ޤަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި މާލޭގެ މާފަންނު އަވަށުގައި ހުރި ކެފޭއަކާއި ގެއެއް ބަލައިފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ 6 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައުދަރީ ސްރެންދްރަ (43އ)، ސުގަންދަ ކުމާރު ޗައުދަރީ (28އ)، ޗައުދަރީ (24އ)، މަކަރް ބަހާދުރް ޓަމަންގް (27އ)، ބިޝްވަނާތް ޗައުދަރީ (37އ) އަދި ރަމްރި މާޔާ ވައިބާ (27އ) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލާގައި ހައްޔަރުކުރި އެންމެން މިހާރު ވަނީ ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.

