ނިމިދިޔަ 15 އަހަރުގައިވެސް ނުހިއްކާ ވަރަށް މިސަރުކާރުން އެކިއެކި މަޝްރޫއުތަކަށް ރެކޯޑް އަދަދަށް ބިން ހިއްކާފައިވާ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އަސަދު ވިދާޅުވީ މިއަހަރު މިއީ ވަރަށް އުންމީދީ އަހަރެއް ކަމަށެވެ. އުމްރާނީ ތަރައްގީ މިއަށްވުރެ ގިނައިން ހިނގި އަހަރެއް ރާއްޖޭގެ ތާރީހުގައިވެސް ނޯންނާނެ ކަމަށް މެމްބަރު ވިދާޅުވީއެވެ. ރާއްޖޭގެ ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ދާ ކަމަށް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ. މެމްބަރު ވިދާޅުވީ ކަމެއް ނުހިނގާކަމަށް ބުނަންވާނީ ކަމުގެ ހަގީގަތް ބަލާފައި ކަމަށެވެ.
ބޯހިޔާވަހިކަމަށް އަލިއަޅުވާލައްވާ އަސަދު ވަނީ 2000 ފުލެޓު ދެ އަހަރުގައި އެޅުނީ ކޮން ސަރުކާރަކަށްތޯ ސުވާލު އުފައްދަވާފައެވެ. އަސަދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ބިންގާ އޮތީ އެޅިފައި ކަމަށެވެ. ބޯހިޔާވަހިކަމަށް މިހާ ގިނަ ބިން ހިއްކި ސަރުކާރެއްވެސް ކުރިއަށް ނުދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ކަންކަން ދަނީ ފަތުއަޑު ކިޔާފައި ކުރިއަށް ކަމަށާއި، ފޭސް 2 ގެ ބޮޑު އިންސައްތައެއްވެސް ހިއްކާ ނިމިފައިވާ ކަމަށް ވޮދާޅުވިއެވެ. އަދި ރަސްމާލެ ޕްރޮޖެކްޓުވެސް ދަނީ ހަމަ ހުއްޓުމެއް ނެތި ކުރިއަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
”ރަސްމާލެ ކުރިއަށް ދާނެ ސްޕީޑު ނިންމަން ހިޔެއްނުވޭ ރައީސް ޔާމީނާއި އެއްވެސް މީހެއް ހަވާލުކުރި ހެނެއް. ޑްރެޖަރަކުން ހިއްކާ ޕްރޮޖެކްޓެއްވީމަ އޭގެ ކެޕޭސިޓީއާއި، އޭގެ އެ އޮޕަރޭޝަންއަކީ އަޅުގަނޑަކަށް ހިޔެއް ނުވޭ ރައީސް ޔާމީން ކަނޑައަޅުއްވާ ކަމެއް ހެނެއް. ޓެކްނިކަލީ އޭގެ ކޮމެންޓެއް ކުރައްވަން، ކޮން ކޮމެންޓެއްތޯ ކުރެވޭނީ“
ނިމިދިޔަ 15 އަހަރުގައިވެސް ނުހިއްކާ ވަރަށްވެސް މި ސަރުކާރުގައި ބިން ހިއްކާފައިވާ ކަމަށް މެމްބަރު ތަކުރާރުކުރެއްވިއެވެ. އެހެން ސަރުކާރުތަކާއި ހިލާފަށް މިސަރުކާރުން ޕްލޭނެއް ގެންގުޅޭ ކަމަށާއި، ބިންވެސް ހިއްކަނީ ހިތައްއެރި ގޮތަކަށް ނޫން ކަމަށާއި، ޕްލޭނެއްވެސް އޮވެގެން ކަމަށެވެ. އެތަނެއް ހިއްކުމަށް ފަހު ކުރާނެ ކަންކަން ވަނީ ކުރިން ކަނޑައެޅިފައި ކަމަށް މެމްބަރު ވިދާޅުވިއެވެ. އަސަދު ވިދާޅުވީ އެއްވެސް ބަޔަކަށް، ބިން ނުހިއްކަޔޭ ނުވަތަ އެހެން ބުނެ ދެއްކޭނެ ވާހައެއް ނޯންނާނެ ކަމަށެވެ.
އަސަދު ވިދާޅުވީ އެއްވެސް ރައީސަކު މީގެ ކުރިން، ރައްޔިތުންނާއި އެހާ ގާތުން އަދި މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ޖަލްސާތަކަކީވެސް އެހެން ސަރުކާރަކުން ނުކުރާ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. ރައްޔިތުންގެ ބައްދަލުވުންތަކަށް އަމާޒުފާ ފާޑުކިޔުން ތަކަށް ރައްދުދެއްވާ މެމްބަރު ވަނީ ރައްޔިތުންގެ ހިޔާލު ނުހޯދަންވީތޯ ސުވާލު އުފައްދާފައެވެ.
މި ސަރުކާރަކީ މެނިފެސްޓޯގައި ކަނޑއަޅާފައިވާ ކަންކަން ކުރުމުގައިވެސް ރައްޔިތުންގެ ހިޔާލު ހޯދާނެ ސަރުކާރެއް ކަމަށް މެމްބަރު ވނީ ވިދާޅުވެފައެވެ. އެއީ ރައީސްގެ ސިޔާސަތު ކަމަށާއި، އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

