕާޓީކުރުމާއި އެފަދަ ކަންކަން ކުރުމަށް، ގާނޫނާއި ގަވާއިދާއި ހިލާފު ކަންކަން ކުރުމާއި، ދިޔާތަކެތި ބޭނުންކޮށްގެން ޕާޓީކުރުން ފަދަ ކަންކަން ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިދިޔަ އަހަރުތަކުގައިވެސް ފުލުހުންގެ އެކި ބަހާތަކާއި ގުޅިގެން އެފަދަ މައްސަލަތައް ހައްލުކޮށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
”އެހެންވީމާ ކުރީ އަހަރުތަކޭ އެއްފަދައިން އެފަދަ ކަމެއް ކުރުމަށް ފުރުސަތު ނުދީ، ކުރީބައިގަ އަޅުގަނޑުމެން އެންކަމަށް އެޓެންޑުވަން. މިހާރު މާލޭގައި މި ދެންނެވި ގޮތަށް، މާލެއާއި ހުޅުމާލޭގައި މުހިންމު އެކި އޭރިއާތަކުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ހުރި މުހިންމު އޭރިއާތަކަށް ޓާގެޓުކޮށްގެން، ވަކި ގަނޑިިތަކެއްގައި އަޅުގަނޑުމެން މިކުރޭ ޕެޓްރޯލިން އަޅުގަނޑުމެން މިޖަހާ ވީސީ ތަކުގެ އަލީގައި އެއްތަނުން އަނެއް ތަނަށް އެއްޗެހިތައް ދުއްވާއެއްޗެހީގައި ގެންދާ ފަރާތްތަކަށް ކޮންމެ ގޮތެއް ވިޔަސް ދަތިތަކެއް ކުރިމަތި ވަމުން އަންނާނެ. އެހެންވީމަ އެކަންކަން މިނިމައިޒްވާނެ ހަގީގަތެއް އެއީ. އެމަސައްކަތުގެ ތެރެއިން އަޅުގަނޑުމެން ގަބޫލުކުރަނީ ބޮޑު ބަދަލެއް އަންނާނެ ކަމަށް“
ފުލުހުން ބުނެފައިވަނީ އަތޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސް އުޅޭއިރުގައި އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތައް މާލެ އަންނައިރު، މި މާހައުލަކީ މީ ތަފާތު މާހައުލަކަށް ވެގެންދާނެ ކަމަށާއި، މާލޭގެ އުފާވެރިކަން ހޯދުމަށް އަންނަ ފަރާތްތަކަށްވެސް އެ ރައްކާތެރިކަން ދިނުމަކީ އެއް މައިގަނޑު މަގްސަދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން މާލެއިން ބޭރަށް ދިއުމުން، ފުލުހުންގެ މަސައްކަތުން އެމީހުންގެ ގޭގައި ބަހައްޓާފައު ހުންނަ މުދަލާއި ގެއާއި ރައްކާތެރި ކޮށްދިނުމަކީ ފުލުހުން ގެ އެއް އަމާޒު ކަމަށެވެ. މާލެއަށް ބަލާއިރު 8 ސަރަހައްދެއްގައި ވެހިކަލް ޗެކް ޕޮއިންޓު ގާއިމްކުރުމަށް ފަހު، 38 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އެ ހިދުމަތުން ވަނީ ބުނެފައެވެ. އެހެންކަމުން ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކާއި، ސައިލެންސަރު މޮޑިފައިކޮށްގެން ކަންފަތައް އުންދަގޫ ވާ ގޮތަށް ދުއްވާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ އައުއަހަރާއި ދިމާކޮށް ކުރިއަށްގެންދާ އެކި ހަރަކާތްތަކުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ކަންކަްނ ކުރާ ނަމަ ފުލުހުންވެސް އެކަމަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ކުރިއަށް ގެންދެވޭ އިވެންޓުތަކަށްވެސް ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނެވިފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

