ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޫކުރުމަށް ނިންމާފައިވާ މާލީ އެހީ ނުވަތަ މީޑިއާ ގްރާންޓަށް އެދި ހުށަހެޅި 57 މީޑިއާގެ ތެރެއިން ޝަރުތު ފުރިހަމަވީ 41 މީޑިއާއެއް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ހާމަކޮށްފިއެވެ.
އެމްއެމްބީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މީޑިއާތަކަށް ދޫކުރާ ގްރާންޓަށް ހުށަހެޅުމަށްޓަކައި 57 މީޑިއާއަކުން ޕްރޮފައިލް އުފައްދާފައިވާ ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަންސް ލިބިގެން މެދުކެނޑުމެއްނެތި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށެވެ. މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް، ހާއްސަ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލީ 2025 ޑިސެމްބަރު 25 ވަނަ ދުވަހު، އެކަމާ ގުޅޭ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާ އެކުގައެވެ. އެހީއަށް އެދި ހުށަހެޅުމުގެ ސުންގަނޑި ހަމަވުމަށްފަހު، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 8 ޝަކުވާއެއް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ރިވިއު ކޮމިޓީން ބަލައި 3 ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށް އެމްއެމްބީސީން މައުލޫމާތުދެއެވެ.
މީޑިއާތަކަށް މާކްސް ދިނުމުގައި ބަލާފައިވާ މިންގަނޑުތަކުގެ ތެރޭގައި، މީޑިއާ ހިންގާފައިވާ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މީޑިއާ ހައުސް ކުރިއެރުވުމަށް ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނާއި، ކޮންޓެންޓްގެ ބާވަތާއި، މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތައް ހިމެނެއެވެ.
މީޑިއާތަކަށް މާލީ އެހީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި އެމްއެމްބީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެގޮތުން، ޝަރުތު ހަމަވާ މީޑިއާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން، 2025 ވަނަ އަހަރުގެ މާލީ އެހީ ލިބޭ ހުރިހާ މީޑިއާތަކަށް ފައިސާ ދޫކުރާނީ އެއް ޕޭމަންޓެއްގެ ގޮތުގައި ކަމަށް އެމްއެމްބީސީން ވަނީ ބުނެފައެވެ.

