ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު އެންމެ ގިނައިން ސްކޭމް ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސްގައި: ފުލުހުން

ދިވެހި ފުލުހުންގެ އިދާރާގެ ހެޑް ކުއާޓާސް، ހުސައިން އާދަމް ބިލްޑިންގ/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ސްކޭމްގެ މައްސަލަތައް ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މާޗް 17 އިން ފެށިގެން އެ ސެންޓަރަށް ރިޕޯޓުކޮށްފައިވާ 1,663 މައްސަލައިގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ.

ސްކޭމްގެ ޝިކާރައަށްވާ ފަރާތްތަކުގެ ތަފްސީލް

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސްކޭމްތަކުގެ ޝިކާރައަށްވާ ފަރާތްތަކުގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން ރިޕޯޓުކުރި މައްސަލަތަކުގެ 64 އިންސައްތައަކީ ފިރިހެނުން ކަމަށްވާއިރު، އަންހެނުންގެ ނިސްބަތަކީ 36 އިންސައްތައެވެ. އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނައިން ސްކޭމްގެ މަޅީގައި ޖެހިފައިވަނީ 26 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންނެވެ. މި އުމުރުފުރައިގެ 914 މީހަކު ޝިކާރައަކަށްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެން އުމުރުފުރާތަކަށް ބަލާއިރު، 45 އަހަރާއި 59 އަހަރާ ދެމެދުގެ 340 މީހުން، 18 އަހަރާއި 25 އަހަރާ ދެމެދުގެ 252 މީހުން، އަދި 60 އަހަރުން މަތީގެ 149 ފަރާތެއް ހިމެނެއެވެ. 18 އަހަރުން ދަށުގެ އެކަކު މިފަދަ މައްސަލައެއްގައި ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.

ސްކޭމް ހިންގުމަށް ބޭނުންކުރާ މަންސަތައް

ސްކޭމް ހިންގުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސް (603 މައްސަލަ) އެވެ. ދެވަނައަށް އެންމެ ގިނައީ ވައިބާ މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތަކެވެ (527 މައްސަލަ). މީގެ އިތުރުން ފޯނު ކޯލް (121)، ޓެލެގްރާމް (62)، އައިބޭ (55)، އަދި ފޭސްބުކްގެ އާންމު ޕޯސްޓުތަކާއި މެސެންޖަރ މެދުވެރިކޮށްވެސް ގިނަ އަދަދެއްގެ ސްކޭމްތައް ހިންގާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މަދު އަދަދަކަށް ވަޓްސްއެޕް، އިންސްޓަގްރާމް، ޓިކްޓޮކް އަދި އީ-ސިމް މެދުވެރިކޮށްވެސް ސްކޭމްތައް ހިންގާފައިވެއެވެ.

ފައިސާ އަނބުރާ ހޯދުމުގައި ލިބުނު ކުރިއެރުން

ސްކޭމްގެ މައްސަލަތަކުގައި އެންމެ ބޮޑު ގޮންޖެހުމަކީ ގެއްލޭ ފައިސާ އަނބުރާ ހޯދުން ކަމަށްވީ ނަމަވެސް، ފުލުހުންގެ އާ ނިޒާމުގެ ދަށުން މިހާތަނަށް 539 ފަރާތަކަށް ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދައިދެވިފައިވެއެވެ. ޖުމްލަ ގޮތެއްގައި ގެއްލުނު 22.7 މިލިއަން ރުފިޔާގެ ތެރެއިން 8.5 މިލިއަން ރުފިޔާ (37 އިންސައްތަ) ވަނީ އަނބުރާ ހޯދިފައެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، ރައްޔިތުންގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވުމަށާއި، ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: