ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައި، އެކަމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިއަދު ނެރުއްވައިފިއެވެ.
މި ނިންމެވުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމާ ބެހޭ ޤަރާރަށް ވަނީ އިޞްލާޙު ގެންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ޤަރާރުގައިވާ ގޮތުން، މި ބަދަލު ގެންނެވުމުގެ މައިގަނޑު ބޭނުމަކީ 2026 އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކުރިން، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 8 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުން، މީހުން ދިރިއުޅޭ ރަށެއް ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެ މީހުންގެ އިންތިޚާބީ ދާއިރާ ކަމުގައި ބަލަންވާނީ އަލަށް ބަދަލުކުރެވުނު ރަށެވެ. ސަރުކާރުން މިހާރު ދަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަރުޙަލާގެ މަސައްކަތްތައް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅޭނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން އެ ރަށް އުނިކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން ރަސްމީކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.

