ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، ވަކި ޖަމާއަތަކީ ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ފުރަތަމަ ފަހަރަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ފެށި އައު ޤާނޫނުގެ ދަށުން މިފަދަ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނިގޮތުގައި، މި ޤާނޫނަށް އަމަލު ކުރަން ފެށި ފަހުން މިހާތަނަށް 6 ތަނެއް ބަލައި ފާސްކޮށް، 7 މައްސަލައެއްގައި 11 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ދެ މީހަކު އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ. އަދި ދެ މައްސަލައެއްގައި ދައުވާ ކުރުމަށް މިހާރު ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.
ގޭންގް ކްރައިމް އިންވެސްޓިގޭޝަން ހިންގުމާ ހަވާލުވެ ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، ޤާނޫނުގައިވާ ގޮތުން ގޭންގެއް ކަނޑައެޅުމުގެ މަރުހަލާތަކެއްވާ ކަމަށެވެ. އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އެންޑޯސް ކުރައްވައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ އޮފީހުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅަން ޖެހެއެވެ. ވަކި ޖަމާއަތަކީ ގޭންގެއް ކަމަށް ރަސްމީކޮށް ކަނޑައަޅާނީ ހައި ކޯޓުންނެވެ.
”ގޭންގެއް ކަނޑައެޅުމަށްޓަކައި މިހާރު އެއް މައްސަލައެއް ވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން އަޅުގަނޑުމެންނަށް ލަފާ ދީފައިވާ ކަންކަން މިހާރު މިގެންދަނީ ކުރަމުން. އަދި އަތޮޅުތެރެއިންވެސް އަޅަގަނޑުމެން މިދަނީ ގޭންގެއް ކަނޑައެޅުމަށްޓަކައި ޝަރުތު ހަމަވާ ފަރާތްތަަކަކީ ކޮބައިތޯ ބަލަމުން،“ އިސްހާގު ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ބޮޑު ކުށެކެވެ. އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 2 ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށެއް ކުރަން އުޅުމާއި އެހީތެރިވުމަކީވެސް 18 އަހަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.
މީގެ އިތުރުން، ގޭންގުތަކަށް މީހުން ހޯދުމާއި (ރެކްރޫޓް ކުރުން) ކުޑަކުދިން ބޭނުންކޮށްގެން ކުށް ކުރުވުމަކީވެސް މި ޤާނޫނުގެ ދަށުން ހަރުކަށި އަދަބު ކަނޑައެޅިފައިވާ ކަންކަމެވެ. ކުޑަކުއްޖަކު ރެކްރޫޓް ކޮށްފިނަމަ 25 އަހަރުގެ ޖަލު ހުކުމެއް އަންނައިރު، ބޮޑެތި މީހުން ރެކްރޫޓް ކުރުމަށް 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވެއެވެ. އަދި ގޭންގުތަކަށް އެހީވާ ފަރާތްތަކާއި، ކުށް ކުރުމަށް އަމިއްލަ ތަންތަން ދޫކުރާ ފަރާތްތަކަށްވެސް ބޮޑެތި އަދަބުތައް ލިބޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

